ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން އާއި ލޯބިވެރިޔާ ސަބާ އަޒާދުގެ ގުޅުމަށް އާއްމުންގެ ފަރާތުން ނުރުހުމުގެ ބަސްތައް ބުނާތީ ކަންބޮޑުވާ ކަމަށް އެކްޓަރު ބުނެފިއެވެ.

ރިތިކް އާއި ސަބާގެ ލޯބީގެ ގުޅުން އާއްމު ކުރުމާއެކު ހާއްސަކޮށް ސަބާއަށް އަމާޒުކޮށްގެން ވެސް ވަރަށް ގިނަ ބަޔަކު ވަނީ ނުރުހުމުގެ ބަސްތައް ރައްދު ކޮށްފައެވެ.

އެކްޓުކުރުމުގެ އިތުރުން މިއުޒިކް ދާއިރާގައި ޙަރަކާތްތެރިވާ 37 އަހަރުގެ ސަބާ އާއި ރިތިކް އުމުރުގައި 12 އަހަރުގެ ތަފާތު ހުރެއެވެ. އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއޫގައި ސަބާ ބުނެފައި ވަނީ އާއްމުންގެ ފަރާތުން އަންނަ ނުރުހުމުގެ ބަސްތަކާ ހުރެ އޭގެ ނޭދެވޭ އަސަރު ދިރިއުޅުމަށް ވެސް ކުރާ ކަމަށެވެ. އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުގައި ސަބާ ބުނީ، އޭނާ އަކީ މިއުޒިކު ދާއިރާގައި މަސައްކަތް ކުރާ ފަރާތަކަށް ވިޔަސް އެފަދަ ނުރުހުން ތަކުގެ އަޑު މާ ބާރަށް އިވޭ ކަމަށެވެ.

އެފަދަ ވަގުތު ތަކުގައި ސަބާއަށް އެހެން މީހުންނާ މެދު ގޯސްކޮށް ކުރެވުނީ ކޮން ކަމެއް ކަމާމެދު އަމިއްލަ ނަފުސާ ސުވާލުކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސަބާއަކީ އަބަދުވެސް ވަރަށް އުފާވެރި ހިނިތުން މޫނަކާއެކު ކޮންމެ މީހަކާ ވެސް މުހާތަބްކުރާ ފަރާތެއް ކަމަށާއި އަމިއްލައަށް ބޭނުންވާ ގޮތަށް ދިރިއުޅުން ކުރިޔަށް ގެންދިއުމުގެ އިހުތިޔާރު އޮންނަންވާނެ ކަމަށް މި އިންޓަވިއުގައި ވަނީ ބުނެފައެވެ.

ސަބާއެކޭ އެއްގޮތަށް ރިތިކް ރޯޝަން ވެސް ބުނެފައި ވަނީ ދެ މީހުން އާއްމުންގެ ތެރެއަށް ނުކުތުމުގެ ކުރިން ވަރަށް ވިސްނި ކަމަށެވެ. ސަބާ އަކީ ވަރަށް ޕްރައިވެޓް ދިރިއުޅުމަކަށް ލޯބިކުރާ ފަރާތަކަށް ވުމުން ކުރިމަތި ވާނެ ގޮންޖެހުންތަކާ މެދު ދެ މީހުން މަޝްވަރާ ކުރިކަމަށްވެސް ރިތިކް ވަނީ ބުނެފައެވެ.

އާއްމުންގެ ފަރާތުން ނުރުހުން އަމާޒުވި ނަމަވެސް ސަބާ އަކީ ރިތިކްގެ އާއިލާ މެމްބަރުންގެ މެދުގައި ވަރަށް މަގުބޫލު ފަރާތެކެވެ. ހަމައެއާއެކު ރިތިކްގެ ކުރީގެ އަންހެނުން ސުޒޭން ޚާން އާއި އެ ކައިވެންޏަށް ލިބުނު ދެ ކުދިންގެ މެދުގައި ވެސް ސަބާ އަކީ ވަރަށް މަގުބޫލު އަދި ގާތް ރަޙްމަތްތެރި އެކެވެ. ސަބާގެ ލައިވް ކޮންސެޓުތަކުން ވެސް ސުޒޭން އާއި ސުޒޭންގެ ލޯބިވެރިޔާ ފެނުން އާއްމުވެފައި ވާއިރު އެންމެން އެކުގައި ޗުއްޓީ ދަތުރު ތަކުގައި ދިއުމަކީ ވެސް އާއްމު ކަމެކެވެ.