ކުރިއަށް އޮތް ދައުރުގައި މިހާރު ސަރުކާރުގައި އޮތް މައި ޕާޓީކަމަށްވާ އެމްޑީޕީއިން ޒިންމާދާރު އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ ނޮވެމްބަރު 17އަށްފަހު އެމްޑީޕީ ވާނީ އިދިކޮޅުގައި އޮންނަ ޕާޓީއަށްކަމަށެވެ. އެހެންކަމުން ޒިންމާދާރު އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް މަރުހަބާ ވިދާޅުވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މީ ޑިމޮކްރަސީއޭ. ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތިން ހަމަ އަޅުގަނޑަށް މަރުހަބާ ކިޔުއްވި ކިޔުއްވުމަށް ވެސް ޝުކުރު އަދައިކުރައްވަން. އަދި ހަމަ އަޅުގަނޑާ އިއްޔެ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާ ހާލު އަޅުގަނޑު އެދެނީ ރެސްޕޮންސިބަލް އޮޕޮޒިިޝަނެއް ގޮތުގައި މަސައްކަތް ފެއްޓެވުމަށް ތި ބޭފުޅުން ހަމަ ތައްޔާރުވާށޭ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްްޒު ވިދާޅުވީ ހަރުދަނާ ޑިމޮކްރަސީއެއްގައި ސަރުކާރަކަށް، ޒިންމާދާރު އޮޕޮޒިޝަނެއް އޮތުން މުހިންމު ކަމަށެވެ. އެއީ ސަރުކާރުން ކުރާ ކަންކަމަށް ފާޑު ކިޔައި، އެއަށްވުރެ ރަނގަޅު ސިޔާސަަތުތައް ގެނެސްދޭނެ ބައެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ގައުމަށް މުހިންމު ކަންކަމުގައި ސަރުކާރާ އެއް ގަލަކަށް އެރުމަށް ޑރ. މުއިއްޒުވަނީ އެދިވަޑައިގެންފައެވެ.

"އެގޮތަށް އެ ކަން ކޮށްދިނުމަށް އަޅުގަނޑު އެދެން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިއަދު ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވެސް ވަނީ އެމްޑީޕީ އޮންނާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްކަމަށް ވިދާޅުވެފައެވެ.

މި ވަގުތު އެންމެ އިސްކަން ދެއްވާނީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ވަރުގަދަކުރުމަށްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީއަކީ 2012ވަނަ އަހަރުން ފެށިގެން، 2018ވަނަ އަހަރުގެ ނޮވެމްބަރު 17އާ ހަމައަށް އޮޕޮޒިޝަނުގައި އޮތް އެންމެ ބޮޑު ޕާޓީއެެވެ. އެ ޕާޓީއަށް ސަރުކާރާ ހަވާލުވެވުނީ ކޯލިޝަނެއްގެ ތެރެއިން ގާތްގަނޑަކަށް ހަތް އަހަރު ދުވަހަށްފަހުގައެވެ.