އެމެޒޯންގެ ލައިވް އޯޑިއޯގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.

އޭމްޕްގެ ނަމުގައި އެ ކުންފުނިން ދެމުންއައި ލައިވް އޯޑިއޯގެ ޚިދުމަތް މެދުކަނޑާލިކަން ރިޕޯޓުކޮށްފައި ވަނީ ސީއެންބީސީ ނޫސް އެޖެންސީންނެވެ.

އޭމްޕް މެދުވެރިކޮށް އަމިއްލައަށް އޯޑިއޯ ލައިވް ޝޯއެއް ހޯސްޓް ކުރުމުގެ ފުރުސަތު މި ޚިދުމަތުން ލިބޭއިރު، އެ ޝޯގައި ޢާއްމުން ބައިވެރިވެ ވާހަކަ ދެއްކުމަށް އެދުމުގެ ފުރުސަތު ވެސް ލިބެއެވެ. މިއީ މިދިޔަ އަހަރުގެ މާޗް މަހު ހަމައެކަނި ލައިވް އޯޑިއޯއަށް ޚާއްޞަކޮށްގެން ފެށި ސޯޝަލް އެޕް ކްލަބްހައުސް ފަދަ ކުންފުނިތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ތެރޭގައި ތައާރަފުކުރި ޚިދުމަތެކެވެ.

ސްޕޮޓިފައި އަދި ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވި އެކްސްއިން ވަނީ ލައިވް އޯޑިއޯ ފީޗާތައް ތައާރަފުކޮށްފައެވެ.

އެމެޒޯންއިން ވަނީ ނިކީ މިނާޖް، ލިލް ޔޮޓީ އަދި ޕުޝާ ޓީ ފަދަ ބޮޑެތި މަޝްހޫރު ފަންނާނުންނަށް އެ އެޕްލިކޭޝަންގައި އަމިއްލަ ޝޯތައް ހޯސްޓް ކުރުމުގެ އެއްބަސްވުންތައް ހަދާފައެވެ.

އެމެޒޯންގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްޕް ބަންދުކުރަން ނިންމި ނިންމުންވީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ.

އޭމްޕްގެ ހޯސްޓުންނާއި އަޑުއަހާ ފަރާތްތަކުން ވަނީ މި ހިދުމަތް ހުއްޓާލުމާ ގުޅިގެން އެ އެޕްލިކޭޝަނުގައި ހިއްސާކުރި މެސެޖުތަކުގައި ހިތާމަ ފާޅުކޮށްފައެވެ.

އެމެޒޯންގެ ސީއީއޯ އެންޑީ ޖޭސީ މިގޮތަށް ނިންމާފައި މިވަނީ އެ ކުންފުނީގެ ސޭލްސް ދަށްވެ، ގޮންޖެހުން ބޮޑު އިގްތިސާދަކާ ކުރިމަތިލާން ޖެހިފައިވާތީ، އެ ކުންފުނީގެ ހަރަދުތައް ވަރަށް ފުޅާ ދާއިރާއެއްގައި މުރާޖައާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޖޭސީ ވަނީ ސިއްހީ ހިދުމަތާއި ގްރޯސަރީ ފަދަ ރިސްކީ، އާ ޕްރޮޖެކްޓުތައް ހުއްޓާލަން ނިންމައި، ކޯޕަރޭޓް އެއްބަސްވުންތައްވެސް މަޑުޖައްސާލައި، 27،000އަށް ވުރެ ގިނަ ވަޒީފާ އުވާލާފައެވެ.

އެމެޒޯންއިން ވަނީ މިއުޒިކް ސްޓްރީމިން ޕްލެޓްފޯމަކާއި ޓްވިޗް ލައިވްސްޓްރީމިން ސާވިސް އާއި އޯޑިއޯބުކް ފަދަ އޯޑިއޯ އަދި މުނިފޫހިފިލުވުމުގެ އެހެން ޚިދުމަތްތަކަށް ވެސް ހަރަދުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕޮޑްކާސްޓް ނެޓްވޯކް ވޮންޑަރީ ވެސް އެމެޒޯންއިން ވަނީ ގަނެފައެވެ.