ދިވެހި ގައުމަށް ޚިދުމަތް ކުރެއްވުމަށް އެ މަނިކުފާނަށް ފުރުސަތު ދެއްވީ ރައްޔިތުން ކަމަށާއި އެހެންކަމުން އެ ރައްޔިތުން ފިޔަވާ އިތުރު ބައެއްގެ ބާރެއް އެމަނިކުފާންގެ މައްޗަށް ނުހިނގާނެ ކަމަށް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީގެ އުފާފާޅުކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރައްވާނީ މި ސަރުކާރު ފަދައިން އެހެން ބައެއްގެ ނުފޫޒުގެ ދަށުވެގެން ނޫން ކަމަށެވެ.

"ރައްޔިތުން އަޅުގަނޑު އިންތިޚާބު ކުރީ. އަޅުގަނޑަކީ ރައްޔިތުންގެ ހާދިމެއް. އެހެންވީމައި ރައްޔިތުންގެ އަތުގައި ބާރުއޮތީ. މާތްﷲ ފިޔަވާ، ރައްޔިތުން އަޅުގަނޑަށް ވޯޓުން ދިން ބާރެއް އޮތީ." ސަޕޯޓަރުންގެ ތަރުހީބުން ގުގުމާލާފައި އޮތް ޖަލްސާގައި މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު އިންތިޚާބު ކާމިޔާބު ކުރެއްވި މުއިއްޒު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއް ނެތި ކަމަށެވެ. އެގޮތުން ސިޔާސީ މަގާމުތައް ފިޔަވާ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން ދީފައިވާ ވަޒީފާތައް ވެސް އަތުނުލާނެ ކަމަށް ވިދާޅުވިއެވެ.

ސޯޝަލް ސެންޓަރުުގައި އޮތް ބޮޑު އެއްވުމުގައި ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ މާހިލް

މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ބޮޑެތި ގިނަ ވައުދުތަކެއް ވެފައިވާއިރު އެ ވައުދުތައް ފުއްދަން ބާރު ސުޕީޑުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. ކެބިނެޓާއި ސަރުކާރުގެ ކުންފުނިތަކަށް އައްޔަން ކުރައްވާނީ އެކަންކަން ކުރެވޭނެ ތައުލީމީ ގާބިލް، އަދި ހީވާގި މީހުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ވައުދުވީ ގޮތަށް ކަންކަން ކުރެވޭ ވަރުގެ ހީވާގި ޓީމެއް ފެނިގެން ދާނެ. އަޅުގަނޑަށް ފުރިހަމަ އިތުބާރު އެ ބޭފުޅަކަށް އޮތް ބޭފުޅުން އެ މަގާމަކަށް ލާނީ. އަޅުގަނޑު ބުނާގޮތަށް ކަން ކުރާނެ ބޭފުޅުން. އަޅުގަނޑު ފަހުބަސް އޭގެން ކޮންމެ ބޭފުޅަކަށް ވެސް ބުނާނީ." މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންނަށް އެމަނިކުފާނު ވެފައިވާ ވައުދުތައް ފުއްދެވުމަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެ ކަމަށާއި ޑިމޮކްރަސީގެ އުސޫލުތަކަށް ތަވާބެ އެ ފުރުސަތު ދެއްވާނެކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މާދަމާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.