ނަމްބަރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއަކީ އެމްޑީޕީ އަދި ޑީއާރްޕީ އެވެ. އެ ދެ ޕާޓީ މެންބަރުންގެ އަދަދުން ޕާޓީގެ ސައިޒް ބުނެދެ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި ފެނުނު މަންޒަރަކުން ޕާޓީތަކުގެ މެންބަރުންގެ އަދަދުން ޕާޓީގެ ސައިޒު ބުނެއެއް ނުދެއޭ ވެސް ބުނެވިދާނެ އެވެ. ރާއްޖޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑު ސިޓީގެ ހިތަދޫގައި ޑީއާރްޕީން ބޭއްވި ޖަލްސާ އަށް ހާޒިރުވީ 40 މީހުންނެވެ. އެކަންވީ ގިނަ ބައެއްގެ ހިތުގައި ޕާޓީގެ އަސްލު ސައިޒާ މެދު ސުވާލުތަކެއް އުފެދިގެން ދިޔަ ކަމަކެވެ.

ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރު އަދި ފިޝަރީޒް މިނިސްޓްރީގެ ނައިބު އަލީ ސޯލިހް ވިދާޅުވި ގޮތުގައި އެގޮތަށް އެކަން ދިމާވީ އައްޑޫގެ ހިތަދޫ ފަދަ ބޮޑު ރަށެއްގައި ޖަލްސާއެއް ބާއްވަން ޖެހޭ ވަރަށް އެޕާޓީ އަށް ތައްޔާރުވެވިފައި ނުވާތީ އެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ ކުރިމަގުގައި ޕާޓީގެ އަސްލު ސައިޒު ފެނިގެންދާނެ އެވެ.

"ދުވަސްތަކަކަށް ފަހު ޑީއާރްޕީން ސީދާ ހަރަކާތްތައް މި ފަށައިގަތީ. ރައީސް ނަޝީދުގެ ވެރިކަމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކާ އެކު ޑީއާރްޕީން ވެސް ހަރަކާތްތެރިވީ، ދެން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ފަހުން ޕާޓީން އިސް ނަގައިގެން ބޭއްވި މިޖަލްސާ އަށް އެކަށީގެންވާ އިންތިޒާމްތައް ހަމަޖެއްސިފައެއް ވެސް ނެތް،" ސޯލިހް ވިދާޅުވި އެވެ.

ޑީއާރްޕީން އެހެން ބުނި ނަމަވެސް ޑީއާރްޕީގެ އެއްވުންތައް ފަޅުވާން ފެށިކަން އެނގުނީ ހިތަދޫ ޖަލްސާއާ ހަމައިންނެއް ނޫނެވެ. ރައީސް މައުމޫން ޕާޓީގައި ހުންނަވަނިކޮށް ޕާޓީތެރޭގައި ޒެޑްފެކްޝަނެއް އުފެދި ވަކިކިން ޖަލްސާތައް ބާއްވަން ފެށި ހިސާބުން އަސްލު ޑީއާރްޕީގެ ޖަލްސާތައް އޮތީ ގާތްގަނޑަކަށް ގޮނޑިބަރިތައް ހުހަށެވެ. އޭގެ ފަހުން ޑީއާރްޕީން ބޭއްވި ޖަލްސާތަކާއި އެކި ހަރަކާތްތައް ވެސް ވައިގައި ހިފާފައެއް ނުވެ އެވެ. ޑީއާރްޕީން ނުކުމެ މުޒާހަރާއެއް ވެސް ކުރި އެވެ. އޭރު އެ ޕާޓީގައި ހުންނެވި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާ އެކު ނުކުތީ މަދު މީސްކޮޅެކެވެ. ޑީއާރްޕީ ޒުވާނުންނަށް ހާއްސަ ޕްރޮގްރާމްތަކެއް ވެސް ފެށި އެވެ. ޑީއާރްޕީން "ސިހިގެންދާނެ" ފަދަ ޖަލްސާއެއް ވެސް އިއުލާން ކުރި އެވެ. ނަމަވެސް މިއިން އެއްވެސް ފަހަރަކު ޑީއާރްޕީގެ ނަމްބަރެއް ނުފެނުނެވެ.

