އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ އެއްބާރުލުމަށް އެދިވަޑައިގެންފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ މައްޗަށް ކުރި ހޯއްދަވައި ކުރިއަށް އޮތް ފަސް އަހަރަށް ހޮވިވަޑައިގެންނެވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މުއިއްޒެވެ.

އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނަވައި މިއަދު ވަނީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ރަސްމީކޮށް ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ތަރުޖަމާނު ހަސަން ޒިޔާއު މިއަދު "ސަން"އަށް ވިދާޅުވީ، އިންތިޚާބީ ރައީސް މުއިއްޒު އެދިވަޑައިގަތީ ސަރުކާރު ހިންގެވުމުގައި މަޖިލީހުގެ އެއްބާރުލުމަށް ކަމަށެވެ. އަދި، މަޖިލީހުގެ ރައީސް ނަޝީދު ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ރަސްމީކޮށް ބައްދަލުކުރެއްވުމުގެ ތެރެއިން--- ފޮޓޯ/ މަޖިލިސް

މީގެ އިތުުރުން މި ބައްދަލުކުރެއްވުމުގައި ވެރިކަމާ ހަވާލުވުމަށް ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން ވަނީ ވާހަކަދައްކަވައިފައެވެ. އެކަން ވެސް ދެ ފަރާތުން މަޝްވަރާކޮށްގެން ކުރިއަށްގެންދާ ގޮތަށް ނިންމާފައިވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެގޮތުން 17 ނޮވެންބަރު 2023 ވާ ހުކުރު ދުވަހު އެ ޖްލަސާ ބޭއްވުމުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށްގެންދާ ކަމަށް މަޖިލީހުން އިއްޔެ ވަނީ ބުނެފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ރަސްމީކޮށް ބައްދަލުކުރެއްވުމުގެ ތެރެއިން--- ފޮޓޯ/ މަޖިލިސް

މީގެ އިތުރުން މުއިއްޒު ވަނީ މަޖިލީހަށް ވަޑައިގެން މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.

މި ރަސްމީ ބައްދަލުކުރެއްވުމުގައި މުއިއްޒުގެ އަރިހުގައި އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން އިދިކޮޅު ލީޑަޝިޕްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.