05 Oct 2023, 08:45
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޑްރޭކްގެ ކޮންސާޓް ޝޯއެއްގެ ތެރެއިން ފޭނަކަށް ބައި ލައްކަ ޑޮލަރު ދޭން ބުނި ވާހަކަ ވައިރަލް ވެއްޖެއެވެ.
ޑްރޭކް އެންމެފަހުން ދިން ޝޯތަކުގެ ތެރެއިން މައިއޭމީގެ ކެސޭޔާ ސެންޓަރުގައި މިދިޔަ ހޮނިހިރު ދުވަހު ދިން ޝޯއެއްގެ ތެރެއިން ފޭނެއް ހިފަހައްޓައިގެން ހުރި ބޯޑެއް ފެނި އޭނާއަށް ފައިސާ ދިނުމަށް ޑްރޭކް ބޭނުންވިއެވެ.
ޑްރޭކް ޕަފޯމް ކުރަމުން ދިޔަ އިރު އެތަނުން ފޭނެއް ހިފަހައްޓައިގެން ހުރި ބޯޑެއް ވަނީ އޭނާގެ ސަމާލުކަމަށް އައިސްފައެވެ. އެ ބޯޑުގައި ބުނަނީ ބޯޑު ހިފަހައްޓައިގެން ހުރި ފޭނަށާއި އޭނާގެ ބައިވެރިޔާއަށް ކޮންސާޓަށް އައުމަށް އޭނާ ޓިކެޓު ގަތް ވާހަކައެވެ. ނަމަވެސް ދެމީހުން އެކީގައި ޝޯއަށް އައުމުގެ ކުރިން އޭނާގެ ބައިވެރިޔާ ވަނީ އޭނާ ދޫކޮށް ގޮސްފައި ކަމަށް އެ ބޯޑުގައި ބުނެފައިވެއެވެ.
މި ކަން އެނގި ޑްރޭކް ބުނެފައިވަނީ އެކަންތައް ވީ ވަރަށް ދެރަކޮށް ކަމަށެވެ. އެހެންވީމާ އެކަމުގެ ހިތާމައިގައި 50،000 ޑޮލަރު އޭނާއަށް ދިނުމަށް ނިންމާފައިވާ ކަމަށް ޑްރޭކް ބުންޏެވެ. އަދި އެ ފައިސާ ހިފައިގެން އޭނާ އާ ރުޅިވި އަންހެން މީހާ "ދެރަ" ކޮށްލަން ވާނެ ކަމަށް ވެސް ޑްރޭކް ބުންޏެވެ.
މިގޮތަށް ފޭނަކަށް ގިނަ އަދަދުން ޑްރޭކް ފައިސާ ދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރީން ވެސް އޭނާ ވަނީ ފޭނަކަށް ބައި ލައްކަ ޑޮލަރު ފައިސާގެ ގޮތުގައި ދީފައެވެ. އެފަހަރު އޭނާ ފައިސާ ދީފައިވަނީ ގޭގައި ހުރި ފަރުނީޗަރު ވިއްކާލައިގެން ޝޯގެ ޓިކެޓު ގަތް ފޭނަކަށެވެ. އޭނާއަށް އެ ފައިސާ ދީފައިވަނީ އެއްވެސް މީހަކު އެފަދަ ގޮތަކަށް ފައިސާ ހަރަދު ނުކުރުމަށް އެދެމުންނެވެ.