05 Oct 2023, 17:11
ބައިނަލްއަގުވާމީ ޔުނިވާސިޓީތަކާއެކު އެޑިއުވެސްޓްގެ އެޑިއުކޭޝަން އެކްސްޕޯ މިއަދު ފަށައިފިއެވެ.
މި އެކްސްޕޯ ފެށީ މީރުމާ ހޮޓަލުގައި އޮތް ޚާއްސަ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރާއި، އޮސްޓްރެލިއާ، ބަނގްލަދޭޝް އަދި މެލޭޝިއާގެ ހައި ކޮމިޝަނަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ލަފާދޭ ޚިދުމަތްތަކަކީ ރާއްޖެއަށް މިހާރު ވަރަށް ބޭނުންތެރި ޚިދުމަތެއް ކަމަށެވެ އަދި އަލަށް ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް އެންމެ ރަނގަޅު ޔުނިވާސިޓީއެއް ހޯދުމަށް ވެސް މިފަދަ ޚިދުމަތްތައް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރުން މަތީ ތައުލީމަށް ޚާއްސަ ސަމާލުކަމެއް ދީގެން ދަރިވަރުންނަށް މަތީ ތައުލީމު ހާސިލު ކުރުމަށް ޓަކައި އެތައް ފުރުސަތުތަކެއް ހުޅުވާލައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިލޭ ފުރަތަމަ ޑިގްރީ ހެދުމުގެ ފުރުސަތު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ސްކީމުގެ ސަބަބުން ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ވެސް ތައުލީމު ހާސިލު ކުރުމަށްޓަކައި ގިނަ އަދަދެއްގެ ކުދިން އެޕްލައި ކުރިތަން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފި. މިއަދުގެ ހެނދުނާ ހަމައަށް މި ސްކީމުގައި ރެޖިސްޓާ ވެފައިވާ ދަރިވަރުންގެ އަދަދު މިވަނީ 18،803 އަށް އަރައިފަ. އަދި 636 މިލިއަން ރުފިޔާއަށް ވުރެ ގިނައިން އަޅުގަނޑުމެން މި ސްކީމަށް މިހާރު ޚަރަދުކޮށްފިން،" މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--
މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ގިނަ އަދަދެއްގެ ދަރިވަރުންނަށް ބޭރަށް ކިޔަވަން ދިއުމުގެ ފުރުސަތު ދިނުމަށްޓަކައި ސްޓޫޑެންޓް ލޯން ސްކީމުވެސް އިންޓްރެސްޓަކާ ނުލައި، މިހާރު ފުޅާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާރުވެސް ސްޓޫޑެންޓް ލޯން ސްކީމަށް ޚަރަދު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ފެށި އެޑިއުކޭޝަނަލް އެކްސްޕޯ އާ ގުޅޭ ގޮތުން އެޑިއުވެސްޓްއިން ބުނީ މި އެކްސްޕޯ މިއަދުގެ އިތުރުން މާދަމާ އާއި ހޮނިހިރު ދުވަހު ވެސް ކުރިއަށް ދާނެ ކަމަށެވެ. މި ހަރަކާތް ކުރިއަށް ދާނީ މި ތިން ދުވަހުގެ ހަވީރު، 16:00 އިން ފެށިގެން ރޭގަނޑު 22:00އަށް ކަމަށްވެސް އެޑިއުވެސްޓްއިން ވަނީ ބުނެފައެވެ.
މި އެޑިއުކޭޝަން އެކްސްޕޯގައި އޮސްޓްރޭލިއާ، މެލޭޝިއާ، ބަންގްލަދޭޝް އަދި ސްޕެއިންގެ މަގުބޫލު ޔުނިވާސިޓީތަކުގެ މައުލޫމާތު ލިބޭނެއެވެ. އަދި އެ ޔުނިވާސިޓީތަކުގެ މީހުންނާ ބައްދަލު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އެޑިއުކޭޝަން އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--
އެޑިއުވެސްޓްއިން ބުނީ، އެކި ގައުމުތަކުގެ ޔުނިވާސިޓީތަކުން ލިބެން ހުރި ސްކޮލާޝިޕްތަކުގެ މައުލޫމާތު މި އެކްސްޕޯއިން ލިބި، ވަގުތުން ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މި އެކްސްޕޯއަށް ވަނުމަށްފޯމުފުރުމަށްފަހު ހިލޭ ވަދެވޭނެއެވެ. އަދި ސްޓޫޑެންޓް ވިސާއާއި، މަސައްކަތު ދާއިރާތަކާއި، ކުރިމަގުގައި ވަޒީފާގެ ފުރުސަތުތަކަށް އަންނާނެ ބަދަލުތަކާ ގުޅޭ މަސައްކަތު ބައްދަލުވުންތަކެއް ވެސް އެކްސްޕޯގެ ތެރެއިން ކުރިއަށް ދާނެކަމަށް އެޑިއުވެސްޓްއިން ބުންޏެވެ.
އެކްސްޕޯއަށް ދާ މީހުންގެ މެދުގައި ލަކީ ޑްރޯއެއް ނަގައި، ކިޔަވާ ކުދިންނަށް ބޭނުންހިފޭނޭ ވަރަށް ޚާއްސަ ހަދިޔާއެއް ދޭނެ ކަމަށް ވެސް އެޑިއުވެސްޓްއިން ބުނެފައިވެއެވެ.