މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ މަންދޫބު ޑޮން މެކިނަން މިއަދު ހަވީރު ސިޔާސީ ޕާޓީތަކާ ބައްދަލުކުރައްވައިފި އެވެ.

ވެލާނާގޭގައި މިއަދު ހަވީރު އޮތް އެ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ޕީޕީއެމާއި ޑީއާރްޕީ އާއި އެމްޑީޕީ އާއި އަދާލަތުޕާޓީއާއި ގައުމީ ޕާޓީ އާއި ގައުމީ އިއްތިހާދު އަދި އެމްއާރްއެމް އެވެ.

އެ ބައްދަލުވުމަށް ފަހު ސަން އޮންލައިނަށް މައުލޫމާތުދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން، އިންޓަނޭޝަނަލް އެފެއާޒު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވީ ޑޮން މެކިނަން ސިޔާސީ ޕާޓީތަކާ ބައްދަލުކުރެއްވީ އިންކުއަރީ ކޮމިޝަނަށް ގެންނަން ފެންނަ ބަދަލުތައް ހިއްސާ ކުރެއްވުމަށް ކަމަށެވެ.

ހާމިދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަން ކުރައްވާ ދެ ބޭފުޅަކާއި ކޮމަންވެލްތުގެ ފަނޑިޔާރަކު އިންކުއަރީ ކޮމިޝަންގައި ހިމެނުމަށް އެމްޑީޕީ އާއި ކޮމަންވެލްތުން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އިންކުއަރީ ކޮމިޝަނަށް އެ ބަދަލުގެނެވޭނެ ކަމުގެ ޔަގީންކަން މިއަދުގެ ބައްދަލުވުމުން އެނގިގެން ދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތަށް ކޮމިޝަނަށް ބަދަލު ގެނައި ކަމަށް ވިޔަސް މިހާރު ކޮމިޝަންގައި ތިއްބެވި ތިން މެންބަރުން ވެސް ކޮމިޝަންގައި ތިއްބެވުމަކީ އެ ޕާޓީ އާއި ކޮމަންވެލްތުގެ މައްސަލައެއް ނޫން ކަމަށެވެ.

"އެހެންވީމާ ރައީސް ނަޝީދު ހުށަހަޅުއްވާ ދެ މެންބަރުން އެ ކޮމިޝަންގައި ތިއްބަވާ ގޮތަށް ހަމަޖެހުނުކަން އެނގިގެން ދިޔައީ. 16 ވަނަ ދުވަހު ކޮމިޝަން އެގޮތަށް އެކުލަވާލެވުނީމާ އޭގެ މާނައަކީ އެ ހުޅުވާލެވުނީޔޭ ބަޣާވާތް ކުރި މީހުން ބަންދު ކުރުމުގެ ފުރުސަތު،" ހާމިދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ އިންތިގާލީ ނާއިބް ރައީސް އުމަރު ނަސީރު ވިދާޅުވީ އެ ބައްދަލުވުމުގައި އިންކުއަރީ ކޮމިޝަނާ ބެހޭ ގޮތުން ވާހަކަ ދެއްކި ނަމަވެސް ސިޔާސީ ޕާޓީތަކާ ބައްދަލުކުރެއްވީ ޕާޓީތަކުން ދައްކާ ވާހަކަތައް އަޑުއެއްސެވުމަށް ކަމަށް މެކިނަން ވިދާޅުވި ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން ބުނަން ބޭނުންވި ވާހަކަތައް މެކިނަން އާއި ހިއްސާ ކުރައްވާފައިވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ އަށް ބަދަލު ނުގެނެވޭނެ ކަމަށާއި އަދި އަވަސް އިންތިޚާބެއް ވެސް ނުބޭއްވޭނެ ކަމަށް ސިޔާސީ ޕާޓީތަކުން މެކިނަން އަށް ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ސިޔާސީ ޕާޓީތަކުން ވަރަށް ސާފުކޮށް އޮންނާނީ ދަންނަވާފައި އަވަސް އިންތިޚާބެއް ނުބޭއްވޭނެ ކަމަށާއި ގާނޫނު އަސާސީ އަށް ވެސް ބަދަލުނުގެނެވޭނެ ކަމަށާއި ބަދަލުގެނައުމަށް އެއްވެސް ސިޔާސީ ޕާޓީއަކުން ގަބޫލު ނުވާނެ ކަމަށް،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ތަހުގީގެއް ކުރުމެއް ނެތި ރާއްޖޭގެ ކަންތައްތަކާ ބެހޭ ގޮތުން ސީމެގުން ހުކުމް އިއްވާތީ ސީމެގުގެ މިނިވަންކަމާ މެދު ޝައްކު ކުރެވޭ ކަމަށް ވެސް މެކިނަން އަށް ދަންނަވާފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ ސީމެގުގުން ކަންތައް ކުރާގޮތާ މެދު ސިޔާސީ ޕާޓީތަކުން ހިތްހަމަނުޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށާއި ސީމެގުން ކަމެއް ނިންމާ އިރު ނިންމަން ވާނީ ސީމެގުން އެކަމެއް ތަހުގީގުކޮށް، އެކަމުގެ ރިޕޯޓެއް އެކުލަވާލުމަށް ފަހު އެ ރިޕޯޓަށް ބެލުމަށް ފަހު ކަމަށް ވެސް މެކިނަން އަށް ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެދުނިން އެކަންކަން އިސްލާހު ކުރުމަށާއި ސީމެގުން ކަމެއް ނިންމަންޏާ ނިންމަން ވާނީ ސީމެގުން އެކަމެއް ތަހުގީގުކޮށް ބަލައި ނިމި ނުވަތަ އެތަހުގީގު ކުރަން ހަމަޖެހިފައިވާ ބަޔަކު ތަހުގީގުކޮށް، ބަލާނިމި އެކަމާ ބެހޭ ރިޕޯޓެއް ނުކުތީމާ އެ ރިޕޯޓުގެ މައްޗަށް ބަލާފަ އޭ ގޮތެއް ނިންމަންވާނީ. އެނޫން ގޮތަކަށް ކަމެއް ނިންމުމަކީ އެއްވެސް އުސޫލަކާ އެއްގޮތަށް ނިންމާފައިވާ ކަމެއް ނޫނޭ." އުމަރު ވިދާޅުވި އެވެ.