ނ. ވެލިދޫގައި މީހަކު ދަންޖެހި މަރުވެއްޖެ އެވެ.

ވެލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާދިލް ވިދާޅުވީ ދަންޖެހި މަރުވެފައިވާ މިހަކީ އެ ރަށު ފެނޭބާ، 21 އަހަރުގެ އަހްމަދު ފިޒާޒު ކަމަށެވެ.

އާދިލް ވިދާޅުވީ ފިޒާޒު ދަންޖެހިފައި ހުރީ ގޭގެ ގޯތި ތެރޭގައި ހުރި ބަނބުކެޔޮ ގަހެއްގައި ކަމަށާއި އޭނާ ދަންޖެހިފައި ހުއްޓައި ފެނިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ މީހަކު ދަންޖެހިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު7:30ގައި ކަމަށާއި އޭނާ މަރުވެފައި ވަނީ ދަންޖެހިފައި ހުއްޓައިކަން ނުވަތަ ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން ކަން ޔަގީންކަމާ އެކު ބުނަން އެނގޭނީ ޑޮކްޓަރުގެ ތަހްގީގަށް ފަހުގައި ކަމަށެވެ.

ވެލިދޫން މައުލޫމާތުދިން މީހަކު ބުނީ ފިޒާޒު ދަންޖެހިފައި ހުޓައި ފެނުނީ މިއަދު ހެނދުނު ސްކޫލު ދޮށަށް ދިޔަ އަންހެނަކަށް ކަމަށެވެ. އަދި އާންމު ދިރިއުޅުމުގައި ވެސް ފިޒާޒު އަކީ މާގިނަ އިން މީހުންނާ ވާހަކަ ދައްކައި އުޅޭ މީހެއް ނޫން ކަމަށާއި ފަހަކަށް އައިސް މީހުނާ އެކަހެރިކޮށް އުޅެމުންދިޔަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.