ނިޔަމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވި ތަން ފެނުމުން، އާޔަތުގެ އެތެރެހަށި އަނދައިގަތެވެ. ދާވިއަންގެ ބައްޕައަކީ ޒައިލް ކަން އެނގުމުން، އޭނާގެ ހިތް ފުނޑުފުނޑުވިއެވެ. ކުރިން އޭނާއަށް އެނގިފައިވާ ގޮތުގައި ދާވިއަންއަކީ ބައްޕަ ނެތް ކުއްޖެކެވެ. ނުޒުހަތުގެ ވާހަކަވެސް ހުރީ އެފަދަ މޭރުމަކުންނެވެ. ނިޔަމް ކައިވެންޏެއް ކުރިކަމާއި، ދާވިއަންއަކީ އެ ކައިވެންޏަށް ލިބިފައިވާ ދަރިއެއްކަން އޭނާއަށް އެނގުނީ ކޯޓުގައި އުޅޭ އެކުވެރިއަކު މެދުވެރިކޮށް ހޯދި މައުލޫމާތުންނެވެ. ނިޔަމް އޭނާގެ ކައިވެނި ސިއްރުކުރަންޖެހޭ އެއްވެސް ސަބަބެއް އާޔަތަކަށް ނުވިސްނުނެވެ.

********

ފުރަން ނުކުމެ ތިބި މީހުންތަކުން މުޅި ސަރަހައްދު ފުރެމުން ދިޔައެވެ. އެކި އުމުރުގެ މީހުންނާއި ކުޑަކުދިންނެވެ. ޒައިލްމެން ތިބި ކާރު މަޑުކޮށްލީ ސަރުކާރުގެ އިސްވެރިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ލޯންޗުގެ ކައިރިއަށެވެ. ކާރުގައި ތިބީ ޔާމީނާއި އާޔަތުގެ އިތުރުން ދާވިއަން އާއި ނިޔަމްއެވެ. ޒައިލް ކާރުން ފައިބައިގެން އައިސް ޔާމީން ނުކުތުމަށް ދޮރު ހުޅުވައިދިނެވެ.

"ކުޑަމީހާއަށް ބަލާލައްޗޭ..." ދާވިއަންއަށް އިޝާރާތްކޮށްލަމުން ޔާމީން ޒައިލްގެ ކިބައިން އެދުނެވެ.

ޔާމީން ލޯންޗަށް އަރުވާފައި ޒައިލް އެނބުރުނުއިރު ދާވިއަން އުރާލައިގެން ނިޔަމް ހުރީ ތަންކޮޅެއް ދުރުގައެވެ. ނިޔަމްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ އޭނާއަށް ހަނާއަޅަމުން އެދިމާއަށް އައި އަރުޝާ އާއި ލޫކް ފެނުމުންނެވެ.

"ޔަމް ނުބުނިނަމަ ނުވެސް އަންނާނަން..." އަރުޝާ ދޫކޮށްލީ ފުންނޭވާއެކެވެ. "ލޫކް އެއައީ ބޭބެގެ އިންވިޓޭޝަންއަކަށް..."

ނިޔަމްމެން ހިނގައިގަތީ އާންމުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ލޯންޗްތަކާއި ދިމާއަށެވެ. އެމަންޒަރު ބަލަން ހުރި ޒައިލްގެ މުޅި މޫޑު ހަރާބުވިއެވެ.

"ދަރިފުޅު ނުބުނަންތަ ދައްތަ ކައިރީ މި ލޯންޗަށް އަރާކަށް؟..." ނިޔަމް ދިޔަތަން ފެނުމުން ޔާމީންގެ މޫނުން ފެނުނީ ނުތަނަވަސްކަމެވެ. އެކަން ފާހަގަވުމުން އާޔަތުގެ ލޭ ކެކިގަތެވެ.

