03 Oct 2023, 09:19
ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމު "ތޭޖަސް"ގެ ފުރަތަމަ ޓީޒާ އާއެކު މި މަހުގެ 27ގައި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފަ ވާކަން އިއުލާނު ކޮށްފިއެވެ.
ކަންގަނާ ލިޑް ރޯލް ކުޅޭ މި ފިލްމަކީ، އާރްއެސްވީޕީ މޫވީސްގެ އުފެއްދުމެކެވެ. ރޮނީ ސްކްރޫވާލާ ޕްރޮޑިއުސް ކުރާ ފިލްމުގެ ޑައިރެކްޓަރަކީ، ސަރުވޭޝްއެވެ. ސަރުވޭޝް އަކީ ބަތަލާ އައިޝްވާރްޔާ ރާއީ އަދި އަބިޝޭކް ބައްޗަން އެކީގައި ކުޅުނު ފިލްމު "ގުލާބު ޖާމުން"ގެ ވެސް ޑައިރެކްޓަރެވެ.
ފިލްމު "ތޭޖަސް"ގެ ޓީޒާ އާއްމުންނަށް ދައްކާލާފައި މި ވަނީ އިންޑިއާގެ ޤައުމީ ބަތަލު މަހާތަމާ ގާނދީގެ އުފަންދުވަހާ ގުޅުވައިގެންނެވެ. ކަންގަނާ އެއާ ފޯސް ޕައިލެޓެއްގެ ރޯލް ކުޅޭ މި ފިލްމަކީ، ވަރަށް ޤައުމީ ވަންތަ ފިލްމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މި ފިލްމަކީ، އިންޑިއާގެ އެއާ ފޯސް ޕައިލެޓް ތޭޖަސް ގިލްގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގައި ތޭޖަސް ގިލް އެއާ ފޯސް ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު ޤައުމަށްޓަކައި ވެފައިވާ ޤުރުބާނިތަކުގެ ވާހަކަ ބެލުންތެރިންނަށް ކިޔައިދެވޭނެއެވެ. އަދި އިންޑިއާގެ ރައްޔިތުންގެ މިނިވަން ކަމުގެ ޙައްޤުގައި އެއާފޯސް ޕައިލެޓުން ކުރާ ބުރަ މަސައްކަތްތަކާއެކު އެ މީހުންގެ ދިރިއުޅުމުގެ އާއްމުންނަށް ނޭނގޭ ގިނަ ޙަޤީޤަތްތައް "ތޭޖަސް"އިން ބެލުންތެރިންނަށް ފެންނާނެއެވެ.
ކަންގަނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި ނިމުނު ސެޕްޓެމްބަރު މަހު ރިލީޒްވި ތަމަޅަ ފިލްމު "ޗަންދުރަ މުކީ"އިންނެވެ. ފިލްމު "ތޭޖަސް"އަށް ފަހު ކަންގަނާ ދެން ތައްޔާރު ވާނީ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފިލްމު "އިމަޖެންސީ" ރިލީޒް ކުރުމުގެ މަސައްކަތުގައެވެ. މި ފިލްމު ރިލީޒް ކުރާނެކަމަށް އިއުލާނުކޮށްފައި ވަނީ ކުރިޔަށް އޮތް މަހުގެ 24 ވަނަ ދުވަހުއެވެ.