02 Oct 2023, 12:25
ފާއިތުވި ފަސް އަހަރު ދުވަހު، ހެޔޮ ވެރިކަމެއް ކޮށްދެވުނު ކަމުގެ އިހްސާސް ކުރެއްވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ނާކާމިޔާބުވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ފާއިތުވި ފަސް އަހަރު އެ މަނިކުފާނު މަސައްކަތް ކޮށްދެއްވީ ހެޔޮ ވެރިކަމެއް ކުރުމަށް ކަމަށާއި އެކަން ކޮށްދެވުނު ކަމުގެ އިހްސާސް ކުރެއްވޭ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިއްޖެ. އެ ކަމާ ދޭތެރޭގައި އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ދައުރުގައި އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ ވޯޓު އިތުރުވާނެ ގޮތް ބައްލަވައިގެން ނޫން ކަމަށާއި ގައުމީ ތަރައްގީއަށް އެންމެ މުހިއްމުވާނެ ކަންކަމަށް ފޯކަސް ކުރައްވައިގެން "ކުޑަ ރަށެއް ބޮޑު ރަށެއް" ތަފާތުނުކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ވޯޓު ނުލިބޭނެކަން ރަނގަޅަށް އެނގިހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ފަސް އަހަރުގެ ކާމިޔާބީގެ ލިސްޓު އަދި އަވަސް ކަންނޭނގެ ތަރުތީބު ކޮށްލަން. އެކަމަކު، އަޅުގަނޑަށް ފާހަގަވީ އެއް ކަމަކީ ހެޔޮ ވެރިކަމެއް އަޅުގަނޑަށް ކުރެވުންކަން. ހަމަޖެހުން ގާއިމް ކޮށްދެވުނުކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން-- ފޮޓޯ/ ރައީސް އޮފީސް
އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭ ވަރުގެ ކަމެއް އަޅުގަނޑު ކޮށްފައި ނޯންނާނެ،
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް ވަނީ އިންތިޚާބީ ސަރުކާރުގެ ކިބައިން ދެ ކަމަކަށް އެދިލައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، އަންނަ ސަރުކާރުގެ ކިބައިން އެދެނީ، ހެޔޮ ވެރިކަމެއް ކޮށްދިނުމާއި ގައުމީ ތަރައްގީއަށް މި ސަރުކާރުން ފަށާފައި ހުރި މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންގޮސްދެއްވުމަށް ކަމަށެވެ.
"ވޯޓު މީހުން ދެނީ ކީއް ކޮށްގެން ކަން. ރަށްރަށުގެ ތަރައްގީއަށް މިކުރާ ކަންކަމާ މާ ބޮޑު ގުޅުމެއް އޮތް ކަމެއް ނޫން. އެކަން އަޅުގަނޑުމެންނަށް އެނގިހުރެ އެކަން ކުރީ ވެސް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ލިބިލައްވާފައި ހުންނެވި ތަޖުރިބާއާއި ޢިލްމެއްގެ އަލީގައި ގައުމަށް ޚިދުމަތް ކުރެއްވުމުގައި އެ މަނިކުފާނު ދެމިހުންނަވާނެ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ދެވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ، އިންތިޚާބުގެ ވޯޓުލީ 246،915 މީހުންގެ 46 އިންސައްތައެވެ. އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި، މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނު ވަނީ 54 އިންސައްތަ ވޯޓު ހޯއްދަވައިފައެވެ. އެއީ، 129،159 ވޯޓެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ލިބުމާ އެކު ރައީސް ވަނީ އިންތިޚާބީ ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ. އަދި، އިއްޔެ އެ މަނިކުފާނު ވަނީ ރައީސް އޮފީހުގައި މުއިއްޒާ ބައްދަލުކުރައްވައި، ސަރުކާރު ބަދަލުވުމުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.