ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސް ދުވަހު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވި މަޑުޖެހިފައި އޮތުމަށް ފަހު އަލުން މަޖިލީހުގެ މަސައްކަތްތައް ފެށި، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލައި، މުގައްރިރުން އައްޔަންކުރުމުގެ މަސައްކަތް ފެށިއްޖެއެވެ.

ފާއިތުވި ހަތަރު މަހެއްހާ ދުވަހު މަޖިލީހުގެ މަސައްކަތްތައް މަޑުޖެހިފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައި އޮތުމުންނެވެ.

އެއާ އެކު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް ރައީސް ނަޝީދާއި އީވާ އުޒުރުވެރިވެވަޑައިގަތުމުން މަޖިލިސް ހުއްޓިފައި އޮތީއެވެ.

މީގެ އިތުރުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ މަސައްކަތް ކުރަންޖެހުނީ މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިއްބެވި 12 މެންބަރަކު ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

އޭގެ ފަހުން ވެސް އެކިއެކި މެންބަރުން ޕާޓީ ބަދަލު ކުރުމުގެ ސަބަބުން އެކި ފަހަރު މަތިން ވަނީ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލަން ޖެހިފައެވެ.

މިއަދު އަލުން އެ މަސައްކަތް ފެށިފައިވާއިރު ހަތަރު ކޮމިޓީއެއްގެ މުގައްރިރުންނާއި ނައިބުން ވަނީ ކަނޑައަޅައިފައެވެ.

އެ ކޮމިޓީތަކާއި، ކޮމިޓީތަކަށް ކަނޑައެޅުނު މުގައްރިރުންނާއި ނައިބު މުގައްރިރުންނަކީ:

  • މާލިއްޔަތު ކޮމިޓީ:މި ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ކަނޑައެޅިއިރު ނައިބު މުގައްރިރަކަށް ކަނޑައެޅީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲއެވެ.

  • އިގްތިޞާދީ ކޮމިޓީ:މި ކޮމިޓީގެ މުގައްރިރަކީ ކުރިން ވެސް ކޮމިޓީގެ މުގައްރިރުގެ ގޮތުގައި ހުންނެވި އަލިފުށީ ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބިގޭ)އެވެ. ނައިބު މުގައްރިރަކީ މިލަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ރިޒާއެވެ.
  • އެސްއޯއީ ކޮމިޓީ:މުގައްރިރަކަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ
  • އާންމު ކޮމިޓީ:މުގައްރިރަކަށް ކުރެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްގަނީ
  • ގަވާއިދު ކޮމިޓީ:މުގައްރިރަކަށް ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭއަށް ނިސްބަތްވާ މެންބަރު އަހްމަދު އާމިރު
  • ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ:ކުރިން ވެސް މުގައްރިރަކަށް ހުންނެވި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ

މީގެ ކުރިން ހުރިހާ ކޮމިޓީއެއްގެ މުގައްރިރުންގެ ގޮތުގައި ތިބީ އެމްޑީޕީގެ މެންބަރުންނެވެ. އޭގެ ތެރެއިން ބައެއް މެންބަރުން ޑިމޮކްރެޓްސްއަށް ދިއުމާ އެކު އެ ކަން ބަދަލުވީއެވެ.