"އޭނަ މިއަށް އަރަން ބޭނުންނުވީމައެއްނު އަހަރެމެންނާއެކީ އައިއްސަ ވަކިވެގެން އެދިޔައީ..." އާޔަތު ރުންކުރު ރާގަކަށް ބުނެލިއެވެ.

ޒައިލް ލޯންޗަށް އެރީ ހިތާއި ދެކޮޅަށެވެ. ނިޔަމްގެ ކައިރީގައި ލޫކް އިންތަން ބަލަން އޭނާގެ ހިތަކަށް ކެތެއް ނުވިއެވެ. ނިޔަމްމެން ތިބި ލޯންޗާއި ޒައިލްމެން ތިބި ލޯންޗް އެއްކޮށް ނައްޓާލި ނަމަވެސް ފުރަތަމަ މަންޒިލާއި ހަމައަށް ފޯރީ ޒައިލްމެން ތިބި ލޯންޗެވެ.

ކަނޑު ގަދަ ދުވަހެކެވެ. ލޫކް ދާވިއަން މެޔާލައި ބޮނޑިކޮށްލައިގެން އިންއިރު، ނިޔަމްއަށް އިނދެވުނީ ލޫކްގެ އަތުގައި ހިފައިގަނެގެން ކޮނޑުގައި ނިތްކުރި ޖައްސާލައިގެންނެވެ. ލޫކް އިނީ މަންޒިލާއި ހަމައަށް ދެވުނުލެއް އަވަސްވެފައެވެ. ނިޔަމް އިސްއުފުލައިލީ ލޯންޗު ހުއްޓުމުންނެވެ. ކުރިމަތިން ފެންނަން އޮތީ މަލަމަތި ފެހި ރީތި ރަށެކެވެ. ސާފު ރީތި މޫދަކާއި ހިތްގައިމު ދެ ތުނޑި ރަށުގެ ދެފަރާތުން ފެންނަން އޮތެވެ.

ރަށުގައި ފާލަމެއް ނެތެވެ. ދިޔަވަރު ހިކި ވަގުތެކެވެ. ލޯންޗު އެއްގަމަށް ބީއްސައިލެވޭ ގޮތެއް ނުވިއެވެ. އެންމެން ކަކޫތާފެނަށް މޫދަށް ފޭބިއިރުވެސް ނިޔަމް އިނީ ފައިބަން ނުކެރިފައެވެ. ދާވިއަން އަރުޝާގެ ކައިރީގައި ބަހައްޓާފައި ލޫކް ހިނގައިގަތީ ނިޔަމް ބާލާށެވެ. ލޫކަށް ލޯންޗާއި ހަމައަށް ނުދެވެނީސް ފަހަތުން އައި މީހަކު އޭނާގެ ގައިގައި ޖެހިގަނެފައި ކުރިއަށް ދިޔައެވެ. ނުވިސްނާ ހުރުމުން ލޫކް ދާދި ފަސޭހައިން އަރިއަޅާލައިގެން މޫދަށް ވެއްޓުނެވެ.

"އޯހް، ސޮރީ ސޮރީ..." ޒައިލް ފަސްއެނބުރިފައި ލޫކަށް ބަލައިލިއެވެ. އޭރު ލޫކް ތެދުވަނީއެވެ. ޒައިލް ގަސްދުގައި ކުރި ކަމެއްކަން ލޫކަށް އެގޭ ކަހަލަ ނަޒަރަކުން އޭނާ ޒައިލްއަށް ބަލަން ހުއްޓެވެ.

ޒައިލް ނިޔަމް އޭނާގެ އަތްދަނޑި މައްޗަށް އުފުލާލައިގެން ގެނެސް އެއްގަމުގައި ބެހެއްޓިއެވެ.

"ކޮން ބިޓެއް؟..." ޒައިލް ދިޔުމުން އަރުޝާ ނިޔަމްއަށް ބަލައިލީ ދެލޯ ހަނިކޮށްލަމުންނެވެ.

"މަންމީ، ދާން ބޭނުން ޑެޑީ ކައިރިއަށް ދާން..." ނިޔަމް އެއްޗެއް ބުނުމުގެ ކުރިން ދާވިއަން ދުވެލާފައި ޒައިލްގެ ފަހަތުން ދިޔައެވެ. އަރުޝާ ހުރީ ވާނުވާ ނޭނގިފައެވެ.

ފިރިހެނުންތައް ޓެންޓް ޖެހުމުގެ މަސައްކަތްކުރަމުން ދިޔައިރު، އަންހެނުން ދިޔައީ ކެއްކުމުގެ މަސައްކަތް ކުރަމުންނެވެ. އަރުޝާ އާއި ނިޔަމް ދަރުހޮވަން ވަލަށް ވަނީ ދާވިއަން އާޔަތުގެ ކައިރީގައި ބަހައްޓާފައެވެ. ދާވިއަންގެ މައުސޫމުކަމުން އާޔަތުގެ ހިތް މަޑު ކަފަކޮޅަކަށް ވާން އުޅުނު ނަމަވެސް އޭނާ އިސާހިތަކު އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވިއެވެ. އޭނާގެ ހިތުތެރޭގައި ރާވާލީ ނުބައި ރޭވުންގަނޑެކެވެ.

"ދާނަންތަ ހިނގާލަން؟..." ވެލިގަނޑުގެ މަތީގައި ކުޅެން އިން ދާވިއަންއަށް ބަލައިލި އާޔަތުގެ ނަޒަރުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ.

"މަންމި އައީމަ ދާން ދާނީ..." ދާވިއަން އިނީ މާ ފޯރީގައި ވެއްޔާއި ކުޅޭށެވެ. އޭނާގެ ކުރިމަތީގައި އަތުރާފައިވާ ކުޅޭ އެއްޗެހިތަކަށް ވެލިއަޅާފައި ހުއްޓެވެ. ދާވިއަން މަސައްކަތްކުރަމުން ދިޔައީ ބާކީ ހުރި އެއްޗެއްސަށް ވެލިއަޅާށެވެ.

"ވަރަށް ރީތި މަސްފެންގަނޑެއް އޮންނާނެ އެދިމާލުގަ..." އާޔަތު ބުނެލިއެވެ. "ދާނަންތަ؟..."

"ބްލޫ ފިސްވެސް އުޅޭނެތަ؟..." އާޔަތު ބޭނުންވިގޮތަށް ދާވިއަންގެ ޝައުގުވެރިކަން އަތުލެވުނެވެ.

"އާނ އުޅޭނެ... މިހާވަރުވާ ބޮޑެތި ފިޝްވެސް އުޅޭނެ..." އަތުން އިޝާރާތްކޮށްލަމުން އާޔަތު ބުންޏެވެ.

"ޑެޑީ ގޮވައިގެން ދާނީ، އޭރުން އެ މަސް ހިފޭނީ..." ދާވިއަން ތެދުވިއެވެ. "ޑެޑީ ޕޮލިސްވީމަ ސްޓްރޯންގްވާނެ..."

"ދާންގެ ޑެޑީއެއް ނުހުންނާނެ..." އާޔަތުގެ ލޭ ކެކިގަތުމުން މަޑުމައިތިރިކޮށް ވާހަކައެއް ނުދެއްކުނެވެ.

"އެއީ ދާންގެ ޑެޑީ..." ދާވިއަން ހިނިތުންވެލާފައި އާޔަތަށް ޒައިލް ދައްކައިލިއެވެ.

"އެއީ ދާންގެ ޑެޑީއެއް ނޫން... ޑެޑީ އުޅޭނީ ކުދިން ކައިރީގަ..." އާޔަތު ނުރުހިފައި ބުންޏެވެ.

