ޓިކްޓޮކުން އިންޑޮނޭޝިއާގައި ދެމުންދިޔަ އީ-ކޮމާސްގެ ޚިދުމަތް މެދުކަނޑައިލަން ނިންމައިފިއެވެ.

ޓިކްޓޮކް އިންޑޮނޭޝިއާއިން ބުނީ އެ ކުންފުނީގެ އީ-ކޮމާސް މާކެޓްޕްލޭސްގެ މުއާމަލާތްތައް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުއްޓާލާނީ އާ ލޯކަލް ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން ކަމަށެވެ.

އިންޑޮނޭޝިއާގެ ޓްރޭޑް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އެއްވެސް އީ-ކޮމާސް ފީޗާއެއް ނެތި ނުވަތަ ބަންދުކުރުމުގެ ނުރައްކަލެއް ނެތި ޓިކްޓޮކަކީ ސްޓޭންޑަލޯން އެޕްލިކޭޝަނަކަށް ހެދުމަށް މިދިޔަ ހަފުތާގައި އެއް ހަފުތާގެ މުއްދަތެއް އިންޑޮނޭޝިއާގެ ޓްރޭޑް މިނިސްޓްރީންދީފައިވާ ދަނޑިވަޅެއްގައެވެ.

"އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ ލޯކަލް ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ދެމިތިބުމަށް،" ޓިކްޓޮކުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެހެންކަމުން ޓިކްޓޮކް ޝޮޕް އިންޑޮނޭޝިއާގައި އީ-ކޮމާސް މުއާމަލާތްތައް އޮކްޓޯބަރު ހަތަރެއްގެ ފަހުން ކުރިއަށް ނުގެންދެވޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކަމާ ބެހޭ އިދާރާތަކަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

މި ފިޔަވަޅު އެޅީ ދާދި ފަހުން ރައީސް ޖޯކޯ ވިޑޯޑޯ ސޯޝަލް މީޑިއާގެ ގަވައިދުތަކަށް ހުރިހާ ޕްލެޓްފޯމްތަކަކުން ވެސް އެއްބާރުލުން ދިނުމަށް ގޮވާލައްވާފައި ވަނިކޮށެވެ. އޭނާ ވިދާޅުވީ މިފަދަ ޕްލެޓްފޯމްތައް އައުމުގެ ސަބަބުން ބޭރުގެ އިމްޕޯޓްތަކުން ބާޒާރު ފުރި، އެތެރޭގެ ވިޔަފާރިތަކަށް ވިއްކާ މިންވަރު ދަށަށް ގޮސްފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގައި އިންޑޮނޭޝިއާ ސަރުކާރުން ވަނީ ޓިކްޓޮކް އަދި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އީ-ކޮމާސްގެ މުއާމަލާތްތައް މަނާކޮށްފައެވެ.

އާ ގަވައިދުގެ ސަބަބުން ޓިކްޓޮކްގެ ދެކުނު އިރުމަތީ އޭޝިއާގެ އުންމީދުތަކަށް ބޮޑު ހީނަރުކަމެއް އަންނާނެއެވެ.

ސީއީއޯ ޝައު ޒީ ޗީވް މީގެ ކުރިން ވިދާޅުވެފައިވަނީ އެމެރިކާގެ ޕްރެޝަރު ބޮޑުވަމުންދާއިރު ދުނިޔޭގެ ފެންވަރުގައި އެ ކުންފުނީގެ ވިޔަފާރި ޑައިވާސިފައި ކުރުމަށް މަސައްކަތް ކުރަމުންދާތީ މި އެޕްލިކޭޝަނުން މި ސަރަހައްދަށް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓް ކުރާނެ ކަމަށެވެ.

އިންޑޮނޭޝިއާއަކީ ޓިކްޓޮކްގެ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު މާކެޓު އަދި އެމެރިކާއަށް ފަހު 125 މިލިއަން މީހުން ބޭނުންކުރާ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު މާކެޓު ކަމަށް އެ ކުންފުނިން ބުނެއެވެ.