02 Oct 2023, 22:10
ދިވެހިރައްޔިތުންގެ ވިންދާ ދެކޮޅަށް ބޭރުގެ އެއްވެސް ސިފައިންގެ މީހަކަށް ރާއްޖޭގައި ނުހުރެވޭނެކަމަށާއި، ވެރިކަމުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުވުމުގެ މަސައްކަތް ފައްޓަވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ޔަގީންކުރުމުގެ ވައުދު އޭނާ ވެވަޑައިގެންނެވި ކަމަށާއި ރައްޔިތުން އެ ކަމަށް ޓަކައި ވޯޓު ދިންކަމަށެވެ. ވެރިކަމުގެ ހުވައިކުރެއްވުމާއެކު އެ މަސައްކަތް ފެށޭނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ގާނޫނީ ހަމަތަކުގެ ތެރެއިން ރާއްޖެއިން ފޮނުވައިލާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ޔަގީން އެ ކަން ހާސިލްވާނެކަން މި ދެންނެވި ގޮތުން މި ދެންނެވި ސަބަބަށް ޓަކަައި އެ ކަން ހާސިލްވާނެ. އެ ސިފައިން މިިތާ ބައިތިއްބާފައި ތިބި ބޭފުޅުން ބޭނުމެއް ނުވާނެ މިތަނުގައި އެ މީހުން ބައިތިއްބާކަށް. އަޅުގަނޑުމެން ބޭނުންނުވާނަމަ، ރައްޔިތުން މިއޮތީ ނިންމައިފައި ބޭނުން ނުވާކަމަށް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހީންގެ އިހުސާސްތަކާ ދެކޮޅަށް ބޭރުގެ އެއްވެސް އަސްކަރީ ސިފައިިންގެ މީހަކަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑާ ބައްދަލުކުރަން ވަޑައިގަންނަވާ ސަފީރަށް ދަންނަވަން އޮތީ މި ހަމަތަކުގެ މަތިން އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް އޮންނާނޭ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ހަމައެކަނި ތިބީ ބޭރު ސިފައިން ނޫންކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ވެސް އޮތީ އަޅުވެތިިކަމެއްގައި ކަމަށެވެ. އެގޮތުން ދަރަނީގެ ދެބައިކޮށްފައި އެއްބައި އޮތީ 'ވަކި ގައުމަކަށް ދަރައި ހުސްވެފައި' ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ނަމަވެސް ހަމަތަކުގެ މަތިން ޑިޕްލޮމެސީ އުސޫލުން އެ ކަންކަން ހައްލުވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މުއިއްޒު ވިދާޅުވިއެވެ.
ސޯޝަލް ސެންޓަރުުގައި އޮތް ބޮޑު އެއްވުމުގެ ތެެރެއިން -- ސަން ފޮޓޯ/ މާހިލް
ޚާރިޖީ ސިޔާސަތަކީ 'ޕްރޯ މޯލްޑިވްސް ސިޔާސަތު'
އެމަނިކުފާނު ވިދާޅުވީ މިހާރު ކުރިއަށްދާ ޓްރާންސިޝަން މުއްދަތުގައި ވެސް އެކިއެކި ބޭރުގެ ގައުމުތަކުގެ ސަފީރުން ބައްދަލުވުންތަކަށް އެދެމުންދާ ކަމަށާއި ގާނޫނީ ހަމަތަކުގެ މަތިން ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ 'ޕްރޯ މޯލްޑިވްސް ސިޔާސަތު' ކަމަށެވެ. އެއީ ރާއްޖޭގެ މަސްލަހަތު އިސްކުރުމުގެ ސިޔާސަތުކަމަށާއި އެ ސިޔާސަތަށް ތާއީދުކުރާ ކޮންމެ ގައުމަކާ ގާތް ގުޅުން ބާއްވަވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒުވަނީ ގައުމަށް ހަމަޖެހުން އަންނަންޖެހޭކަމަށް ވިދާޅުވެފައެވެ. މި ގައުމުގެ މަސްލަހަތު ކޮންމެ ރައްޔިތަކު ވެސް އިސްކުރަންޖެހޭނެކަމަށާއި އެއީ ގައުމު ކުރިއަރާނެ މަގުކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ކޮންމެ ރައްޔިތަކު ވެސް އަޒުމު ކަނޑައަޅަންވީ ގައުމުގެ މަސްލަހަތު އިސްކުރުމަށް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ހޮނިހިރު ދުވަހުގެ ނަތީޖާއިން ރައްޔިތުން ބުނެދިނީ މި ހިނގަމުން އަންނަ ފަސް އަހަރުގެ ވެރިކަމުގައި ގައުމުގެ ކަންކަން ހިނގަމުން އައި ދުވެލީގައި ކުރިއަށް ދިއުމަށް ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވެއްޓިފައިވާ އަނދަވަޅުން އިގްތިޞާދު ނަގައި ކޮޅަށް ޖެހުމުގައި އެ ކަން ކުރެވޭ ފަރާތަކާ އެ ކަން ކުރެވޭ ބަޔަކާ ހަވާލުކުރަން ބޭނުންވާ ކަން. އަޅުގަނޑުމެންގެ ޒުވާނުންނަކީ ފުދުންތެރި އަބުރުވެރި ޒުވާނުންނަށް ހަދަން ތިމަންމެން ކޮންމެ ހެން ވެސް ބޭނުންވާކަން. އެހެން ވިދާޅުވި ތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ނަތީޖާއިން ހާމަވީ ދިވެހި ކަނބަލުން ފުދުންތެރިވެ އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވާ ކަންކަމަށާއި އިސްރަށްވެހިންނަށް ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ހުޅުވައިލެވިފައި އޮތުމަށް އެދޭކަން ކަމަށެވެ.
"ގައުމިއްޔަތުގެ ރޫހު ތިމަންްނަމެންގެ ކިބައިގައި އަށަގަންނުވަން ބޭނުމޭ. މި ގައުމުން ދިވެހި ބަސް ފޮހެލާކަށް ބޭނުމެއް ނޫނޭ. ތިމަންނަމެންގެ އިސްލާމްދީން ތިމަންނަމެންނަށް މާ މުހިންމޭ. ތިމަންނަމެންނަށް ގައުމިއްޔަތަކީ އެންމެ މުހިންމު ތިމަންނަމެންނަށް އިސްކަން ދޭ ކަންތައްކަމަށް ހަދަން ވިދާޅުވީ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.