މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާންކޮށްފިއެވެ.

އެ ކޮމިޝަނުން އެ ކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ދާއިމީ ނަތީޖާ އިއުލާންކުރިއިރު، ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާގައި ފަރަގެއް ނެތެވެ.

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާގޮތުން، 129،159 ވޯޓާ އެކު 54.04 ޕަސެންޓް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވިއެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގަތީ 109،868 ވޯޓާ އެކު 45.96 ޕަސެންޓެވެ.

ޖުމްލަ 246،915 މީހުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލިއެވެ. އެއީ، ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ 87 ޕަސެންޓެވެ.

އޭގެ ތެރެއިން 239،027 ވޯޓަކީ ސައްހަ ވޯޓެވެ. ބާތިލް ވޯޓުގެ ގޮތުގައި 7،888 ވޯޓުލައިފައިވެއެވެ.

އިންތިޚާބާ ގުޅިގެން ވާހަކަދައްކަވަމުން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިޚާބު ކަވަރުކުރި ބޭރުގެ ޖަމިއްޔާތަކުންނާއި އޮބްޒާވަރުންނާއި ދިވެހި ރައްޔިތުން ވެސް ފާހަގަކުރާ ގޮތުގައި މި އިންތިޚާބަކީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ އިންތިޚާބުގެ ގޮތުގައި ފާހަގަކުރާ ކަމަށެވެ.

"ހަމަ ހުރިހާ ޝުކުރެއް އޮތީ ދިވެހި ލޮބުވެތި ރައްޔިތުންނަށް،" އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ރައްދުކުރަމުން އަންނަ ޝުކުރުގެ ބަސްތަކާ ގުޅިގެން ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓަކު ވާދަކުރިއިރު އެ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓާ ގާތްކުރާ އަދަދަކަށް ވެސް ވޯޓު ނުލިބެއެވެ.

ފުރަތަމަ ބުރުގައި 46 ޕަސެންޓާއެކު ޑރ. މުއިއްޒު ކުރި ހޯއްދެވިއިރު އެ ބުރުގައި ރައީސް ޞާލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ. ތިންވަނަ ހޯއްދެވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.

އިންތިޚާބީ ރައީސްގެ ގޮތުގައި މިހާރު ޑރ. މުއިއްޒު ހުންނެވިއިރު އެ މަނިކުފާނު ގެންދަވަނީ ދެން އުފައްދާނެ ސަރުކާރެއްގެ މަސައްކަތްތައް ރޭވުމުގެ ކަންކަން ކުރިއަށް ގެންދަވަމުންނެވެ.

ޓްރާންސިޝަން މުއްދަތު މިހާރު ކުރިއަށްދާއިރު އެ ކަމަށް ޓަކައި ސަރުކާރުން ކޮމިޓީއެއްވަނީ އެކުލަވައިލައިފައެވެ. އަދި ޑރ. މުއިއްޒުގެ ފަރާތުން ވެސް ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ.