04 Oct 2023, 21:30
އާ ރިޔާސީ ދައުރު ފެށުމާ ހަމައަށް ހުރިހާ މަޝްރޫއުގެ މަސައްކަތްތައް ހުއްޓާލަން ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު އަންގައިފިއެވެ.
ޕީސީބީން މިއަދު ނެރުނު ބަޔާނެއްގައި، ބުނީ އާ ވެރިކަމަކަށް ބަދަލުވަމުންދާ މަރުހަލާގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ބޮޑު ޙަރަދު ހިނގާނޭ ފަދަ އެއްވެސް އާ މަޝްރޫއެއްގެ މަސައްކަތް ނުފެށުމަށް އިލްތިމާސް ކޮށްފައެވެ.
ކުންފުނީގެ އާމްދަނީއަށް އެއްވެސް ބަދަލެއް އަންނާނެ ފަދައިން އުސޫލުތަކާއި ގަވައިދުތަކާ ނިންމުންތަކަށް ބަދަލު ނުގެނައުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން ވެސް، ތިން ކަމެއް ނުކުރަން ކުންފުނިތަކަށް އަންގާފަވެއެވެ.
އެއީ، މުސާރަ ދިނުމުގެ އިނާޔަތާއި ގަވާއިތުތަކަށް އެއްވެސް ބަދަލެއް ނުގެނައުމާއި، ކުންފުނީގެ މުވައްޒަފުންނާ ގުޅޭ އުސޫލުތަކަށް ބަދަލު ނުގެނައުމުގެ އިތުރުން، ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުމެވެ.
މި މުއްދަތުގެ ތެރޭގައި، ރައްޔިތުންގެ މަސްލަހަތަށް ވިސްނުމަށާއި، ޒިންމާދާރު ހާމަކަން ބޮޑުގޮތެއްގައި ކުންފުނިތަކުގެ ނިންމެވުންތައް ނިންމަން ޕީސީބީން ނެރުނު އެ ބަޔާނުގައި ވެއެވެ.
އަދި، ޕީސީބީން ވަނީ އިންތިގާލީ ކޮމިޓީން އެދޭ އަދި ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމާއި އިންތިލާބީ ކޮމިޓީއަށް ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސާދިނުމަށް ވެސް ކުންފުނިތަކަށް އަންގައިފައެވެ.