04 Oct 2023, 16:23
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާ ސަފީރު މުނު މަހާވަރާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައެވެ.
މިއީ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު ބައްދަލުކުރެއްވި ތިންވަނަ ޑިޕްލޮމެޓެވެ.
އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ބްރިޓިޝް ހައި ކޮމިޝަނަރު ކެރޮން ރޮސްލާއާ މިއަދު ހެނދުނުއެވެ. މުއިއްޒު މަތީ ތައުލީމް ހާސިލުކުރެއްވީ ވެސް އިނގިރޭސިވިލާތުންނެވެ. ދެވަނައަށް މުއިއްޒު ބައްދަލުކުރެއްވީ ޗައިނާ ސަފީރު ވަންގް ލިޒިންއާ މިއަދު މެންދުރުއެވެ.
އިންޑިއާ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، މުއިއްޒުގެ ރިޔާސީ ދައުރުގައި އިންޑިއާއާއެކު އޮންނަ ގުޅުން ސިޔާދަތީ އިހުތިރާމްގެ އަސާސްތަކުގެ މައްޗަށް އިޔާދަކުރައްވާ، ޒަމާނުއްސުރެ ދެ ގައުމު ދެމެދު އޮންނަ ޚާއްސަ ގުޅުން ހަރުދަނާކުރައްވާ އިތުރު ހަރުފަތަކަށް ގެންދެވުމަށް އުންމީދުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާ ސަފީރު މުނު މަހާވަރާ ބައްދަލުކުރެއްވުން-- ސަން ފޮޓޯ
މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވިދާޅުވީ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަމަށް ފުރިހަމައަށް އިހުތިރާމްކުރައްވާނެ ކަމުގެ ޔަގީންކަން ވަނި ދެއްވައިފައެވެ.
ނިމިގެން މިދާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބިކަމަށް ބުނެ އެންމެ ބޮޑަށް ވަކާލާތުކުރަމުންދާ ބަޔަކީ ޕީޕީއެމް/ޕީއެންސީންނެވެ. އެގޮތުން މުއިއްޒު ވަނީ ނޮވެމްބަރު 17 ވަނަ ދުވަހު ހުވާކުރެއްވުމަސް ފަހު އެންމެ ފުރަތަމަ ވެސް ފައްޓަވާނެ މަސައްކަތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުން ކަމަށް ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާ ސަފީރު މުނު މަހާވަރާ ބައްދަލުކުރެއްވުން-- ސަން ފޮޓޯ
އަދި ރާއްޖޭގެ ސިޔާދަތުތަކާ އެއްބަސްވެ އެކަންކަމަށް އިހުތިރާމްކުރާ ކޮންމެ ގައުމަކާއެކުވެސް ގުޅުން ބާއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މީގެ ކުރިން ވިދާޅުވީ، މިހާރު ކުރިއަށްދާ ޓްރާންސިޝަން މުއްދަތުގައި ވެސް އެކިއެކި ބޭރުގެ ގައުމުތަކުގެ ސަފީރުން ބައްދަލުވުންތަކަށް އެދެމުންދާ ކަމަށެވެ. އެގޮތުން ގާނޫނީ ހަމަތަކުގެ މަތިން ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ފަހު މިހާތަނަށް މުއިއްޒު ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރައްވައިފައެވެ.