ހެއްވާ މަޖާ ރޯލްތައް ކުޅެން ޝައުގުވެރިކަން ހުރި ނަމަވެސް އެ ޖޯންރާގެ ފިލްމުތައް ބޮލީވުޑްގައި އުފައްދާ މިންވަރު މަދުކަން ފާހަގަ ކޮށްލެވޭ ކަމަށް ބަތަލާ ތައްބޫ ބުނެފިއެވެ.

ބޮލީވުޑްގެ އެންމެ ތަޖުރިބާކާރު ބަތަލާއިންގެ ތެރޭ ހިމެނޭ ތައްބޫ ބުނީ، އެހެން ޖޯންރާގެ ފިލްމުތައް އުފައްދާ މިންވަރާ އަޅާ ބަލާއިރު ކޮމެޑީ ޖޯންރާގެ ފިލްމުތައް އުފައްދާ މިންވަރު މަދު ކަމަށެވެ. ހަމަ އެއާއެކު ހެއްވާ މަޖާ ރޯލްތަކަށް ބަތަލާއިން ތަމްރީނުކޮށް އުފައްދަން ބޭނުންވާ ޕްރޮޑިއުސަރުން ހިންދީ ސިނަމާގެ ތާރީޚަށް ބެލިކަމަށް ވިޔަސް މަދުކަން ފާހަގަ ކޮށްލެވޭ ކަމަށް ތައްބޫ ވަނީ ބުނެފައެވެ.

ޕްރޮޑިއުސަރު ވިޝާލް ބަރަދުވާޖުގެ ފިލްމު "ކޫފިޔާ"ގެ ބަތަލާ ކެރިއަރުގައި މަދުން ނަމަވެސް ހެއްވާ މަޖާ ރޯލްތައް ކުޅެފައި ވެއެވެ. އޭގެތެރޭގައި ފިލްމު "ޖަވާނީ ޖާނެމަން" އަދި "ދޭ ދޭ ޕިޔާރު ދޭ" ފަދަ ފިލްމު ތައް ހިމެނެއެވެ.

ފިލްމެއްގައި ހެއްވާ މަޖާ ރޯލެއް ހިމަނާފައިވީ ނަމަވެސް އެ ރޯލަކީ ވަރަށް ކުޑަ ރޯލެއް ކަމަށާއި ބަތަލާއިންނަށް ލިބިފައިވާ އެ ހުނަރު ދައްކާލުމުގެ ފުރުސަތު ހަނިވުމުގެ ފުރުސަތު އޮންނަ ކަމަށްވެސް ތައްބޫ ވަނީ މީޑިއާ އަށް ދިން އިންޓަވިއުގައި ބުނެފައެވެ. އަދި ފިލްމު އުފައްދާ ފަރާތްތަކުން ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރާއިރު ގިނަ ފަހަރަށް ފިލްމުގެ ހެއްވާ މަޖާ ރޯލްތައް ލިޔެފައި ހުންނަނީ ބަތަލާއިންނަށް ނޫން ކަމަށާއި އޭގެ ބަދަލުގައި އެކްޓަރުންނަށް ކަމަށް ތައްބޫ ވަނީ ބުނެފައެވެ.

ކޮމެޑީ ފިލްމުތައް ކުޅެން ބޭނުން ނަމަވެސް އެފަދަ ފިލްމުތައް މަދު ކަމަށް ތައްބޫ ބުނޭ --

ހިންދީ ސިނަމާގެ ފިލްމީ ތަރިންނަށް ބަލާއިރު އެކި ޕްލެޓްފޯމްތަކުގައި އޯޑިއަންސް ހެއްވާލުމުގެ ހުނަރު ދައްކާ ވަރަށް ގިނަ އަންހެން ފަންނާނުން އެބަތިބި ކަމަށް ތައްބޫ ވަނީ ބުނެފައެވެ.

ބަތަލާ ތައްބޫ އާ ބެހޭގޮތުން ފިލްމު "ކޫފިޔާ"ގެ ޑައިރެކްޓަރު ވިޝާލް މި އިންޓަވިއުގައި ބުނެފައި ވަނީ ތައްބޫ އަކީ ފެންނަ ފެނުމަށް ސީރިއަސް މަޑުމައިތިރި މިޒާޖެއްގެ މީހެއް ނަމަވެސް އެއީ ކުށްހީއެއް ކަމަށެވެ.

ތައްބޫ އަކީ ވަރަށް މަޖާ ސަކަ މިޒާޖެއްގެ މީހެއް ކަމަށާއި އެކަން އެންމެ ބޮޑަށް ފެންނަނީ ބަތަލާ ރުޅި އައިސްފަ ހުންނަ ވަގުތު ކަމަށް ވިޝާލް ވަނީ ބުނެފައެވެ.

ބަތަލާ ތައްބޫ، ވަމީކާ ގައްބީ އަދި އެކްޓަރު އަލީ ފަޒަލް ލީޑް ރޯލް ކުޅެފަވާ "ކޫފިޔާ" މިއަދުން ފެށިގެން ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފަށާނެއެވެ.