05 Oct 2023, 14:42
ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގައި ވެރިކަން ކުރައްވާއިރު އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިރުޝާދާއި ލަފާފުޅު ލިބުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ހިތްހަމަޖެހުމަކަށްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ސަން"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަން ކުރިއަށްދާނެ ގޮތް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެކިފަހަރު މަތިން ހާމަކޮށްދެއްވައިފައިވާކަމަށެވެ. އެގޮތުން އެ މަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވަނީ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށާއި އެ ކަން އެންމެ ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އެ ކަން އެ ގޮތަށް ގެންދިއުމަށް ޓަކައި އެ ދާއިރާއަކާ ގުޅުންހުރި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންގެ ލަފާ ހޯއްދަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ރައީސް ޔާމީނަކީ ފަސް އަހަރު ވެރިކަން ކުރެއްވި ވެރިއަކަށްވާއިރު އެ މަނިކުފާނުގެ ތަޖުރިބާއިން އެހީތެރިކަން ލިބިވަޑައިގަތުމަކީ ހިތްހަމަޖެހުން ލިބިވަޑައިގަންނަވާނެ ކަމަކަށްވާނެ ކަމަށެވެ.
"އެގޮތުން ބަލާއިރު ރައީސް ޔާމީނަކީ ރާއްޖޭގައި ފަސް އަހަރު ވެރިކަން ކުރައްވައިފައި ހުންނެވި އަދި ވަރަށް ވަރަށް ގިނަ ޚިދުމަތްތަކެއް ގައުމަށް ކޮށްދެއްވި ވަރަށް ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ގެނެސްދެއްވި ވެރިއެއް. އެހެންވީމާ އެ މަނިކުފާނުގެ ތަޖުރިބާ ހެޔޮ ގޮތުގައި އަޅުގަނޑަށް ލިބިގެން ދިއުމަކީ ހަމަ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ އިތުރުން ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޚިދުމަތް ކުރައްވައިފައި ތިއްބެވި އެކި ބޭފުޅުން ތިއްބަވާނެ ކަމަށެވެ.
އޭގެ އިތުރަށް އިގްތިޞާދީ، އިޖްތިމާއީ، ވިޔަފާރި ފަދަ އެކި ފަންނީ ދާއިރާތަކުން ޚިދުމަތްކުރެއްވި ބޭފުޅުންގެ ލަފައާއި އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެއިން ކޮންމެ ބޭފުޅަކު ދެއްވާ ލަފައިން އިތުރު ކުރިއެރުމެއް އަޅުގަނޑުމެން ނިންމާ ނިންމުމެއްގައި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ކަން ބައްޓަންކުރުމުގައި ނޫނީއްޔާމުން އެ ކަމަކަށް ފުރިހަމަކެއް ގެނައުމުގައި ލިބޭކަމަށް ވަންޏާ އެއިން ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތެއްވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެއާއެކު އެ މަނިކުފާނު ވިދާޅުވީ ވެރިކަން ކުރައްވާނީ ރައްޔިތުން އެދޭ މަގުން ކަމަށެވެ. އަދި ވައުދުތައް ވެސް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވެވިއެވެ.
އިދިކޮޅުން އެންމެ ފުރަތަމަ ޕީޕީއެމް ޕީއެންސީން ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ޓިކެޓް އެރުވީ ރައީސް ޔާމީނަށެވެ. ނަމަވެސް އެ މަނިކުފާނަށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ މައްސަލަައިގައި އިއްވި 11 އަހަރުގެ ޖަލުހުކުމާއެކު އެ ފުރުސަތު ގެއްލުނެވެ.
އިސްތިއުނާފް މަރުހަލާ ނުނިމި އޮއްވައި ކެންޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމިއެވެ. އެއާއެކެ އެ ކަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް މައްސަލަ ނިމުނީ އިލެކްޝަންސް ކޮމިޝަނާ އެއްކޮޅަށެވެ.
އެއާއެކު އިންތިޚާބު ބޮއިކޮޓްކުރުމަށް ރައީސް ޔާމީން އަންގަވައިފައިވަނިކޮށް ޕީއެންސީގެ ތެރޭގައި ޕްރައިމަރީއެއް ބާއްވަން އިއުލާންކުރިއެވެ.
އޭރު ޕީޕީއެމްގައި ހުންނެވި ޑރ. މުއިއްޒު އެ ޕާޓީން ވަކިވެވަޑައިގެން ޕީއެންސީއަށް ސޮއިކުރައްވައި ޕްރައިމަރީގައި ބައިވެރިވެވަޑައިގެން ޓިކެޓް ހޯއްދެވީއެވެ.