05 Oct 2023, 08:49
އޮލިމްޕަސް ސްކްރީންގައި މިހާރު އަޅުވަމުންދާ ކޮމެޑީ ފިލްމު "ޖޯކަރު"ގެ ފަހު ޝޯތައް ދެއްކުމަށް ތައްޔާރުވެއްޖެއެވެ.
ޝައި ޕްރޮޑަކްޝަން އަދި ސެޓާން ސްޓޫޑިއޯއިން ތައްޔާރުކުރި ޖޯކަރު ފިލްމަކީ ބޮޑު ކާސްޓަކާއެކު އަޅުވާފައިވާ ފިލްމެކެވެ. އޭގެތެރޭގައި ފިލްމު އިންޑަސްޓްރީގައި އެތައް ޒަމާނެއް ވަންދެއް މަސައްކަތް ކުރި ފަންނާނުންނާއި ފަހުގެ ޒުވާން އެކްޓަރުން ހިމެނެއެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ދައްކަމުން އަންނަ ޖޯކަރުގެ ބޭނުމަކީ އާންމުން ގިނައިން ހެއްވާލައި ކަންތައްތަކާ ކޮންބޮޑުވާ މިންވަރު ކުޑަކުރުމެވެ. ފިލްމުގެ ޓެގްލައިންގައި ވެސް ބުނަނީ އެހެންވެ "ލާފް މޯ، ވޮރީ ލެސް" އެވެ.
މިހާރު ފިލްމުގެ ޝޯތައް ދެއްކުން ނިންމާލަން ރެޑީ ވާއިރު އެންމެ ފަހު ދެ ޝޯ އޮންނާނީ މިރެއާއި މާދަމާ ރެއެވެ. އެއަށްފަހު ފިލްމު އޮލިމްޕަހުން ނަގާނެއެވެ. ފިލްމު އޮލިމްޕަހުން ނެގުމަށްފަހު ޑިޖިޓަލް ރިލީޒް ކުރާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.
ފިލްމުގެ މައިގަނޑު ރޯލުތަކުން ފެންނާނީ އަޙްމަދު ނިމާލް އާއި އަހުމަދު ސައީދާއި އަލީ އާޒިމް (ދޮން އައްޔަ) އާއި ޝީލާ ނަޖީބުގެ އިތުރުން ނާޝިދާ މުހައްމަދު (ނާއްކޮ) އެވެ. ފިލްމުގައި އިތުރަށް އާ އެކްޓަރުންގެ ގޮތުގައި ފެންނާނީ އިބްރާހީމް ރަޝީދު މޫސާ (ބުރޯ) އާއި މުހައްމަދު ރިފްޝާން (ރިއްޕެ) އާއި ހަމްދާން ފާރޫގުގެ އިތުރުން ޝަހީދާ އަހްމަދު އަދި މޫސާ އަލީފެވެ.
ޖޯކަރު ޑައިރެކްޓު ކޮށްފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މި ފިލްމު ލިޔުމުގެ މަސައްކަތް ވެސް ކޮށްފައިވަނީ އޭނާ އެވެ. ޔޫޕެ ވަނީ މި ފަހަކަށް އައިސް ގިނަ ކޮމެޑީ ފިލްމުތައް ތައްޔާރުކުރުމުގައި މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި "ނޯޓީ ފޯޓީ" އާއި "ބައިވެރިޔާ" ފަދަ އުފެއްދުންތައް ހިމެނެއެވެ.