03 Oct 2023, 09:24
މި ނިމުނު ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ފްރާންސްގެ ވެރި ރަށް ޕެރިހުގައި ފެށި ޕެރިސް ފެޝަން ވީކްގެ ފެޝަން ޝޯވްއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ބޮލީވުޑްގެ މަޝްހޫރު ބައްޗަން އާއިލާގެ ދެ މެމްބަރުންނެވެ. ހާއްސަކޮށް އަމީތާބް ބައްޗަންގެ ދޮށީ ކާފަ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ މި ޝޯވްއިން ފެނުމުން ގިނަ ބައެއްގެ ސަމާލުކަން ނަވްޔާއަށް ވަނީ ލިބިފައެވެ.
ނަވްޔާގެ ބޮޑު ބޭބެ އަބިޝޭކް ބައްޗަންގެ އަންހެނުން އައިޝްވަރިޔާ ރާއީ ވެސް ސްޓޭޖް މަތިން ފެނިފައި ވާއިރު މިއީ ނަވްޔާ ޕެރިސް ފެޝަން ވީކްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.
އައިޝްވަރިޔާ ރާއީ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރާ ލޯރިއަލް ބްރޭންޑު މި ޝޯވްގައި ރަމްޒުކޮށް ދީފައިވާއިރު ޒުވާން ނަވްޔާ ވެސް ސްޓޭޖް މަތީގައި ހިނގާފައި ވަނީ ލޯރިއަލް ބްރޭންޑްގެ ފަރާތުންނެވެ.

މަންމަ ޝްވެތާ ބައްޗަން އާއި މާމަ ޖަޔާ ބައްޗަން ވެސް މެހެމާނުންގެ ގޮތުގައި ބައިވެރިވި މި ޝޯވްގައި ނަވްޔާ ފެނުމުން ބަޔާން ނުކުރެވޭ ފަދަ އުފާވެރި ކަމެއް އިހުސާސް ކުރެވުނު ކަމަށް ޝުވެތާ ވަނީ ބުނެފައެވެ. ފިލްމީ އާއިލާއަކަށް ނިސްބަތް ވިޔަސް އަމިއްލަ ވިޔަފާރިއެއް ވަރަށް ޅަ ޢުމުރުގައި ފަށާފައިވާ ނަވްޔާ އަކީ ބޮލީވުޑްގެ ވަރަށް ގިނަ ހަފްލާތަކުން ފެންނަ ޒުވާނެކެވެ. އެހެން ނަމަވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ އެއްވެސް ޝައުގެއް މި ޒުވާނާގެ ނެތެވެ.
ނަވްޔާއަށް ގިނަ ބައެއްގެ ސަމާލުކަމާއެކު ތަޢުރީފުގެ ބަސްތައް ލިބުނު އިރު ބަތަލާ އައިޝްވަރްޔާ ރާއީއަށް ވެސް އާއްމުންގެ ގިނަ ބަޔަކު ވަނީ ތަޢުރީފު ކޮށްފައެވެ. ޢުމުރުން 49 އަހަރުގެ ބަތަލާ އާއްމުކޮށް ފެންނަ ގޮތާ ވަރަށް ތަފާތު ކަމަށް އެއްބަޔަކު ބުނެފައި ވާއިރު ބައެއް މީހުން ބުނެފައި ވަނީ އައިޝްވާރްޔާ އިނީ ދެ ވަނަ ދަރިފުޅަށް ބަލިވެ ކަމަށެވެ. މީގެކުރިން ވެސް ބަރުދަން އިތުރުވެ ސިފަޔަށް ވަރަށް ބޮޑު ބަދަލެއް އައުމާ ގުޅިގެން އާއްމުންގެ ގިނަ ބަޔަކު ވަނީ އައިޝްވަރިޔާއަށް އަމާޒުކޮށް ފާޑުކިޔާފައެވެ.
ވަރަށް ހިތްގައިމު ރަން ކުލައެއްގެ ހެދުމުގައި އައިޝްވަރިޔާ ސްޓޭޖް މައްޗަށް އެރުމާއެކު ގިނަ ބަޔަކު ވަނީ ބަތަލާގެ ނަމުން ގޮވަން ފަށާފައެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ޝޯވްއަށް ވެސް އައިޝްވަރިޔާ ދިޔައީ ދަރިފުޅު އަރާދިޔާ އަދި ފިރިމީހާ އަބިޝެކް ބައްޗަންއާ އެކުއެވެ. މި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ޕެރިހުގައި ކުރިޔަށް ދިޔަ ފެޝަން ޝޯވްގައި ބައިނަލް އަޤްވާމީ ގިނަ ފިލްމީ ތަރިންނާއި މަޝްހޫރު އެތައް ފަންނާނުން ބައިވެރިވިއެވެ.