ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޮންގެ އަމިއްލަ ފިލްމު ކުންފުނި ބްލޫ ބަޓަފްލައި ބެނާގެ ދަށުން އުފައްދާ ފުރަތަމަ ފިލްމަށް ޓެލެވިޒަން އެކްޓަރު ޝަހީރު ޝޭހް ސޮއިކޮށްފިއެވެ.

ޓީވީ ސީރީސް، "ނަވްޔާ"، "ޔޭ ރިޝްތޭ ހޭ ޕިޔާރުކޭ" އަދި "ކުޗް ރަންގު ޕިޔާރުކޭ އެއިސޭ ބީ" ފަދަ ސީރީސްތައް ކުޅެފައިވާ ޝަހީރަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު އެކްޓަރެކެވެ.

ކްރިތީ އާއި ބަތަލާ ކާޖޮލް ލީޑް ރޯލް ކުޅޭ ފިލްމު "ދޯ ޕައްތީ"އަކީ މިސްޓްރީ ތުރިލާ އެކެވެ. މި ފިލްމުން ލިބުނު ފުރުސަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝަހީރު ބުނީ އެކްޓިންގް ދާއިރާއިން ކުރިޔަށްދާން ހުޅުވުނު މި ފުރުސަތާ އެކު ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ.

ބަތަލާ ކާޖޮލް އާއި ކްރިތީ ސެނޮން ފަދަ ފިލްމީ ދާއިރާގެ ފުންނާބު އުސް ތަރިންނާ އެކު މަސައްކަތް ކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާނެ ކަމަށް ޝަހީރު ވަނީ ބުނެފައެވެ.

މި ފިލްމަކީ، ކަނިކާ ދިލޮންގެ ކަތާ ޕިކްޗަސްއިން ކޯ- ޕްރޮޑިއުސްކޮށް ޝަޝަންކާ ޗަތުރަވެދީ ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމު "ދޯ ޕައްތީ" އަކީ އަންނަ އަހަރު ރިލީޒްކުރެވޭ އެންމެ އުއްމީދީ ފިލްމުތަކުގެ ތެރޭ ހިމެނޭ ފިލްމެކެވެ. ނެޓްފްލިކްސްއިން ސްޓްރީމް ކުރުމަށް ނިންމާފައިވާ މި ފިލްމުގެ ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.

ޓީވީ ސީރީސްތަކުގެ އިތުރުން ޝަހީރު އަކީ ގިނަ މިއުޒިކް ވީޑިއޯ ލަވަތަކުން ވެސް ފެނިފައިވާ އެކްޓަރެކެވެ. ޓެލެވިޒަން ބަތަލާ ހީނާ ޚާން އާއެކު ޝަހީރު ކުޅެފައިވާ ލަވަ 'ބާރިޝް ބަން ޖާނާ' އަކީ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ލަވައެކެވެ. އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބުމާ ގުޅިގެން ޝަހީރު އާއި ހީނާ ޚާންގެ އިތުރު މިއުޒިކް ވީޑިއޯ ލަވަތަކެއް ވަނީ އޭގެ ފަހުން ވެސް ރިލީޒް ވެފައެވެ.