"އޭގެ ހަގީގަތް ވަރަށް ސާފު އޭގެ ހަގީގަތަކީ ރައީސް މައުމޫނު ޑީއާރްޕީއާ ވަކިވެގެން ދިއުން. ރަޖިސްޓްރީ ދަފުތަރުން އަދި އެތަން ފެނިގެން ނުދިޔަ ކަމަށް ވިޔަސް އެ އެންމެން ވެސް ތާއީދު ކުރާ ފަރާތަކީ ރައީސް މައުމޫން. އެހެންވީމާ ރައީސް މައުމޫނުގެ ފިކުރާ ދިމާ ނުވާ، އަދި އަމުދުން އެމަނިކުފާނު ތަމްސީލު ނުކުރައްވާ ޕާޓީއަކުން އެއްވުމެއް ބޭއްވިއަކަސް އެ ފަރާތަކެއް ނުދާނެ،" ނަން ހާމަ ކުރަން ބޭނުން ނުވާ ސީޔާސީ ބޭފުޅަކު ވިދާޅުވި އެވެ.

ޑީއާރްޕީއާ ވަކިވެވަޑައިގެން މައުމޫން ޕީޕީއެމް އުފެއްދެވި ފަހުން ބޭއްވުނު އިންތިހާބުތަކުގައި ވެސް ޑީއާރްޕީއަށް ނަމްބަރު ދެއްކިފައެއް ނުވެ އެވެ. އިންތިހާބުތައް ކާމިޔާބު ނުކުރެވުނު، ބައެއް ދާއިރާތަކަށް ވާދަ ކުރުމުގައި ފަހަތަށް ޖެހުމާއި ހާއްސަކޮށް ކައުންސިލް ބައި އިލެކްޝަނެއްގައި ފުވައްމުލަކުން 19 ވޯޓް ލިބުން އެއީ ވެސް ޑީއާރްޕީ ރަޖިސްޓްރީ ދަފުތަރުން މިހާރު ފެންނަން އޮތް އަދަދަކީ ޕާޓީގެ ފިކުރުގައި ތިބި މީހުންތޯ ސުވާލު އުފައްދައިދިން ކަމެކެވެ.

އެންމެ މެންބަރުން ގިނަ ޕާޓީއަކީ އެމްޑީޕީ އެވެ. އެމްޑީޕީގެ މެންބަރު ހޮވި ޕާޓީގެ ރައީސާއި ނައިބު ރައީސް ވަނީ މަގާމުން ދުރުކޮށްފަ އެވެ. ހަމަ އެއާއެކު އެ ދެ ބޭފުޅުން ޕާޓީގެ މެންބަރުންނަށް ގޮވާލަމުން ގެންދަނީ އެބޭފުޅުން ގަބޫލުކުރާ ވެލިއުސްތަކާ އެކު އެބޭފުޅުންގެ ފަހަތަށް މެންބަރުން އައުމަމަށެވެ. އެކަން ފާޅުކޮށް އަލްހާން ފަހުމީ ވަނީ ހިތްވަރު ގަދަކަން ދައްކަވައި މުޒާހަރާ އަށް ވެސް ނުކުމެ ވަޑައިގެންފަ އެވެ. ނަމަވެސް ނަމްބަރު ދައްކައެއް ނުލެވުނެވެ. އޭގެ ބަދަލުގައި ފެނުނީ ރައީސް މުހައްމަދު ނަޝީދަށް ޕާޓީގެ ތެރޭގައި އޮތް ލޯބި ބޮޑުވެގެން ދިޔަތަނެވެ.

ދެވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ރިކޯޑްތަކުން އެނގެނީ ޑީއާރްޕީ ކަމަށެވެ. ލީޑަރު ތަސްމީން އަލީ ވިދާޅުވެފައިވާހެން ރައީސް މައުމޫން އެ ޕާޓީއާ ވަކިވެވަޑައިގެންނެވި ނަމަވެސް ޕާޓީގެ އާއްމު މެންބަރުންގެ ދަފުތަރުގެ އަދަދަކަށް މާބޮޑު ބަދަލެއް އައިތަނެއް ފެނިގެނެއް ނުދެ އެވެ. އެ އެމަނިކުފާނަށް ތާއީދު ކުރި ހުރިހާ މެންބަރުން ޕާޓީ ދަފުތަރުން ކެނޑިގެނެއް ނުދެ އެވެ. ޑީއާރްޕީގެ ނަމްބަރު އެގޮތަށް އޮތީ އެންވެ އެވެ. ނަމަވެސް އަމަލަކުން އެކަމެއް ނުފެނުނެވެ. އޭގެ ބަދަލުގައި ފެނުނީ ރައީސް މައުމޫނު އުފެއްދެވި ޕީޕީއެމްގެ ޖަލްސާތަކަށް މީހުން ޖަމާވާ މަންޒަރެވެ.

ޑީއާރްޕީގެ އަންހެނުން ގޮފީގެ ނައިބް ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި ޖަލްސާއެއް ބާއްވަން ހަމަޖައްސައި އެކަށީގެންވާ ވަރަށް މެންބަރުން ހާޒިރުވެފައި ނުވަނީ އެކަށީގެންވާ ގޮތުގައި އިންތިޒާމްތައް ނުކުރެވުމުގެ ސަބަބުންނެވެ.