ދާވިއަން ތުންފިއްތާފައި ރޯން ފެށިއެވެ. އާޔަތު ހާސްވީ އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުމުންނެވެ. ޒައިލްއަށް އެމަންޒަރު ފެނުމުން ދުވެފައި އައިސް ދާވިއަން އުރާލިއެވެ. އޭނާ އާޔަތަށް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. ދާވިއަންއަކީ އެހާ ފަސޭހައިން ކަންކަމާއި ރޯ ކުއްޖެއް ނޫނެވެ. އާޔަތު ގަސްދުގައި ދާވިއަން ރޮއްވާލީކަން ޒައިލްއަށް އެނގުނެވެ.

ކުޅިވަރުތައް ފެށުނެވެ. ޓީމުތަކުގެ ތަރުތީބު ނެގީ ގުރުއަތު ލައިގެންނެވެ. އެންމެން ކުޅިވަރުގެ ކަންކަމުގެ ތެރޭގައި އުޅުނުއިރު، އާޔަތު އުޅުނީ އެހެން ކަމެއްގައެވެ. ސިއްރުސިއްރުން ގޮސް ވަލުތެރެއަށް ވަން އާޔަތުގެ ދެލޯ އެކިކޮޅުކޮޅު ހޯދައިލިއެވެ. ގިނައިރެއްނުވެ އޭނާ ބޭނުންވި ސޫރަ ފެނުނެވެ. އާޔަތުގެ ކުރިމަތީގައި ހުރީ ފިރިހެނެކެވެ. އެމީހަކު ހުރީ ހަމައެކަނި ސޯޓުކޮޅެއް ލައިގެންނެވެ.

"ސޮބާ، ރައިޓް؟..." އާޔަތު ޔަގީންކޮށްލިއެވެ. ސޮބާހް ބޯ ޖަހައިލީ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުންނެވެ.

"އަހަރެން ކައިރީ އެދުނު ކަންތައް މިއޮތީ ނިންމާފަ..." ސޮބާހުގެ މުށުތެރޭގައި އޮތީ ކުޑަ ބިއްލޫރި ފުޅިއެކެވެ.

"އަހަރެންގެ އިޝާރާތަކަށް ބަލަން ހުންނާތި!..." ފުޅީގައި ހިފަމުން އާޔަތު ބުނެލިއެވެ. "ހުރިހާ ކަމެއް ދާންވާނީ އަހަރެން ޕްލޭންކުރި ގޮތަށް..."

"ޝައްކުވަނީތަ؟... އަދި މިހާތަނަށްވެސް އަހަރެންގެ އެއްވެސް ޕްލޭނެއް ފެއިލްވެފައެއް ނެތް..." ސޮބާހު ފަހުރުވެރިވެފައި ވާހަކަ ދެއްކިއެވެ. "އެހެންނޫނަސް މިކަން ކުރަން އަހަރެން މި އެއްބަސްވީ ކީއްވެކަން ތިކުއްޖާއަށް ރަނގަޅަށް އެނގޭނެ..."

"މިކަން ފެއިލްވެއްޖެއްޔާ ސޮބާގެ ވަޒީފާވެސް ގެއްލޭނެކަން ހަނދާންކުރާތި!..." އާޔަތު އިންޒާރު ދިނެވެ.

ނިޔަމް އިނީ ދާވިއަން ގޮވައިގެން އަތިރިމަތީގައެވެ. ދާދި ކައިރީގައި މީހަކު ހުއްޓުނުކަމުގެ އިހުސާސް ކުރެވުމުން ނިޔަމް އެމީހަކަށް ބަލައިލިއެވެ.

"އޯކޭތަ މިތާ އިށީނަސް؟..." ޒައިލް ނިޔަމްގެ ހުއްދައަށް އެދުނެވެ.

ނިޔަމް އެއްޗެއް ނުބުނެ މޫދަށް ނަޒަރު ހުއްޓައިލިއެވެ. ޒައިލް ދާވިއަންގެ ކައިރީގައި އިށީނެވެ.

