13 May 2012, 19:08
ރާއްޖެ މިހާރު ތަޖުރިބާކުރަމުން މިދަނީ ރާއްޖެ އަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސޯދީ ކާރިސާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު މިއަދު ވިދާޅުވެއްޖެ އެވެ.
ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގައި ފެއްޓި "މޯލްޑިވްސް ފައިނޭންސް ފޯރަމް" ހުޅުވައިދިނުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޑރ. ފަޒީލް ވިދާޅުވީ ރާއްޖެ އަށް މިނިވަންކަން ލިބުނު ފަހުން މި ވަރުގެ ބޮޑު އިގްތިސޯދީ ކާރިސާއަކާއި ރާއްޖެ ކުރިމަތިލާފައި ނުވާ ކަމަށާއި ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު އަސާސްތައް ހަމައިން ނެއްޓިފައިވާ ކަމަށެވެ. އެގޮތުން ގައުމުގެ ދަރަނި އާމްދަނީ އަށް ވުރެ އެތައް ތަނަކުން ބޮޑުވެ އިންފުލޭޝަން އާއި ބޭރު ފައިސާގެ މައްސަލަ އަދި ބަޖެޓް ޑެފިސިޓްގެ މައްސަލަ ނާޒުކުވެފައިވާ ކަމަށް ޑރ. ފަޒީލް ވިދާޅުވި އެވެ.
"ރާއްޖެ އަށް މިނިވަންކަން ލިބުނު ފަހުން ރާއްޖެ ތަޖުރިބާކުރާނެ އެންމެ ބޮޑު އިގްތިސޯދީ ކާރިސާ މިދަނީ ތަޖުރިބާ ކުރަމުން. އިގްތިސޯދުގެ މައިގަނޑު އަސާސްތަކުގެ ހަމަ ވަނީ ގެއްލިފައި. ދައުލަތުގެ ދަރަނި އާމްދަނީ އަށް ވުރެ ވަނީ މާބޮޑަށް އިތުރުވެފައި. ބަޖެޓް ޑެފިސިޓްގެ މައްސަލަ އަންނަނީ އިތުރަށް ގޯސްވަމުން. ނޮވެމްބަރު 2010 އިން ފެށިގެން ތަކެތީގެ އަގު އަންނަނީ އުފުލެމުން. ރުފިޔާގެ މައްސަލަ ވަނީ ވެސް ވަކިން ބޮޑުވެފައި،" ޑރ. ފަޒީލް ވިދާޅުވި އެވެ.
ޓޫރިޒަމްގެ އެންމެ މުހިންމު ދެ މާކެޓް ކަމުގައިވާ ޔޫރަޕާއި ޗައިނާގެ އިގްތިސޯދު ހީނަރުވުމާ އެކު ރާއްޖޭގެ އިގްތިސޯދަށް އިތުރަށް ނުރައްކާވެދާނެ ކަމުގެ ކުލަވަރުތައް ވަރަށް ބޮޑަށް ފެންނަން ފަށައިވާ ކަމުގެ އިންޒާރު ޑރ. ފަޒީލް ދެއްވި އެވެ. އޭނާ ވިދާޅުވީ އިގްތިސޯދަށް ބޮޑަތި މައްސަލަތަކެއް ދިމާވުމުގެ އަސްލަކީ ފިސްކަލް ޑެފިސިޓް ބޮޑުވުން ކަމަށާއި އެކަން އެގޮތަށް ދިމާވަނީ ދައުލަތުގެ ހަރަދުތައް ބޮޑުވެގެން ކަމަށެވެ.
"ދެހާސް އެގާރަގައި ދައުލަތުގެ ހަރަދު އެންމެ ގޯސް ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައި. ރާއްޖެ ލައްވާލީ އެ ލިސްޓުގެ އެންމެ ދަށުން ފަސް ވަނައިގައި. އެއީ ޖީޑީޕީގެ ނިސްބަތުން ހަރަދު 63.1 ޕަސެންޓް، ކިޔުބާ، ޓީމޮލެސްޓޭ ޒިންބާބުވޭ، މި ގައުމުތަކުގެ ހާލަތު އަދި ރާއްޖެ އަށް ވުރެ ގޯސް، މި ލިސްޓަކީ އަހަރުމެން ތިބެންޖެހޭނެ އަދި އެކަމަށް ފަހުރުވެރިވާން ޖެހޭނެ ލިސްޓެއް ނޫން،" ޑރ. ފަޒީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އިން މިހާރު ހަރަދުތައް ކުރަމުން އަންނަ ގޮތުން އިގްތިސޯދު އެކީ އެކަށް ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވެފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މާބޮޑަތި އަގުތަކުގައި މާގިނައިން ފައިސާ ހޯދުމުގެ މައްސަލަ ކަމަށެވެ. އަދި ވިދާޅުވީ ޓީބިލްގެ އަގު ހަތް ޕަސެންޓަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
"މިއީ ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ހޯދޭނެ ގޮތެއް ނޫން،" ގަވަރުނަރު ވިދާޅުވި އެވެ.
އިގްތިސޯދީ ގިނަ ބޭފުޅުންނާއި މުހާތަބުކުރައްވާ ފަޒީލް ވިދާޅުވީ އިގްތިސޯދުގެ މައްސަލަތަކުގެ ހައްލު ފަށަން ޖެހެނީ ބަޖެޓް ޑެފިސިޓްގެ މައްސަލައިން ކަމަށެވެ. އެގޮތުން އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދައި ދައުލަތުގެ ހަރަދު ކުޑަކޮށް، މުވައްޒަފުންގެ މުސާރަ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓްތައް މަޑުޖައްސާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ އެންމެންގެ ކެއްތެރިކަން، މި ފިޔަވަޅުތަކުގެ ބުރަ އެންމެން ވެސް އުފުލުން، ނިންމުންތައް ނިންމަން ޖެހޭ ފަރާތްތަކަށް އޮތީ ވަރަށް ހަނި ޖާގައެއް ފިޔަވަޅުތައް އަޅަން، އެއީ އެ ފިޔަވަޅުތައް އާންމުން ތަހައްމަލު ކުރާނީ ވަކި މިންވަރަކަށް. އެކަން ދަނެގެން އެކަމަކު ވެސް ހަރުދަނާ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން އެބަ ޖެހޭ،" ޑރ. ފަޒީލް ވިދާޅުވި އެވެ.
ބޭންކިންގެ ނިޒާމް ހަރުދަނާ ކުރަން ޖެހޭކަން ފާހަގަ ކުރައްވައި ޑރ. ފަޒީލް ވިދާޅުވީ ބޭންކިންގެ ގާނޫނުތައް ހަރުދަނާކޮށް، ގަވަނެންސް ރަނގަޅު ކުރަން ޖެހިފައިވާ ކަމަށެވެ. ފަޒީލްގެ ވާހަކަ ނިންމާލެއްވީ އިގްތިސޯދަށް ދިމާވެފައިވާ މައްސަލަތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން އެކުއެކީގައި މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ.