އިސްލާމް އާބާދު (02 އޮކްޓޯބަރު 2023): ޕާކިސްތާނުގައި ދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ހައްދު ފަހަނަޅާފައިވާ ޖަމާއަތަކުން ކީރިތި ރަސޫލާގެ އީދުމީލާދުގެ މުނާސަބަތާ ދިމާކޮށް އެގައުމުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 60އަށް އަރާފައިވާއިރު މިހަމަލާތަކުގައި އިންޑިއާގެ ޖާސޫސީ އިދާރާ (ރޯވް)ގެ އަތެއްވާ ކަމަށް ޕާކިސްތާނުން ފުރަތަމަ ފަހަރަށް ތުހުމަތުކޮށްފިއެވެ.

މި މައްސަލާގައި މިހާތަނަށް ކޮށްފައިވާ ތަހުގީގުތަކުން ލިބިފައިވާ މައުލޫމާތުގެ އަލީގައި ޕާކިސްތާނުގެ ދާޚިލީ ވަޒީރު ސަރްފަރާޒް ބަކްތީ ވިދާޅުވީ އިންޑިޔާގެ ބޭރުގެ ކަންކަމާބެހޭ ޖާސޫސީ އިދާރާ "ރީސަޗް އެންޑް އެނަލިސިސް ވިންގް" (ރޯ) ގެ އަތެއް މި ހަމަލާތަކުގައިވާކަމަށް ޝައްކުކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ބޮން ގޮއްވާލި ދެތަނުގެ ތެރެއިން ބަލޫޗިސްތާނުގެ މަސްތަންގް ސަރަހައްދުގައި ގޮއްވާލި ބޮމުގެ ފަހަތުގައި "ރޯވް"ގެ އެޖެންޓުންގެ އަތެއްވާކަމަށް އިތުރަށް ޝައްކު ކުރެވޭތީ އެކަން ވަރަށް ފުޅާކޮށް ފުންކޮށް ދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތަންގުގައި ބޮން ގޮއްވާލާފައިވަނީ އެސަރަހައްދުގެ ފުލުހުންގެ މަރުކަޒަކާ އިންވެގެން ހުންނަ މިސްކިތެއް ކައިރީގައެވެ. ބޮން ގޮއްވާލީ އެ މިސްކިތުގައި ހުކުރު ނަމާދު ކުރުމަށް ގިނަ ޢަދަދެއްގެ ބަޔަކު މިސްކިތުގެ ކައިރިއަށް ޖަމާވަމުން ދިޔަ ވަގުތުގައެވެ.

ބަލޫޗިސްތާނުގެ މިސްކިތުގެ ކައިރީގައި ދިން ހަަމަލާގައި ޒަޚަމްވި މީހަކު ގެންދަނީ

ބަލޫޗިސްތާނުގެ މަސްތަންގްގެ މިސްކިތުގެ ކައިރީގައި ދިން ބޮމުގެ ހަމަލާގައި "ރޯވް"ގެ އެޖެންޓުންގެ އަތެއް ވާކަމަށް ޕާކިސްތާނުގެ ދާޚިލީ ވަޒީރު ތުހުމަތު ކުރެއްވިނަމަވެސް އެކަން ސާބިތު ކުރެވޭވަރުގެ ހެއްކެއް އޭނާއަށް ދެއްކިފައެއް ނުވެއެވެ. އަދި ޕާކިސްތާނުގެ މި ތުހުމަތުތަކަށް އިންޑިޔާ ސަރުކާރުން އަދި ރައްދުވެސް ދީފައެއް ނުވެއެވެ.

ދެވަނަ ބޮން ގޮއްވާލާފައިވަނީ ޕާކިސްތާނުގެ ދެކުނުގެ ޚައިބަރު ޕަޚްތުންޚާ ޕުރޮވިންސްގެ މިސްކިތެއްގައެވެ. މިދެ ހަމަލާދިން ވަގުތު 52 މީހުން މަރުވެ 60 އަށް ވުރެ ގިނަމީހުން ޒަޚަމްވިއެވެ. އަދި ފަހުން އިތުރު އަށް މީހުން މަރުވުމާއެކު މިދެ ސަރަހައްދުގައި ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދުވަނީ 60އަށް އަރާފައެވެ.

މިދެ ހަމަލާ ދިނުމުގައިވެސް އަމަލީގޮތުން ހަރަކާތްތެރިވެފައިވަނީ ދީނުގެ ނަމުގައި ޕާކިސްތާނުގެ މިސްކިތްތަކަށް ހަމަލާދީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ ހައްދު ފަހަނަޅާފައިވާ ޖަމާއަތަކުންކަމަށް ފުލުހުން ބުނެއެވެ.

ޕާކިސްތާނުގެ ދެކުނު ޕްރޮވިންސެއްކަމަށްވާ ބަލޫޗިސްތާނަކީ ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި ވަކިވެގަތުމަށް މަސައްކަތްކުރާ ނަސްލީގޮތުން ބައިމަދު ޖަމާއަތްތަކަށް ނިސްބަތްވާ ހަނގުރާމަވެރިން ގިނަ ސަރަހައްދެކެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ މިފަދަ ޖަމާއަތްތަކަށް ވާގިވެރިވާކަމުގެ ތުހުމަތު އެގައުމުން އަބަދުވެސް އިންޑިއާގެ މައްޗަށް ކުރެއެވެ. އަނެއްކޮޅުން ކަޝްމީރުގެ އިންޑިއާ ފަޅީގައި މިނިވަންކަމަށް މަސައްކަތްކުރާ މުސްލިމް ހަނގުރާމަވެރިންނަށް އެހީތެރިވާކަމުގެ ތުހުމަތު އިންޑިއާއިން ކުރަނީ ޕާކިސްތާނުގެ މައްޗަށެވެ.

ކަޝްމީރުގައި ހަރަކާތްތެރިވާ މިފަދަ ހަނގުރާމަވެރިންނަކީ އިންޑިއާ ސިފައިންނަށް އަމާޒުކޮށް ހަމަލާތައް ވަރަށް ފުޅާދާއިރާއެއްގައި ދޭ ބައެކެވެ. އިންޑިއާއިން، ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަނގުރާމަވެރިން ސިފަކުރަނީ ޓެރަރިސްޓުންގެ ގޮތުގައެވެ. ޕާކިސްތާނުން އެމީހުން ތުހުމަތު ކުރަނީ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ގޮތުގައެވެ.