މި މަހުގެ 20ވަނަ ދުވަހު ރިލީޒްކުރުމަށް ތާވަލު ކުރެވިފައިވާ ފިލްމު "ގަނަޕަތު: އަ ހީރޯ އިޒް ބޯން" ގެ ފުރަތަމަ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.

މި ފިލްމަކީ، ޓައިގާ ޝްރޮފްގެ އެކްޝަން ފިލްމަކަށް އިންތިޒާރު ކުރަމުން އަންނަ ފަރާތްތަކުގެ އިންތިޒާރަށް ނިމުން ގެނުވައިދޭނެ ފިލްމެކެވެ. ޓައިގާ ޝްރޮފްގެ އިތުރުން ފިލްމުގެ ލީޑް ރޯލް ކުޅޭ ބަތަލާ ކްރިތީ ސެނޮންގެ ވެސް ވަރުގަދަ އެކްޝަން ސީން ތަކެއް ފިލްމުގެ ޓީޒާ އިން ފެނެއެވެ.

ކާމިޔާބު ޕްރޮޑިއުސަރު ޖެކީ ބަގްނާނީގެ ޕޫޖާ އެންޓަޓެއިންމަންޓްއިން އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ ވިކާސް ބަލްއެވެ. ވިކާސް ބަލްގެ މަގުބޫލު ފިލްމު ތަކުގެތެރޭ، އަމީތާބް ބައްޗަން އަދި ސައުތު ބަތަލާ ރަޝްމިކާ މުހިއްމު ރޯލް ކުޅުނު ފިލްމު "ގުޑް ބާއި" އަދި ރިތިކް ރޯޝަންގެ ބައޮގްރަފިކަލް ޑްރާމް ފިލްމު "ސުޕަ30" ހިމެނެއެވެ.

ހިންދީ ސިނަމާގެ ތަޖުރިބާކާރު ފިލްމީ ތަރި އަމީތާބް ބައްޗަން މުހިއްމު ރޯލްއިން ފެންނާނެ "ގަނަޕަތު" އަކީ ސައިންސް ފިކްޝަން އެކްޝަން ފިލްމެކެވެ.

ޓައިގާ ޝްރޮފްގެ ވަރުގަދަ އެކްޝަން ސީންތަކެއް އެކުލެވޭ ޓީޒާ ރިލީޒް ކުރުމާ އެކު ފިލްމީ ދާއިރާގެ ގިނަ ފަރާތްތަކުން ވަނީ ޓައިގާ އަށް ވަރަށް ބޮޑަށް ތަޢުރީފު ކޮށްފައެވެ. ފިލްމުގެ ޓީޒާ އިން އުއްމީދުކުރި ވަރަށް ވުރެ މާބޮޑަށް ޓައިގާގެ އެކްޝަން ސީންތައް ފުރިހަމަވެފައި ވަރުގަދަ ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ފިލްމު ބަލަން ކެތްމަދު ވެފައިވާ ކަމަށް ޓައިގާއަށް ތަރުހީބު ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމު "ގަންޕަތު" ހިންދީ ބަހުންނާއި ތަމަޅަ، ތެލުގޫ، މަޅަޔާލަމް އަދި ކަންނާޑާ ބަހުން ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ. އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާ ޝްރޮފް އަކީ، މާޝަލް އާރޓްސް ތަމްރީނުތައް ފުރިހަމަކޮށް އޭގެ ފަސް ވަނަ ޑިގްރީގެ ކަޅު ބެލްޓު ހާސިލުކޮށްފައިވާ އެކްޓަރެކެވެ. އަދި ޒުވާނުން މާޝަލް އާޓްސްއަށް ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގައި ޓައިގާ ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ.