އަލިފާން ނިއްވުމުގެ ޚިދުމަތް ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުން އެމްއެންޑީއެފްގެ ސެންޓުރަލް އޭރިޔާގެ ޕޯސްޓް ދ. ކުޑަހުވަދޫގައި ހުޅުވައިފި އެވެ.

ކުޑަހުވަދޫގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ޕޯސްޓު ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ. އެތަން ހުޅުވުމާ އެކު ދެން އޮތީ އެތާގައި ގައުމީ ދިދައާ އެމްއެންޑީއެފްގެ ދިދަ ނެގުމެވެ. އެގޮތުން ގައުމީ ދިދަ ނަންގަވައިދެއްވީ މިނިސްޓަރު ނާޒިމް އެވެ. އަދި ސިފައިންގެ ދިދަ ނަންގަވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އެވެ.

އެ ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ކުޑަހުވަދޫގައި ހުޅުވި އެ ޕޯސްޓަކީ ސިވިލް ފަޔާގެ ޚިދުމަތް ދިނުމަށް ޓަކައި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރަމުން އަންނަ ތަންތަނުގެ ތެރެއިން އިމާރާތް ކުރެވުނު ތަނެއް ކަމަށެވެ.

"މިޕޯސްޓަކީ އަލިފާން ނިއްވުމުގެ ހިދުމަތަށް ހާއްސަ ތަނެއް ކަމުގައި ވިޔަސް ސިފައިންގެ ޕޯސްޓްތަކުން ދެމުންދާ ތަފާތު ގިނަ ހިދުމަތްތަކެއް މިމަރުކަޒުން ލިބިގެންދާނެ. އަދި މިޕޯސްޓުގެ ސަބަބުން އޮގްޒެލަރީ ފަޔާމަނުންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕޯސްޓް ހުޅުވުމަކީ ސިފައިން ރައްޔިތުނަށް ދެމުން އަންނަ ހިދުމަތްތަށް އިތުރުވި ބޮޅެއް ކަމަށާއި އަދި އެ ޕޯސްޓްގެ ސަބަބުން އެ ހިސާބުގެ ގިނަ ރައްޔިތުނަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

އެ ޕޯސްޓް ހެދުމަށް ޓަކައި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި ސެންޓުރަލް އޭރިއާގެ ސިފައިންގެ އިތުރުން ހޯމް މިނިސްޓްރީ އާއި ކުޑަހުވަދޫ ކައުންސިލުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ނާޒިމު ޝުކުރު އަދާކުރެއްވި އެވެ.