05 Oct 2023, 11:50
ލޮލަށް އަޅާ ބޭސްކަމަށް ހީކޮށް ސުޕަގްލޫ ލޮލަށް އެޅި އެމެރިކާ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފިއެވެ.
ކެލިފޯނިއާގެ އަންހެނެއްކަމަށްވާ ޖެނިފާ އެވާސޯލް ޓިކްޓޮކްގައި ޙިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ އޭނާގެ ލޮލަށް އަޅާ ބޭސްފުޅިއާއި، ސުޕަގްލޫ ފުޅި އޮތީ ކައިރީގައި ކަމަށާއި، ވިސްނާނުލާ ލޮލަށް އަޅާލެވުނީ ސުޕަގްލޫ ކަމަށެވެ. އަދި ލޯވަގުތުން ތަތްވެ ހަރުވިކަމަށް އޭނާ ކިޔާދީފައިވެއެވެ.
އެމްބިއުލާންސްގައި އޭނާ ހޮސްޕިޓަލަށް ގެންގޮސް އިމަޖަންސީ ރޫމްގައި ފަރުވާދީ، އޭނާގެ ލޯ ހުޅުވިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
އަދި ފަހުން ލޮލުގެ ޚާއްސަ ޑޮކްޓަރަކަށް ދައްކައި، އޭނާގެ ލޯ އެއްކޮށް ރަނގަޅުވަމުން އަންނަކަމަށް ޓިކްޓޮކްގައި އޭނާ ޙިއްސާކޮށްފައިވާ އެހެން ވީޑިއޯއެއްގައި ކިޔާދީފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ ޖޫންމަހު ކަމަށާއި، ޖެނިފާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެ، މިހާރު ވައިރަލް ވެގެންގޮސްފައިވާ ކަމަށް ޕީޕަލް މެގަޒިންގައި ބުނެފައިވެއެވެ.