05 Oct 2023, 11:38
ފިނިކޮޓަރީގައި ތިބެވޭ މަގާމުތައް ބޭބޭފުޅުންނަށް ލިބުނީ އެ މަނިކުފާނާއި އެމަނިކުފާނުގެ ޓީމުން ކުރި މަސައްކަތުން ކަމަށާއި އެހެންކަމުން އެމަނިކުފާންގެ ހައްގުގައި މަގުމަތީގައި އެ ބޭބޭފުޅުންނަށް ތިބެން ކެރެން ވާނެ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނީ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އެއްވުންތައް ނުބާއްވައި އެ ފުރުސަތު އެމަނިކުފާނަށް ދިނުމަށެވެ. މިއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކަމަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުން އެދިވަޑައިގަތީ ވެސް ޔާމީން މިނިވަން ކޮށްދިނުމަށެވެ. އެއާއެކު މިދިޔަ އާދިއްތަ ދުވަހު ޔާމީން ވަނީ ގޭ ބަންދަށް ބަދަލު ކުރައްވާފައެވެ.
ނަމަވެސް އަދިވެސް ހުންނެވީ ޖަލު ހުކުމުގައި ކަމުން ޔާމީނަކީ މިނިވަނެއް ނޫނެވެ.
އެއްނުވުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންފައިވަނިކޮށް ކޮންމެ ރެއަކު ޔާމީންގެ ގެކޮޅު ކައިރިއަށް އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ އެއްވަމުންނެވެ.
ރޭ މީހުން އެއްވި ވަގުތު ކުޑަދޮރުން ބޯދިއްކޮށްގެން ހުންނަވައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ހައްގުގައި މަގުމަތީގައި އުޅެމުން އަންނަނީ އާއްމު ރައްޔިތުން ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުން ކަމަށެވެ.
ބޮޑެތި މަގާމުތައް ބޭބޭފުޅުންނަށް ލިބުނީ އެމަނިކުފާނާއި އެމަނިކުފާންގެ ސަޕޯޓަރުންގެ ސަބަބުން ކަމަށް ޔާމީން ވިދާޅުވިއެވެ.
"ބޮޑެތި ގޮނޑިތަކުގައި ތިބޭ ބޭފުޅުންނަށް އެ ފަސޭހަކަން ލިބިގެން އެ ދިޔައީ ރައީސް ޔާމީނާއި ތި ބޭފުޅުން ކުރި މަސައްކަތުން. އިންސާނީ ތޮބީއަތުގައި ދެރަކަމަކަށް މި ވަނީ މަގާމުތަކަށް އާދެވުނީމައި ހަނދާން ނެތެނީ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މަޖިލީހަށް ކުރިމަތިލައިގެން ރައްޔިތުންގެ ގާތަށް ވޯޓް ހޯއްދަވަން ބޭބޭފުޅުން އަންނައިރު މަޖިލީހަށް ކުރިމަތިލައްވައިގެން ތިއުޅުއްވަނީ ގައުމުގެ ހައްގުގައި ތޯ ނުވަތަ އަމިއްލަ ބޭނުމަށްތޯ ރައްޔިތުން ސުވާލު ކުރަން ޖެހޭ ކަމަށެވެ.
"ގައުމުގެ ހައްގުގައި މަސައްކަތް ކުރާ ކަމަށްވާނަމަ، ގައުމުގެ ހައްގުގައި އެންމެ ގަދަޔަށް މަސައްކަތް ކުރި ލީޑަރު ހައްޔަރުވެފައި ހުންނައިރު ކެރެންވާނެ ތިބޭފުޅުންނާއެކު މަގުމަތީގައި ތިބެން. ކެރެންވާނެ. ކެރެންވާނެ މަގުމަތީގައި ތިބެން،" ޔާމީން ވިދާޅުވިއެވެ.
"މަގާމުތައް ލިބުނީމައެއް ނޫން ބޮޑެތި ބަސް ބުނަންވާނީއެއް"
ޔާމީން ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް ބާއްވައިފިނަމަ އެމަނިކުފާނު މިނިވަން ވާނެ ކަމަށެވެ. މިނިވަން ކޮށްދިނުމަށް އެދި މިސަރުކާރުގައި ވެސް އަދި އެހެން ބައެއް ގާތުގައި ވެސް އާދޭސް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ރައްޔިތުންގެ ލޯތްބަކީ ޖަލު ގޮޅިއަށް ލިޔަސް އަނބުރާ ގެންދެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެމަނިކުފާން ޖަލުގައި ބަހައްޓައިގެން އިންތިޚާބު ކާމިޔާބު ކުރުމަށް މި ސަރުކާރާއި އިންޑިއާ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް މާތްﷲގެ އިރާދަފުޅުން ވާކަންކަން މާ ވަރުގަދަކަން މިހާރުގެ ސަރުކާރަށް އެނގިގެން ދާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ރައީސް ކަމަށް ވަޑައިގަންނަވަން ބޭނުންވަނީ އެ މަގާމުން ލިބޭ އެއްޗެހިތަކެއްގެ ބޭނުމުގައި ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.
"މީގައި ދެރަވަނީ މިހުރިހާ މީހުންނަށް ހީވަނީ އަޅުގަނޑުމީ ވަރަށް ބޮޑަށް ރައީސްކަން ކުރަން ބޭނުން މީހެކޭ. ރައީސްކަމަކީ އެއްގޮތަކަށް ވެސް ރައީސްކަމުގެ ޝަރަފާއި ލައްޒަތު ބޭނުން ވެގެން ދާން ޖެހޭ ގޮނޑިއެއް ނޫން... ރައީސްކަން ބޭނުންވަނީ އެ ލިބޭ އެއް ލައްކަ ރުފިޔާ ބޭނުންވާތީއެއް ނޫން." ޔާމީން ވިދާޅުވިއެވެ.
އަދިވެސް ޖަލުގައި ހުންނެވިދާނެ ކަމަށާއި އެކަމަކު އެމަނިކުފާނަށް ލިބޭ އެންމެ ބޮޑު އުފަލަކީ މިހާރުގެ ސަރުކާރު ނިމުމަކަށް އައުން ކަމަށް ޔާމީން ވިދާޅުވިއެވެ. އަނިޔާވެރިކަމުގެ ވާހަކަ ދެއްކި މީހުން ދިވެހި ރައްޔިތުންނަށް ވަނީ އަނިޔާވެރި ވެފައި ކަމަށް ޔާމީން ވިދާޅުވިއެވެ.