"އިންޑިޔާ އުޅެނީ މޮޔަވެގެން ނޫން" ކަމަށާއި މީހެއްގެ މަޝްހޫރު ކަމަކުން އެމީހަކު ކުރާ ޑިމާންޑްތަކަށް އިޖާބައެއް ނުލިބޭނެ ކަމަށް ވިދާޅުވެ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

"އިންޑިޔާ މޮޔައެއް ނުވޭ، މީހަކު އެމީހާގެ މަޝްހޫރުކަމުން ކުރާ ޑިމާންޑްތަކަކަށް އިޖާބައެއް ނުލިބޭނެ. އިންޑިޔާއަކީ ޒިންމާދާރު ގައުމެއް،" ޕްރެސް ޓްރަސްޓް އޮފް އިންޑިޔާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއްގައި ރައީސް ޑރ. ވަހީދު ވިދާޅުވި ކަމަށް ހިންދުސްތާން ޓައިމްސްގައިވެ އެވެ.

އަވަސް އިންތިހާބަކަށް ބާރުއަޅައި ދިނުން އެދި ކުރީގެ ރައީސް ނަޝީދު އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތް ކުރައްވައި ރައީސް ޑރ. ވަހީދު ދެއްކެވި އެ ވާހަކަފުޅުގައި އަދި ވިދާޅުވެފައި ވަނީ އިންޑިޔާ އަށް ވަނީ ރާއްޖޭގެ މައުލޫމާތު ރަނގަޅަށް ލިބިފައި ކަމަށާއި އެހެންވީމާ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމެއް ނެތް ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ރާއްޖޭގެ ދާހިލީ ކަންތައްތަކަށް އިންޑިޔާ އިން ބާރު ނުފޯރުވާނެ ކަމަށެވެ.

އެނޫހުން އަދި ބުނީ ވެރިކަން ބަދަލުކުރުމުގެ ކަންކަން ރޭއްވެވީ ކުރީގެ ރައީސް މައުމޫނު ކަމަށް ރައީސް ނަޝީދު ކުރައްވާފައިވާ ތުހުމަތުތަކީ ވެސް އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"އޭނާ (ނަޝީދު) ދަނީ ހުރިހާ ވައްތަރެއްގެ ތުހުމަތުތައް ކުރަމުން. ބައެއް ތުހުމަތުތަކަކީ ނުރައްކާތެރި ތުހުމަތުތައް. އަދި އިންޑިޔާގެ އޮފިޝަލުންނާ ބެހޭ ގޮތުން ވެސް. މާ އަވަސް އަވަހަށް ހަނދާން ނެތެނީހެން އަޅުގަނޑަށް ހީވަނީ." ރައީސް ޑރ. ވަހީދު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.