ކުރީގެ ފިލްމީ ބަތަލާ ސްރީ ދޭވީ އާއި ބޮނީ ކަޕޫރު ރަސްމީކޮށް ކައިވެނިކުރި ނަމަވެސް އޭގެ އަހަރެއް ކުރިން ދެ މީހުން ސިއްރު ކައިވެންޏެއް ކުރި ކަން ބޮނީ ކަޕޫރު ހާމަކޮށްފިއެވެ.

ދަ ނިއު އިންޑިއަންއަށް ދިން ހާއްސަ އިންޓަވިއުގައި ޕްރޮޑިއުސަރު ބޮނީ ކަޕޫރު ބުނީ، 1997ގައި ރަސްމީކޮށް ސްރީ ދޭވީއާ ކައިވެނި ކުރިކަން އިއުލާނު ކުރީ ދަރިފުޅު ޖާންވީ ކަޕޫރަށް ބަތަލާ ބަލިވެ އިނުމާ ގުޅިގެން ކަމަށެވެ.

ސްރީދޭވީ އާއި ދެ މީހުންގެ ސިއްރު ކައިވެނި ކުރެވުނީ ބޮނީގެ ފުރަތަމަ އަނބިމީހާ މޯނާ ޝޯރީއާއެކު 1983 ވަނަ އަހަރު ކުރި ކައިވެނި ނިމުމަކަށް ގެނައުމަށް ފަހުއެވެ. އެކްޓަރު އަރުޖުން ކަޕޫރުގެ މަންމަ މޯނާ ޝޯރީއަށް އެއްވެސް ކަމެއް އޮޅުވާލާފައި ނޯންނާނެ ކަމަށާއި ސްރީދޭވީއާ ދެ މީހުންގެ ގުޅުމުގެ ހަގީގަތް މޯނާއަށް ވަރަށް ސާފުކޮށް ކިޔާދިން ކަމަށް މި އިންޓަވިއުގައި ބޮނީ ބުނެފައި ވެއެވެ.

ކާމިޔާބު ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ދެވަނަ ކައިވެންޏާ ބެހޭގޮތުން މީޑިއާތަކުން ހަގީގަތާ ޚިލާފު ގިނަ ވާހަކަތަކެއް ފެތުރި ނަމަވެސް ބޮނީ ކަޕޫރު އަދި އާއިލާގެ ފަރާތުން ވެސް އެކަމާ ގުޅިގެން ވާހަކަ ދައްކާފައެއް ނުވެއެވެ. މިއަދާ ހަމައަށް ވެސް ވަރަށް ގިނަ ބަޔަކަށް ވިސްނިފައި އޮތީ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ އަކީ ދެ މީހުންގެ ކައިވެނީގެ ބޭރުން ލިބިފައިވާ ކުއްޖެއް ކަމަށް ބޮނީ ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެއީ ހަގީގަތް ނޫން ކަމުގައި ބޮނީ ވަނީ މީޑިއާއަށް ދިން މި އިންޓަވިއުގައި ބުނެފައެވެ.

ބޮނީ ކަޕޫރަކީ، ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ފަރާތެއް ކަމަށާއި އާއިލާ ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ދެ ކައިވެންޏަށް ހަތަރު ކުދިން ލިބިފައިވާއިރު ސްރީދޭވީގެ ކުއްލި ވަކިވުމާ އެކު އޭނާގެ ދިރިއުޅުން ވަރަށް އެކަނިވެރިވި ކަމަށް ބޮނީވަނީ ބުނެފައެވެ. އަދި ކޮންމެ ދުވަހަކީ ވެސް އަންހެނުން ސްރީދޭވީގެ ހަނދާން އާވާ ދުވަހެއް ކަމަށާއި އެންމެ ދެރަވަނީ ބަތަލާ ޖާންވީ ފިލްމީ ދާއިރާއިން ހޯދަމުން އަންނަ ކާމިޔާބީ ފެނުމުގެ ނަސީބު ސްރީއަށް ނުލިބުމުން ކަމަށް ބޮނީ ބުނެފައިވެއެވެ.

ސްރީދޭވީ މަރުވެފައި ވަނީ 2018ވަނަ އަހަރު ދުބާއީގައި އޮތް އާއިލީ ކައިވެންޏަކަށް ގޮސް އުޅެނިކޮށެވެ. ކުރީގެ ބަތަލާ ހުރި ހޮޓަލުގެ ބާތު ޓަބްތެރޭ މަރުވެފައި އޮތްވާ ފުރަތަމަ ފެނުނީވެސް ބޮނީ ކަޕޫރަށެވެ.