14 May 2012, 01:21
ދިރާގް ދިވެހި ލީގުގައި މިއަދު އޭވައިއެލްއާ ދެކޮޅަށް ކުޅުނު މެޗުން 4-0 އިން ކާމިޔާބުކޮށް ވިކްޓަރީން ޓޭބަލުގެ ކުރީގައިވާ ނިއުއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފި އެވެ.
މި މެޗު އެއްްވަރުވުމުން ވިކްޓަރީ އަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ނިއު އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އޭވައިއެލް އޮތީ ލީގް ތާވަލްގެ އެންމެ ފުލުގައި އެންމެ ޕޮއިންޓަކާ އެކު އެވެ.
މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ވިކްޓަރީން ޖަހާ، ލީޑް ހޯދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު އުމައިރު ކާމިޔާބު ކުރި ގޯލުންނެވެ. ވިކްޓަރީގެ ދެ ވަނަ ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ އިބްރާހިމް ޝިނާޒެވެ. ތިން ވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ހުސެއިން ޝިމާޒް (ކޮކީ) ކާމިޔާބު ކޮށްދިންއިރު، ފަހު ލަނޑު ވިކްޓަރީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ ދެ ވަނަ ހާފުގައި ކުޅެން ނުކުތް ޒުވާން ފޯވާޑް ހަސަން އަދުހަމެވެ.
ދެ ގޯލްގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު، އޭވައިއެލްއަށް ވެސް މިއަދުގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. އެގޮތުން ކެޕްޓަން އާދަމް ލަރީފް (ރޮނާ) އަށް މެޗުގެ ފުރަތަމަ ހާފު ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތު ވަނީ ބޭކާރު ކޮށްލާފައެވެ. އަދި މެޗުގެ ދެ ވަނަ ހާފުގައި އޭވައިއެލް ކޮޅަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވިކްޓަރީއަށް ލިބުނު ނަމަވެސް، އެ ފުރުސަތު ތަކުގެ ބޭނުން ވިކްޓަރީގެ ފޯވާޑުންނަށް ނުހިފި ބޭކާރުވެގެން ދިޔަތަން ވެސް މިއަދުގެ މެޗުގައި ވަނީ ފެނިފައެވެ..
މެޗަށް ފަހު ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހް ބުނީ، މެޗުގެ ނަތީޖާއާ މެދު ހިތްހަމަޖެހުނު ކަމުގައި ވިޔަސް، މެޗުގެ ކުރީ ކޮޅު ލަނޑު ޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފުނުނަމަ ގިނަ ގޯލް ތަކެއް ފެނުނީސް ކަމަށެވެ.
އޭވައިއެލްގެ ކޯޗް މުހައްމަދު އާތިފް (އަތީ) ބުނީ، ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ޓީމުގެ ފަރާތުން ނުފެނުނު ކަމަށާއި މެޗުގެ ނަތީޖާއާ މެދުވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ.