14 May 2012, 09:53
ޗާޕްކުރާނެ ފައިސާ ނެތިގެން ހިދާޔަތުގެ އަލި ނެރުނުން ހުއްޓާލަފައިވާތާ ތިންމަހާ ކައިރި ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކޮންމެ ހުކުރު ދުވަހަކު ނެރޭ ދީނީ ނޫސް ހުއްޓިފައި ވަނީ ބަޖެޓްގައި ނެތުމުގެ ސަބަބުން ޗާޕު ނުކުރެވިގެން ކަމަށާއި ނޫސް ނެރޭނެ ފައިސާ ނެތުމުން ދެފަހަރެއްގެ މަތިން ދަރަންޏަށް ވެސް ޗާޕްކޮށްފައިވާ ކަމަށެވެ. ހިދާޔަތުގެ އަލި އަލުން ޗާޕްކުރެވޭނެ ގޮތެއް އޮތްތޯ ސަރުކާރާއި މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހިދާޔަތުގެ އަލި ޗާޕްކުރުމުގެ ހަރަދަށް ކޮންމެ ހަފުތާއަކު 10800ރ. ހޭދަ ކުރަން ޖެހެ އެވެ.
ރާއްޖޭގެ ދީނީ އިލްމުވެރިން އެކިއެކި ޢިލްމީ ލިޔުންތައް ކޮންމެ ހުކުރު ދުވަހަކު ފޯރުކޮށްދޭ ހިދާޔަތުގެ އަލި މީގެ ތިން އަހަރުކުރިން ނެރުމުން އައީ ދީނުގެ މަގުގެ ނަމުގައެވެ. ދީނުގެ މަގުގެ ނަމުގައި ނެރުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މުހައްރިރުކަމުގެ ދަށުގަ އެވެ. އެ ނޫސް ހިދާޔަތުގެ އަލީގެ ނަމަށް ބަދަލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ.