04 Oct 2023, 09:20
ބޮނީ ކަޕޫރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފިލްމު "މައިދާން" ރިލީޒް ކުރާ ތާރީޚު ތަކުރާރުކޮށް ފަސްކުރެވެމުން ދާތީ އެކަމާ ބޮނީ ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
މި ފިލްމު 2019 ވަނަ އަހަރު އިއުލާނު ކުރިއިރު ރިލީޒްކުރާނެ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހެވެ. އެހެން ނަމަވެސް ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަން މަސައްކަތް ނުނިމި ލަސްވުމާ ގުޅިގެން ފިލްމު ރިލީޒް ކުރާނެ ދެވަނަ ތާރީޚެއްގެ ގޮތުގައި ހަމަޖެހުނީ މި އަހަރުގެ ޖޫން މަހުގެ 23ވަނަ ދުވަހެވެ.
އެހެން ނަމަވެސް ޖޫން މަސް ނިމުނު އިރުވެސް ފިލްމު ތިއޭޓަރާ ހަމައަށް ނައިސް ބެލުންތެރިން މާޔޫސް ކުރުވިއެވެ.
އެކި ފަހަރު މަތިން ފިލްމު ރިލީޒްކުރުން ލަސްވަމުން އަންނާތީ ބޮނީ ކަޕޫރު ބުނެފައި ވަނީ ފިލްމަށް ފައިސާގެ ދަތިކަން ވެސް މެދުވެރިވެފައިވާ ކަމަށެވެ.
އަޖޭ ދޭވްގަން ލީޑް ރޯލް ކުޅޭ މި ފިލްމުގެ އިންޝުއަރެންސްގެ ފައިސާގެ ގޮތުގައި ލިބެންޖެހޭ އެއްވެސް ފައިސާއެއް މިހާތަނަށް ބޮނީއަށް ލިބިފައި ނުވާކަމަށް ވެސް "މިސްޓަ އިންޑިއާ"ގެ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.
މި މައްސަލައާ ހުރެ ބޮނީ އަށް އެތައް ރެއެއްގެ ނިދި ނަގާލުމަށް ފަހު މި ކަމަށް ޙައްލެއް ހޯދަން މަސައްކަތް ކުރެވިއްޖެ ކަމަށާއި ނަމަވެސް ފިލްމަށް ދިމާވި މައްސަލައަށް ޙައްލެއް ހޯދުމަށް ބޮނީއަށް އިތުރަށް ދެން ކުރެވޭނެ ކަމެއް ނެތްކަމަށް ވަނީ ބުނެފައެވެ.
ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ، އަމިތު ޝަރުމާއެވެ. އަޖޭ ދޭވްގަން ފުޓު ބޯޅަ ކޯޗެއްގެ ރޯލް ކުޅޭ ފިލްމުގައި ދައްކުވައިދޭ ފުޓު ބޯޅަ ދަނޑަށް އެކަނިވެސް ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހިފައިވާ ކަމަށް ބޮނީ ވަނީ ބުނެފައެވެ. މިދިޔަ އަހަރު ރިލީޒްވެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އާރްއާރްއާރް" އާ އެއް ދުވަހެއްގައި ރިލީޒްކުރުމަށް ނިންމި ފިލްމު ސިނަމާތަކަށް ގެންނާނެ ދުވަހެއް ނުނިންމޭއިރު މި ފިލްމަކީ، މި އަހަރު ރިލީޒްކުރެވޭނެ ކަމަށް ބެލުންތެރިން އެންމެ އުއްމީދުކުރި އެއް ފިލްމެވެ.