Last Updated:
2 year 2 month ago

ލައިވް: ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން

    ބުލޮގު ޚުލާސާ

    މިއީ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނޫސްވެރިންނާ ބައްދަލުކުރައްވައި ފުރަތަމަ ފަހަރެވެ.

    ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ، އިންތިޚާބުގެ ވޯޓުލީ 246،915 މީހުންގެ 46 އިންސައްތައެވެ. އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި، މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނު ވަނީ 54 އިންސައްތަ ވޯޓު ހޯއްދަވައިފައެވެ. އެއީ، 129،159 ވޯޓެވެ.

    އިންތިޚާބުގެ ވަގުތީ ނަތީޖާ ލިބުމާ އެކު ރައީސް ވަނީ އިންތިޚާބީ ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ. އަދި، އިއްޔެ އެ މަނިކުފާނު ވަނީ ރައީސް އޮފީހުގައި މުއިއްޒާ ބައްދަލުކުރައްވައިފައެވެ. އިންތިޚާބީ ރައީސްގެ އެދިލެއްވުމާ އެއްގޮތަށް، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެކޮޅަށް ބަދަލުކުރައްވަން ވެސް އިއްޔެ ރައީސް ވަނީ ނިންމަވައިފައެވެ.

    12:00

    ރައީސް ޞާލިޙް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވައިލައްވައިފިި

    11:59

    ރައީސް ވިދާޅުވީ، ރައީސް އޮފީހުގެ ޕޯޑިއަމްގައި ނޫން ނަމަވެސް އަދިވެސް ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް.

    ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް

    "އަދި އަޅުގަނޑު އެކީގައި ރިޓަޔާ ކޮށްފައި ގޭގައި އިންނަ ހިސާބަކަށް ނުދޭ. ގައުމަށްޓަކައި ކޮށްދެވޭނެ އެތަކެއް މަސައްކަތްތަކެއް އެބަހުރި،"
    11:57

    އެ މަނިކުފާނު ވިދާޅުވީ ލިބިލައްވާފައި ހުރި ތަޖުރިބާއާއި ޢިލްމެއްގެ އަލީގައި ގައުމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް.

    ރައީސް ވިދާޅުވީ، ގައުމަށް ކޮށްދެވޭނެ ބައިވަރު ކަންކަން އެބަހުރި ކަމަށް. އެގޮތުން ކުރިން ނޫސްވެރިކަމުގައި ވެސް އުޅުއްވިން ކަމަށް. އެހެންވެ، އެފަދަ އެތަކެއް މަސައްކަތްތައް އެ މަނިކުފާނަށް ކުރެއްވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވި.

    ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް

    "[އެމްޑީޕީގެ] 99 ޕަސެންޓު މިހާތަނަށް [ނަޝީދަށް] ނޫނެކޭ ބުނީ. ބަރުލަމާނީއަށެސް ނޫނެނޭ ބުނީ،"
    11:54

    ރައީސް ވިދާޅުވީ، ނަޝީދު އެ މަނިކުފާނަށް ވެސް މެސެޖު ކުރެއްވި ކަމަށް. އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވިދާޅުވި ކަމަށް ރައީސް ވިދާޅުވި.

    އެ މަނިކުފާނު ވިދާޅުވީ، އަބަދު ވެސް ކަންތައް ކުރައްވާނީ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް. އެމްޑީޕީއަށްޓަކައި ކަމަށް.

    11:52

    ރައީސް ވިދާޅުވީ، އާ ސަރުކާރުގެ ކިބައިން އެދިލައްވަނީ ދެ ކަމަކަށް ކަމަށް.

    އެއީ، ހެޔޮވެރިކަމެއް ކޮށްދެވުމާއި ގައުމީ ތަރައްގީއަށްޓަކައި އެ މަނިކުފާނު ފައްޓަވާފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދިއުން ކަމަށް.

    އެ މަނިކުފާނު ވިދާޅުވީ ނިންމަން އޮތް ތާރީޚަށް ތިލަމާލެ ބުރިޖު ނުނިންމުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް. އެކިއެކި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ބުރިޖު ނުނިންމުނު ނަމަވެސް ނިންމުނު ނަމަ އިންތިޚާބަށް ވެސް އެ ކަމުގެ ހެޔޮ އަސަރު ކުރީސް ކަމަށް ރައީސް ވިދާޅުވި.

    ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް

    އަޅުގަނޑު ނެތަސް އެމްޑީޕީ ހިނގާނެ،
    11:50

    އެމްޑީޕީން ވަކިވި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، ވަކި މީހަކު ޕާޓީއަށް ގެނައުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫން ކަމަށް.

    ވަކި ބޭފުޅަކު ނެތިގެން އެމްޑީޕީ ހުއްޓިފައި ނޯންނާނެ ކަމަށް ރައީސް ވިދާޅުވި. އެ މަނިކުފާނު ވިދާޅުވީ ވަކި ބޭފުޅަކު ނެތިގެން އެމްޑީޕީ ހުއްޓިފައި ނޯންނާނެކަން ފާއިތުވި ދުވަސްތަކުގައި ހާމަވެފައިވާ ކަމަށް.

    ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް

    އަޅުގަނޑު ނެތިން ރައްޔިތުން މަޖިލީހަށް ކުރިމަތިލާކަށް،
    11:47

    ރައީސް ވިދާޅުވީ ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކޮށްފައި، އެ ދައުރު ހަނިވާ ގޮތަށް އިސްލާހެއް ގެނައުމަކީ އެ މަނިކުފާނަށް ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށް.

    މި ވަގުތު ނިޒާމު ބަދަލު ކުރަން ތާއީދު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި.

    11:45

    ރައީސް ވިދާޅުވީ، ފާއިތުވި ފަސް އަހަރު ރާއްޖޭގެ އެތެރޭގެ އެއްވެސް ކަމެއްގައި ބޭރުގެ އެއްވެސް ގައުމަކުން ބަޔާނެއް ނެރެފައިނުވާނެ ކަމަށް. އެއީ، 1965 ގެ ފަހުން އެހާ ފުރިހަމަ ފޮރިން ޕޮލިސީއެއްގެ ނަތީޖާ ފެނުނު ފުރަތަމަ ފަހަރު ކަމަށް ރައީސް ވިދާޅުވި.

    އެ މަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކާ އެކު މި ފަސް އަހަރު ތެރޭގައި ގުޅުން ގާއިމް ކުރެވިފައިވާ ކަމަށް. އަދި، އަވައްޓެރިންނާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި.

    އެ މަނިކުފާނު ވިދާޅުވީ، އިންޑިއާއަށް އެހާ ބޮޑަށް ބާރޯސާވެފައިނުވާނެ ކަމަށް. އެއީ އޮޅުމެއް ކަމަށް.

    ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް

    އަޅުގަނޑުމެންގެ ފޮރިން ޕޮލިސީއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާތަނަށް އެއްވެސް ސަރުކާރަކުން ހިންގި އެންމެ ރަނގަޅު ފޮރިން ޕޮލިސީ،
    11:43

    "އަޅުގަނޑު ހުންނާނީ އެމްޑީޕީގައި. އެމްޑީޕީގައި އަޅުގަނޑު ކުރިއަށް ދާނީ،" އެ މަނިކުފާނު ވިދާޅުވި.

    ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސީ ކުރިމަގު ބިނާ ކުރަނީ ވަކި މީހަކު ކައިރީގައި ހުންނާނެ ކަމަށް ބަލައިގެން ނޫން ކަމަށް. އެއީ، އެއްވެސް އިރެއްގައި އެ މަނިކުފާނު ގެންގުޅުއްވައި ވިސްނުންފުޅެއް ނޫން ކަމަށާއި އެ މަނިކުފާނު ދެމިހުންނަވާނީ އެމްޑީޕީ ވަރުގަދަކޮށް އެ ޕާޓީ ކުރިއެރުވުމުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި.

    ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް

    އެމްޑީޕީ ހަލާކުވެ ބަލިކަށިވެގެން ދާތަން ބަލާކަށް އަޅުގަނޑު ނުހުންނާނަން،
    11:41

    ރައީސް ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމް މި ފަހަރު ރަނިންމޭޓަކަށް އިޚްތިޔާރު ނުކުރެއްވީ، މި ފަހަރު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ ތެރެއިން ރަނިންމޭޓެއް ނެގުން ކަމަށް އެ މަނިކުފާނަށް ގަބޫލުފުޅު ކުރެއްވުމުން ކަމަށް.

    11:41

    އެ މަނިކުފާނު ވިދާޅުވީ ފަސް އަހަރު ކުރެއްވުނު މަސައްކަތާ ދޭތެރޭގައި ހިތްހަމަޖެހިލައްވައި ކަމަށް.

    ރައީސް ވިދާޅުވީ، ތަރައްގީއަށް ކުރަން ޖެހޭ މަސައްކަތްތަކާއި ވޯޓަށް ކުރަން ޖެހޭ މަސައްކަތްތައް ތަފާތު ކަމަށް. އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވި ވޯޓު އިތުރު ކުރަން ނޫން ކަމަށާއި ކުދި ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް މަސައްކަތް ކުރެއްވީ ވޯޓު ނުލިބޭނެކަން އެނގިހުރެ ކަމަށް ރައީސް ވިދާޅުވި.

    އެ މަނިކުފާނު ވިދާޅުވީ، އާބާދީ ބޮޑެތި ތަންތަނަށް އަމާޒު ކޮށްގެން އެ މަނިކުފާނު މަސައްކަތް ކުރެއްވި ނަމަ، ވޯޓުން އެ ތަފާތު ފެނުނީސް ކަމަށް. އެހެންނަމަވެސް، މަސައްކަތް ކުރެއްވީ ގައުމަށް އެންމެ ރަނގަޅުވާނެ މަގުން ކަމަށް ރައީސް ވިދާޅުވި.

