03 Oct 2023, 00:08
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ޒިންމާދާރު އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ މަސައްކަތްކުރާނެ ކަމަށާއި ނަމަވެސް 2013ގައި ގައުމު އޮތް ހާލަތަށް އަލުން ދާން ޖާގަ ނުދޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ދެއްވައިފިއެވެ.
ކާމިޔާބީ ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި އޮތް އެއްވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ޒިންމާދާރު ކަމާއެކު އޮޕޮޒިޝަންގެ ގޮތުގައި އެމްޑީޕީ އޮތުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
އެއީ ގައުމީ ބޮޑެތި ކަންކަމުގައި ސަރުކާރާ އެއްގަލަކަށް އެރުމާއެކު، ސަރުކާރު ޒިންމާދާރުކުރުވުމަށް ފާޑު ކިޔުންކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒުގެ ވާހަކަފުޅާ ގުޅިގެން ފައްޔާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. މުއިއްޒުގެ އެދިވަޑައިގަތުމާ އެއްގޮތަށް ސަރުކާރު ޖަވާބުދާރީކުރުވުމުގައި ދެމިތިބޭނެކަމަށެވެ.
އަދި މުއިއްޒުގެ ސަރުކާރަކީ ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ދެ ފުށް ފެންނަ ގޮތެއްގައި މަސައްކަތްކޮށް ރައްޔިތުންނަށްވީ ވައުދު ފުއްދާނެ ސަރުކާރަކަށްވާނެ ކަމަށް އުންމީދުކުރައްވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ނަމަވެސް 2013ވަނަ އަހަރު އައި ޕީޕީއެމްގެ ސަރުކާރާއެކު ފެނުނު "އަނިޔާވެރިކަމާއި ޚުދުމުހުތާރުކަމުގެ" ތެރެއަށް އަލުން އިއާދަވާ މަންޒަރު ބަލަން ކެތްކޮށްގެން ނުތިބޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މުއިއްޒަށް ލިބުނު ކާމިޔާބީއަށް އެމްޑީޕީގެ އިސްވެރިން މަރުހަބާ ވިދާޅުވިއިރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ މިހާރު ކުރިއަށް ދަނީ ބާރުތައް ދެން އަންނަ ސަރުކާރުގެ ވެރިންނަށް ބަދަލުކުރުމުގެ މަސައްކަތްކަމަށް ވިދާޅުވެފައެވެ.
އެ މަނިކުފާނު ވިދާޅުވީ މި ވަގުތު އެންމެ އިސްކަން ދެއްވާނީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ވަރުގަދަކުރުމަށްކަމަށެވެ.
އެމްޑީޕީއަކީ 2012ވަނަ އަހަރުން ފެށިގެން، 2018ވަނަ އަހަރުގެ ނޮވެމްބަރު 17އާ ހަމައަށް އޮޕޮޒިޝަނުގައި އޮތް އެންމެ ބޮޑު ޕާޓީއެެވެ. އެއިރު އެމްޑީޕީއިން ތަކުރާރުކުރި މައިގަނޑު އެއް ވާހަކައަކީ އެއިރު ނުހައްގުން ސިޔާސީ ލީޑަރުން ޖަލަށް ލީ ވާހަކައާއި، ނުހައްގުން އެތައް އަނިޔާވެރި މަރެއް ހިންގި ވާހަކައެވެ. މީގެ އިތުރުން ވައްކަަމާއި ކޮރަޕްޝަން ސަރުކާރުގައި އިންތިހާއަށް ހިންގަމުން އައި ވާހަކައެވެ.
އެ ޕާޓީއަށް ސަރުކާރާ ހަވާލުވެވުނީ ކޯލިޝަނެއްގެ ތެރެއިން ގާތްގަނޑަކަށް ހަތް އަހަރު ދުވަހަށްފަހުގައެވެ.