ވޮޝިންޓަން (5 އޮކްޓޯބަރު 2023): އެމެރިކާގެ ކޮންގްރެސްގެ ތިރީގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީ މަގާމުން ދުރުކޮށްފިއެވެ.

މެކާތީ މަގާމުން ދުރުކުރީ އޭނާގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައިގެންނެވެ. އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެކާތީ މަގާމުން ދުރުކުރުމަށް ތާއީދުކޮށް ހައުސްގެ 433 މެންބަރުންގެ ތެރެއިން 216 މެމްބަރުން ވޯޓު ދެއްވިރު އެކަމާދެކޮޅަށް ވޯޓުދެއްވީ 210 މެމްބަރެކެވެ. ހަތް މެންބަރަކު ހާޒިރެއް ނުވެއެވެ.

ހައުސްގައި އަޣުލަބިއްޔަތު އޮތީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ނަމަވެސް މެކާތީއާ ދެކޮޅަށް އިތުބާރުގެ މައްސަލަ ހުށަހެޅީ ރިޕަބްލިކަން ޕާޓީގެ މެންބަރެއްކަމަށްވާ މެޓް ގޭޒް އެވެ. މިއީ އެމެރިކާގެ 250 އަހަރުގެ ޑިމޮކްރަސީގެ ތާރީޚުގައިވެސް ހައުސްގެ ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއްނަގައި އޭނާ މަގާމުން ދުރުކުރި ފުރަތަމަ ފަހަރެވެ.

މެކާތީއާ ދެކޮޅަށް ނެގި އިތުބާރުގެ ވޯޓުގައި އޭނާއާ ދެކޮޅަށް 216 މެންބަރުން ވޯޓުދިންއިރު އޭގެތެރޭގައި ހިމެނެނީ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ 210 މެންބަރުންނާއި ރިޕަބްލިކަން ޕާޓީގެ އަށް މެންބަރެކެވެ. މި އަށް މެންބަރުންނަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވާ މެންބަރުންކަމަށްވެއެވެ.

މެކާތީ މަގާމުން ދުރުކުރުމަށް މި އަށް މެންބަރުން ތާއީދުކުރީ ރައީސް ޖޯ ބައިޑަންގެ ސަރުކާރަށް (މައިސަރުކާރަށް) ބޭނުންވާ ކުރިޔަށްއޮތް އަހަރުގެ ބެޖެޓް ފާސްނުވެ ލަސްވަމުންދާތީ އޭނާގެ ސަރުކާރު (ނުވަތަ ފެޑްރަލް ސަރުކާރު) ވަގުތީ ގޮތުން ބަންދުކޮށް ބަޖެޓް ލިބެންދެން ފެޑްރަލް ސަރުކާރުގެ މުވައްޒަފުން ގެއަށް ފޮނުވާލަންޖެހޭ ހާލަތަށް ގޮސްފައިވަނިކޮށް އެކަމުން ސަލާމަތް ވުމަށްޓަކައި ބައިޑެންގެ ސަރުކާރުން ހުށަހެޅި ވަގުތީ ބަޖެޓް ފާސްކޮށްދިނުމަށް މެކާތީ އެހީތެރިވެވަޑައިގަތުމުން އެކަމާ ކޯފާވެގެންނެވެ.

މެކާތީއާ ދެކޮޅަށް ވޯޓުދިން ރިޕަބްލިކަން ޕާޓީގެ އަށް މެންބަރުންނަކީ އެމެރިކާ ޔުކްރެއިންއަށް ހިލޭ އެހީދެމުންގެންދިޔުމާ ދެކޮޅުހަދާ މެންބަރުންނެވެ. ބައިޑެންގެ ސަރުކާރުން ނެގެހެއްޓުމަށްޓަކައި ހުށަހެޅި ވަގުތީ ބަޖެޓްގައިވެސް ޔުކްރެއިންއަށް ހިލޭ އެތައް މިލިޔަން ޑޮލަރެއް ދިނުން ހިމެނެއެވެ.

ކޮންމެއަކަސް އެމެރިކާގެ އިދިކޮޅު ރިބަޕްލިކަން ޕާޓީގެ އެތެރޭގައި އުފެދިފައިވާ މިދެބަސްވުންތަކާއެކު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެކާތީ މަގާމުން ދުރުކުރުމަށް އެޕާޓީގެ އަށް މެންބަރަކު ވޯޓު ދެއްވާފައިވާތީ އެޕާޓީގެ އެތެރޭގައި މައްސަލަތަކާއި އަރާރުންތައްވަނީ ވަރަށް ބޮޑުވެފައެވެ.

މެކާތީ މަގާމުން ދުރުކުރުމާއެކު ވަގުތީގޮތުން ހައުސްގެ ވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދަވާނީ ޕެޓްރިކް މެޓްހެންރީއެވެ. ހައުސްގެ ވެރިކަމަށް އިންތިޚާބު ކުރާނީ ކޮންބޭފުޅެއްކަން އަދި ވަނީ ނޭނގުމެއްގެ ތެރޭގައެވެ. ހައުސްގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ކަމަށްވާތީ ހައުސްގެ ރައީސްކަމަށް ދެންވެސް އިންތިޚާބު ކުރާނީ ރިޕަބްލިކަން ޕާޓީގެ މެންބަރެއްކަމަށް ވަނީ ބެލެވިފައެވެ.