ހެއްވާ މަޖާ ރޯލްތައް ކުޅެފައިވާ އެކްޓަރު ކާތިކް އާރްޔަން އާއި އަޔުޝްމާން ކުރާނާ ހިމަނައިގެން ކޮމެޑީ ފިލްމެއް އުފައްދުމުގެ ވިސްނުން އެބަ ހުރި ކަމަށް ޑައިރެކްޓަރު ރާޖް ޝާންދަލިޔާ ބުނެފިއެވެ.

ރާޖް ޝާންދަލިޔާ އަކީ ދާދިފަހުން ރިލީޒްވި އަޔުޝްމާންގެ ފިލްމު "ޑްރީމްގާލް" އަދި "ޑްރީމް ގާލް2"ގެ ޑައިރެކްޓަރެވެ.

ދެ ތަރިން ހިމަނައިގެން އުފައްދަން ނިންމާފައި ވަނީ ޢާއިލީ ކޮމެޑީ ފިލްމެއް ކަމަށާއި މި ފިލްމުގެ ސްކްރިޕްޓްވެސް މިހާރު ތަރައްޤީ ކުރެވިފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ކާތިކް އާރްޔަން އާއެކު ފިލްމާ ގުޅޭ މަޝްވަރާތައް ކުރެވިފަވާއިރު ކާތިކަށް މި ފިލްމަށް ވަގުތު ދެވެން އޮތީ ކުރިޔަށް އޮތް އަހަރު މެދުތެރޭ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ޑައިރެކްޓަރު ޝާންދަލިޔާއާއެކު މީގެކުރިން އަޔުޝްމާން ކުރާނާ މަސައްކަތް ކޮށްފައިވާއިރު މި ފިލްމަށް އަޔުޝްމާނު ނޫނެކޭ ބުނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ފިލްމުގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިޔަށް ގޮސްފި ނަމަ މިއީ ކާތިކްއާއި އާރްޔަން އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށް ވާނެއެވެ.

ބޮލީވުޑްގެ އެންމެ ކުޅަދާނަ ދެ އެކްޓަރުން ކަމަށްވާ އަޔުޝްމާން އާއި ކާތިކް އާރްޔަން އަކީ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ދެ އެކްޓަރުންނެވެ. ކާތިކް އާރްޔަން މަސައްކަތް ފަށާފައިވާ ފިލްމު "ޗަންދޫ ޗެމްޕިއަން"ގެ ޝޫޓިންގް ދާދިފަހުން ވަނީ ނިންމާލާފައެވެ.

ފިލްމު "ޗަންދޫ ޗެމްޕިއަން" އަށްފަހު ކާތިކް ދެން ތައްޔާރުވާނީ އެކްޓަރުގެ ކެރިއަރުގެ ކާމިޔާބު ފިލްމު "ބޫލް ބުލައްޔާ"ގެ ތިންވަނަ ބަޔަށެވެ. މި ސިލްސިލާގެ ދެވަނަ ފިލްމުން ކާތިކް އާއެކު ބަތަލާގެ ގޮތުގައި ފެނުނީ ކިއާރާ އަދްވާނީ އެވެ. ކާތިކް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރުގެ ޖޫން މަހު ރިލީޒްވި ފިލްމު "ސަތުޔަޕްރޭމް ކީ ކަތާ" އިންނެވެ.