"ޑެޑީއަށް އެނގޭތަ ކޭކު ހަދަން؟..." ދާވިއަން އަހައިލިއެވެ.

"ސޭންޑް ކޭކު ހަދަން ޑެޑީ ވަރަށް މޮޅުވާނެ... ހިނގާ ޑޯލްފިންއެއް ހަދަމާ..." ޒައިލްގެ މޫނުން ފެނުނީ ޝައުގުވެރިކަމެވެ. "ފަށަމާ..."

ތިންމީހުން ވެލިގަނޑާއި ކުޅެން ތިބި މަންޒަރު ބަލަން ހުރި ލޫކް އިސްޖަހައިލިއެވެ. އާޔަތު ހުރީ ފުރުސަތަކަށް ބަލަބަލައެވެ. އޭނާ ވަގުތުން ލޫކްގެ ކައިރިއަށް ޖެހިލިއެވެ.

"އަދިވެސް ފުރުސަތު އެބައޮތް..." އާޔަތުގެ އަޑަށް ލޫކް ދިޔައީ ސިއްސައިގެންނެވެ. "އާޔާ..." ސަލާމަށް އަތް ދިއްކޮށްލަމުން އާޔަތު ބުންޏެވެ. "ޝީ އިޒް ލައިކް އަ ސިސްޓަރ..." އާޔަތު އިޝާރާތްކުރީ ނިޔަމްއަށެވެ. ލޫކަށް އެކަން ވިސްނުނީ އިރުކޮޅެއް ފަހުންނެވެ.

"އޯހް..." އާޔަތު ދިއްކޮށްލި އަތުގައި ލޫކް ހިފިއެވެ.

"ބޭނުންތަ އެކަން ކުރަން..." ނިޔަމް ދައްކައިލަމުން އާޔަތު ބުންޏެވެ. "އަހަންނަށް އެހީތެރިވެވިދާނެ..."

"ނޫނޭ..." ލޫކް ދެކޮޅުހެދުމުން އާޔަތުގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. "އެކްސްކިއުޒް..."

"ލޯބިވާމީހާ ފަހެއް ނުޖެހޭނެ.." ލޫކް ހިނގައިގަތުމުން އާޔަތު ބުންޏެވެ. "ކޮންމެ ކަހަލަ ގޮންޖެހުމަކާވެސް ކުރިމަތިލާނެ..."

ދާވިއަންއާއިއެކު ކުޅެން އިން ޒައިލް މަޑުމަޑުން ނިޔަމްގެ އަތްމަތީގައި އަތް ބާއްވައިލިއެވެ. ނިޔަމްގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހާލާފައި ކުޑަކޮށް ވެލިގަނޑުގެ ތެރެއަށް ކޮށްޕައިލިއެވެ. ޒައިލް ހީކުރިގޮތާއި ހިލާފަށް ނިޔަމް އަތް ދަމައެއް ނުގަތެވެ. މޫނުމަތިން ނުރުހުމުގެ އަސަރެއްވެސް ނުފެނުނެވެ. ނިޔަމް އިނީ މޫދަށް ނަޒަރު ހުއްޓާލައިގެންނެވެ. އެ މައުސޫމު އަންހެންކުއްޖާ ވިސްނަނީ ކޮން ކަމަކާ ބާއޭ ޒައިލްގެ ހިތަށް އެރިއެވެ.

"އަބަދުވެސް މިހެން އިނދެވޭނެނަމަ..." ޒައިލް ނިޔަމްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. "ޏަމް ނޫން މީހެއް އަހަރެންގެ ހިތުގަ ނުވޭ..."

"ވާހަކައެއް އަހާލަންތަ؟..." ޒައިލްގެ މޫނަށް ބަލައިލުމެއްނެތި ނިޔަމް ސުވާލުކުރިއެވެ.

"އަވަހަށް އަހާ..." ޒައިލް ކުޑަކޮށް ނިޔަމްއާއި ދިމާއަށް އެނބުރިލިއެވެ.

