14 May 2012, 09:13
މެޑްރިޑް (މޭ 14): ޔޫރަޕްގެ ޤައުމުތަކުން ގެންގުޅެންފަށާފައިވާ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާ ދެކޮޅަށް އެޤައުމުގެ ރައްޔިތުން އިޙްތިޖާޖްކޮށް ބޮޑެތި މުޒާހަރާތައް ކުރަންފަށައިފި އެވެ.
ޔޫރަޕްގެ އެތައް ޤައުމެއްގައި އެތައް ލައްކަ ބަޔަކު ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލާފައިވާ އިރު އެންމެ ބޮޑެތި މުޒާހަރާތައް ބާއްވާފައި ވަނީ ސްޕޭންގައާއި އިޓަލީގަ އެވެ. ނަމަވެސް އިނގިރޭސިވިލާތާއި އިރުމަތީ ޔޫރަޕްގެ ޤައުމުތަކުގައި ވެސް އެތައް ހާސްބަޔަކު މުޒާހަރާކޮށްފައިވެ އެވެ. އިޓަލީގެ ޚާރިޖީވަޒީރާ އަނާ މާރިޔާ ވިދާޅުވީ ސިފައިން މަގުތަކަށް ނެރެގެން ނަމަވެސް މުޒާހަރާތައް މައިތިރިކޮށް ޚަރަދު ކުޑަކުރުމުގެ ސިޔާސަތު ޙިމާޔަތްކުރަން ޖެހޭ ކަމުގަ އެވެ.
ސްޕޭންގައި މުޒާހަރާކުރި މީހުން ވަނީ ޑިމޮކްރަސީއަކީ ރައްޔިތުން ޙާލުގައި ޖެއްސުން ނޫން ކަމަށާއި ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ ވަޒީފާ ގެއްލި ލިބޭ ޢިނާޔަތްތައް ހުއްޓި އަމިއްލަ ޖީބު ހުސްވަމުންދާ އިރު ކުންފުނިތަކާއި ބޭންކްތަކުގެ ފައިދާ ކުރިޔަށް ވުރެ ބޮޑުވެ މުއްސަނދިންގެ ޖީބުތައް ފުރެމުންދާ ކަމުގެ ޝަކުވާ ކޮށްފަ އެވެ.
އިނގިރޭސިވިލާތުގައި މުޒާހަރާ ކުރި މީހުން ވެސް ވަނީ ޑޭވިޑް ކެމެރޮންގެ ސަރުކާރުން ގެންގުޅޭ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުތަކަކީ ފަގީރުން އިތުރަށް ފަގީރުވެ މުއްސަނދިން އިތުރަށް މުއްސަނދި ކުރުމުގެ މަކަރުވެރި ސިޔާސަތެއް ކަމަށް ތުހުމަތުކޮށްފަ އެވެ. ޚާއްސަކޮށް އިނގިރޭސި މަރުކަޒީ ބޭންކް ކަމަށްވާ ބޭންކް އޮފް އިންގްލެންޑްގެ ސިޔާސަތުތައް ބައްޓަންކޮށްފައި ވަނީ ބޭންކްތަކާއި ކުންފުނިތަކާއި ސަރުކާރު މުއްސަނދިކޮށް ރައްޔިތުން ފަގީރު ކުރުމުގެ މައްޗަށްކަމަށް ބުނެ އެބޭންކްގެ ކުރިމަތީގައި އެތައް ސަތޭކަބަޔަކު އިއްޔެ މުޒާހަރާކޮށްފައިވެ އެވެ.
ޔޫރަޕްގެ ޤައުމުތަކަށް މިހާރު ކުރިމަތިވެފައިވާ އިޤްތިސާދު ހީނަރުވުމުގެ މައްސަލައަކީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ޔޫރަޕަށް ކުރިމަތިވި އެންމެބޮޑު އިޤްތިސާދީ މައްސަލަތައްކަމަށް އެޤައުމުތަކުގެ ސަރުކާރުތަކުންނާއި މަރުކަޒީ ބޭންކްތަކުން ސިފަކުރެ އެވެ. ރައްޔިތުންނަށް ދެމުން ގެންދިޔަ މާލީ އެތައް ޢިނާޔަތްތަކެއް ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ދަށުންވަނީ ކަނޑާލާފަ އެވެ.
މީގެއިތުރުން ޕްރައިވެޓް ސެކްޓަރުގައި އުޅޭއެތައް ބައެއްގެ ވަޒީފާތައް ވެސްދަނީ ގެއްލެމުންނެވެ. އިޤްތިސާދު ހީނަރުވުމުގެ މައްސަލަ ޔޫރަޕަށް ކުރިމަތި ވަނީ ލިބޭއެއްޗަކަށް ވުރެ ޚަރަދު ބޮޑުވަމުންދާތީ ކަމަށް ތަޖްރިބާކާރުން ބުނެއެވެ. (ރޮއިޓާސް)