13 May 2012, 21:28
ރާމަﷲ (މޭ 13): އިސްރާއީލުގެ ޖަލުތަކުގައި ހައިހޫނުކަމުގެ ހަޅުތާލު ކުރަމުންގެންދާ ފަލަސްތީނުގެ އަސީރުންގެ ތެރެއިން ހަތް މީހެއްގެ ހާލަތު ފުރާނައަށް ނުރައްކާވާހިސާބަށް ހިނގައްޖެކަމަށް ޚަބަރު ލިބިއްޖެ އެވެ.
އިސްރާއީލުގެ އައްރަމްލާ ޖަލުގެ ސިއްޙީ މަރުކަޒުގެ ޑޮކްޓަރުން ހާމަކުރާ ގޮތުގައި ހައިހޫނަކަމުގެ ހަޅުތާލުކުރަމުން ގެންދާތާ 70 ދުވަސްވެފައިވާ މި ހަތް މީހުން ދިޔާތަކެތި ބުއިން ހުއްޓާލުމާ އެކު މަރުވުމުގެ ބިރާ އެމީހުން ވަނީ ކުރިމަތިލާންޖެހިފަ އެވެ. ހަތް މީހުންނަކީ ޝަރީޢަތަކާނުލާ އިސްރާއީލުން ހައްޔަރުކޮށްގެން ގެންގުޅޭ ފަލަސްތީނުގެ އެތައް ހާސް އަސީރުން ކުރަމުންގެންދާ ހައިހޫނުކަމުގެ ހަޅުތާލުގެ އެންމެކުރީގައި އުޅޭ ހަތް މީހުންނެވެ.
އިސްރާއީލުގެ ޖަލުތަކުގައި އިންސާނިއްޔަތާ ޚިލާފު އެތައް އަނިޔާތަކަކާއި ނަފްސާނީ އަދި ޖިސްމާނީ ގިލަންވެރިކަމެއް ތަޙައްމަލްކުރަމުން ގެންދާ ފަލަސްތީނުގެ އަސީރުންގެ ހަމައެކަނި ކުށަކީ އިސްރާއީލުގެ އަޅުވެތިކަމުން މިނިވަންވުމަށް މަސައްކަތްކުރުމެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރުމެވެ. އަސީރުންގެ ޝަކުވާ ތަކުގެ ތެރޭގައި އިދާރީގޮތުން އެމީހުން ހައްޔަރުކުރުމަށް ފަހު ޝަރީއަތަކާނުލާ އިސްރާއީލުގެ ޖަލުތަކުގެ ކުޑަގޮޅިތަކުގައި އެކަހެރިގޮތެއްގައި ހައްޔަރުކޮށް މުއްދަތެއް ނޭނގޭ ގޮތަށް އެމީހުން ބޭތިއްބުމާއި ސިއްޙީ ފަރުވާނުލިބުމާއި އިންސާނީ އަސާސީ ހައްޤުތަކުން އެމީހުން މަޙްރޫމް ކުރުމުގެ އިތުރުން އިސްރާއީލު ސިފައިންގެ އަތްދަށުން ބޮޑެތި އަނިޔާތަކެއް އެމީހުން ތަޙައްމަލްކުރަން ޖެހުމެވެ.
އެހެންކަމުން މިނިވަންކުރަންދެން ހައިހޫނުކަމުގެ ހަޅުތާލު ކުރިޔަށްގެންދިޔުމަށް ފަލަސްތީނުގެ އަސީރުންވަނީ އަޒުމް ކަނޑައަޅާފަ އެވެ. އަޅުވެތިކަމާ ދެކޮޅަށް މިނިވަންކަމަށް މަސައްކަތްކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގައި ކޮންމެ ރައްޔިތަކަށް ވެސް ލިބޭ ހައްޤެއް ކަމަށާއި މިޙައްޤުގެ ބޭނުން ކުރުންނޫން އެއްވެސް ކަމެއް ފަލަސްތީނުގެ އަސީރުން ކޮށްފައިނުވާ ކަމަށް އަސީރުންގެ ޤާނޫނީ ވަކީލުން ބުނެ އެވެ.
އިސްރާއީލުގެ ޖަލުތަކުގައި އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާ ކުރިމަތިލާން ޖެހިފައިވާ ފަލަސްތީނުގެ އަސީރުން ހައިހޫނުކަމުގެ ހަޅުތާލު ކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއްކަމަށް ފަލަސްތީނުގެ މުފްތީ އާއި ދީނީ ޢިލްމުވެރިން ވަނީ ފަތްވާ ދެއްވާފަ އެވެ. ހައިހޫނުކަމުގައި މަރުވިނަމަވެސް މަޤްސަދް ޙާސިލްވަންދެން ހައިހޫނުކަމުގެ ހަޅުތާލު ކުރިޔަށްގެންދިޔުމަށް އަސީރުން ނިންމާފައިވާއިރު މިކަންވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ސަމާލުކަމަށް އައިސްފައެވެ. ނަމަވެސް އަސީރުން މިނިވަންކުރާނެކަމުގެ އެއްވެސް އިޝާރާތެއް އިސްރާއީލުގެ ހަރުކަށިވެރިން ދެއްވާފައެއް ނުވެ އެވެ. (އަލްޖަޒީރާ+އަލްޢާލަމް)