"ކީއްވެ އަހަންނަށް އެހެން ހެދީ؟..." ނިޔަމްގެ ނަޒަރު ޒައިލްގެ ދެލޮލަށް ހުއްޓައިލިއެވެ.

"އެއީ އަހަރެންގެ މޮޔަކަމުން..." ޒައިލް ދޫކޮށްލީ ފުން ނޭވާއެކެވެ. އޭނާ ނިޔަމްގެ ލޮލުން ނަޒަރު ވަކިކޮށް އުޑުމައްޗަށް ނަޒަރު ހުއްޓައިލިއެވެ. ދެމީހުންގެ އަތް އޭރުވެސް ވަނީ ގުޅިލާމެހިފައެވެ. "މީހެއްގެ ބަހަށް ހެއްލުނީތީ މިއަދު އަހަރެން ދެރަވޭ... އަހަންނަށް ނުވިސްނުން އެއީ އަހަރެންގެ ކުށް... ޔަމްގެ އެއްވެސް ކުށެއް އޮވެގެން ނޫން ޔަމް ދޫކޮށްލާފަ އަހަރެން ދިޔައީކީ... އަހަންނަށް މާފުކުރޭ..."

"މިއޮއް ހުރިހާ ދުވަހު އަހަރެން ހީކުރީ އަހަންނަށް..." ނިޔަމްގެ އަޑު ކުރެހުނެވެ. ދެލޯ ފެންކަޅިވިއެވެ. ޒައިލްގެ އަތުތެރެއިން އަތް ދަމައިގަނެފައި ކަރުނަ ފޮހެލިއެވެ. "އަހަރެން ހީކުރީ އަހަރެންގެ ހުރި އުނިކަމަކުން ކަމަށް އަހަރެން އެކަނިވީ... އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓާލެވުނީ ހާދަ ދުވަހަކުންނޭ..."

"އައިމް ސޮރީ ޏަމް... ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ތަކުރާރެއް ނުވާނެ..." ޒައިލް ހިންދިރުވައިލީ އުނދަގޫ ގޮތަކަށެވެ.

"އަހަރެން އިތުބާރެއް ނުކުރާނަން.... ނުވެސް ކުރެވޭނެ..." ނިޔަމް ތަންކޮޅެއް މަޑުން ބުންޏެވެ. "އެކަމަކު އަހަރެންގެ ދަރިފުޅަށްޓަކާ، ހަމައެކަނި އެކުއްޖާއަށްޓަކާ ޒައިލްއަށް ދެވަނަ ފުރުސަތެއް ދޭން އަހަރެންގެ ހިތް ބުނޭ..."

"އައި ޕްރޮމިސްޔޫ... ވައުދުވަން ދެން އެހެން ނުހަދާނަން ކަމަށް..." ޒައިލް އަނެއްކާވެސް ނިޔަމްގެ ދެއަތުގައި ހިފައިލިއެވެ.

"އަހަރެންގެ ހަޔާތުން ޒައިލްއަށް ޖާގަ ދެވޭނީ ސަތޭކަ ޕޮއިންޓް ހަމަވީމަ..." ލާނެތް ރާގަކަށް ނިޔަމް ބުނެލިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅުނެވެ.

"އިންޝާﷲ ވަރަށް އަވަހަށް ހަމަކުރާނަން..." ޒައިލް ހިނިތުންވެލިއެވެ.

އާޔަތު ގޮވާތަން ފެނުމުން ނިޔަމް އެއްގަމަށް އެރިއެވެ. އޭރު ޒައިލްއާއި ދާވިއަން ތިބީ މޫދަށް އެރިއެވެ.

"އަރުޝާ ބުނީ ދޭބަލާށޯ ކަނަމަދު ހޮވަން... އެދިމާލުގަ ވެއްޖެ..." އާޔަތު އިޝާރާތްކުރީ ވަލާއި ދިމާއަށެވެ.

(ނުނިމޭ)