"ޑީއާރްޕީގެ ޖަލްސާ ކެންސަލްވެއްޖެ ކަމަށް ބުނެ މަރަދޫގައި އެސްއެމްއެސްތަކެއް ވެސް ރޯލްވި، ތާޅަފިއްޔެއް ނެތުމުން އަޑުގަދަކުރާ އިން ޖަލްސާ އޮންނަ ވާހަކަ ވެސް ނޭނގުނު، އެހެންވެ ގިނަ ބަޔަކަށް ނޭނގޭ ޖަލްސާ އޮތް ކަން ވެސް،" ރޮޒެއިނާ ވިދާޅުވި އެވެ.

ދެކުނުގައި، އަދި މާލެ ފިޔަވައި އެންމެ ބޮޑު އާބާދީގައި ޑީއާރްޕީގެ ޖަލްސާއެއް ކުރަން ދަތުރު ކުރި އިރު އިންތިޒާމުގެ ވާހަކަ އާއި ތާޅަފިލީގެ ވާހަކަ އަކީ އެހާ ހަމަޖެހޭ ޖަސްޓިފިކޭޝަނެއްތޯ ސުވާލު އުފެދެ އެވެ. އަދި އެސްއެމްއެސްތަކެއް ފެތުރުނު ކަމަށް ވިޔަސް އެއީ ޑީއާރްޕީގެ ނަމްބަރުގެ ކުރިމަތީގައި ބަހާނާއެއްތޯ ހަމަ ސުވާލު އުފެދެ އެވެ.

ހިތަދޫގައި ބޭއްވި ޖަލްސާއަށް ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އެ ޖަލްސާއަށް މާލެއިން ދިޔަ މީހުންނާ އެކު ސާޅީހަކަށް މީހުން ގޮސްފައިވާ އިރު ގިނަ ބަޔަކަށް އެކަން ބޮޑު ސިހުމަކަށްވި އެވެ. އަދި ބައެއް މީހުންނަށް އެކަން ހެއްވާ ކަމަކަށް ވެސް ވިއެވެ.

ޑީއާރްޕީން މި ތަމްސީލުވި ކަންކަންކަމާއި އަދި އެމްޑީޕީގެ ތެރޭގައި ޖެހުނު "ކުނި" ކޮޅާއެކު ފެނިގެން ދިޔަ ކަންކަމާއި ރައީސް މައުމޫނާއި ރައީސް ނަޝީދަށްޓަކައި އެތަކެއް ހާސް ސަޕޯޓަރުންނެއް ތިބި ގޮތަށް ބަލާއިރު އެއް ކަމެއް ދޭހަކޮށްދެ އެވެ. އެއީ ރާއްޖޭގައި ސިޔާސީ ފިކުރަށް ވުރެ ބޮޑަށް މީހުން އިސްކަންދެނީ ވަކި މީހެއްގެ ފިކުރަށް ކަމަށެވެ. ރާއްޖޭގެ ސިޔާސީ ޕާޓީތައް އުފެދިގެން އައި ގޮތަށް ބަލާއިރު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އަބަދުވެސް އެންމެ ގިނަ ބަޔެއްގެ ލޯތްބާއި މަގްބޫލްކަން ސިޔާސީ ގޮތުން ހޯއްދަވާފައިވާ ދެ ބޭފުޅުންނަކީ ރައީސް ނަޝީދު އާއި ރައީސް މައުނޫނެވެ. އަދިވެސް މިފެންނަނީ އެ މަންޒަރެވެ. ޑީއާރްޕީގެ ޖަލްސާއަށް 40 މީހުން ދިއުމުގެ ހަގީގަތަކީ އަދި އަލްހާނުގެ ފަހަތުން ބަޔަކު ނުދިއުމުގެ ހަގީގަތަކީ އެއީ އެވެ.

ރައީސް މައުމޫންގެ ފިކުރުގެ މީހުންނާ އެމްޑީޕީ އަށް ތާއީދުކުރާ ރައީސް ނަޝީދުގެ ފިކުރުގެ މީހުންތަކާ އެއް ހަމައެއްގައި އިތުރު މީހެއްގެ ނުވަތަ ސިޔާސީ ލީޑަރެއް އެހާ ވަރުގަދައަށް ރައްޔިތުންގެ ހިތްތަކުން މިވަގުތަށް ޖާގަ ހޯދިދާނެތޯ މިއީ އުފެދޭ ސުވާލެވެ؟