    "ވޯޓު މީހުން ދެނީ ކީއް ކޮށްގެން ކަން. ރަށްރަށުގެ ތަރައްގީއަށް މިކުރާ ކަންކަމާ މާ ބޮޑު ގުޅުމެއް އޮތް ކަމެއް ނޫން. އެކަން އަޅުގަނޑުމެންނަށް އެނގިހުރެ އެކަން ކުރީ ވެސް،" އެ މަނިކުފާނު ވިދާޅުވި.

    ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް

    އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިއްޖެ. އެ ކަމާ ދޭތެރޭގައި އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،
    11:34

    ރައީސް ޞާލިޙް ވިދާޅުވީ ރައީސް ޔާމީނާ ދޭތެރޭގައި ގާނޫނާ ހިލާފުން ނާއިންސާފުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް.

    އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެ މަނިކުފާނު ޖުޑިޝަރީގެ ތެރެއަށް އަތްނުބާނާނެ ކަމަށް.

    "އަޅުގަނޑު ރާއްޖެ ދޫކޮށް ދާން ޖެހޭ އެއްވެސް ސަބަބެއް ނެތް،" އެ މަނިކުފާނު ވިދާޅުވި.

    ރައީސް ވިދާޅުވީ ވެރިކަމުން ފައިބައިވަޑައިގަތުމަށް ފަހު ވެސް ރައީސް ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށް. ގައުމު ދޫކޮށްލާފައި ދިއުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް އެ މަނިކުފާނު ވަރަށް ސާފުކޮށް ވިދާޅުވި.

    11:33

    ރައީސް ވިދާޅުވީ ވެރިކަމުގައި އެ މަނިކުފާނަށް ޖަވާބުދާރީ ނުކުރެވޭ ވަރުގެ އެއްވެސް ކަމެއް އެ މަނިކުފާނު ކުރައްވާފައިނުވާނެ ކަމަށް. އެހެންވެ، ހުރިހާ ކަމެއް ބެއްލެވި ނަމަވެސް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި.

    ރައީސް ވިދާޅުވީ، މި ވަގުތު ހުރިހާ ވެސް ފޯކަސް އަކީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބުން ކަމަށް. އެހެންވެ، އެ މަނިކުފާނުގެ ސިޔާސީ މުސްތަގުބަލާ މެދު ގޮތެއް ނިންމަވާނީ ޕާޓީ ވަރުގަދަ ކުރެއްވުމުގެ މަސައްކަތަށް ފަހުގައި ކަމަށް.

    ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް

    އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭނެ ވަރުގެ ކަމެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ،
    11:27

    ރައީސް ވިދާޅުވީ، އެމްޑީޕީއަށް މީހުން ވަންނަން ގައުމީ މަޖިލީހުގެ 50 އިންސައްތަ ތާއީދު ބޭނުންނުވާނެ ކަމަށް. އެ މަނިކުފާނު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު ވެސް ޕާޓީއަށް ވަންނަން ބޭނުންފުޅުވާނަމަ، އެހެން ބޭފުޅުންނަށް އޮންނަ ފުރުސަތު އޮންނާނެ ކަމަށް.

    އެ މަނިކުފާނު ވިދާޅުވީ، ފުރަތަމަ ބުރުގެ ނާކާމިޔާބަކީ ދެވަނަ ބުރުގައި ނާކާމިޔާބުވާން މެދުވެރިވި ސަބަބެއް ކަމަށް.

    ފުރަތަމަ ބުރުގައި ލިބުނު ނާކާމިޔާބުގެ ސަބަބުން ސަޕޯޓަރުންގެ ކޮންފިޑެންސް ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށް ރައީސް ވިދާޅުވި. އެހެންވެ، ފަހުން އިންތިޚާބު ކާމިޔާބު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވީ ކަމަށް އެ މަނިކުފާނު ވިދާޅުވި.

    "އަޅުގަނޑުމެން ހަދާފައި އޮތް އެގްރީމެންޓެއް ވިޔަސް ކޮށްފައި އޮތް ކަމެއް ވިޔަސް ކޮށްފައިވާނީ ގައުމަށް އެންމެ ފައިދާވާނެ ގޮތަށް ކަމާއި އެ ހުރިހާ ކަމެއް ކުރިއަށް އޮތްތާ ހާމަވެގެން ދާނެ،" ރައީސް ވިދާޅުވި.

    އެ މަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދިޔަ ތުހުމަތުތަކުގެ ސަބަބުން ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވީ ކަމަށް.

    ރައީސް ވިދާޅުވީ، އެއީ ހުސް ދޮގު ތުހުމަތުތަކެއް ކަމަށް. އެކަން ކުރިއަށް އޮތް ތަނުގައި ހާމަވެގެން ދާނެ ކަމަށް.

    11:24

    މި ވަގުތުގެ މަސައްކަތަކީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓުން ކަމަށް ރައީސް ވިދާޅުވި.

    "މަގާމަކަށް ވުރެ ބޮޑަށް މި ވަގުތު އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ ޕާޓީ އެއްކޮށް ހިފެހެއްޓުމަށްޓަކައި. ޔުނައިޓް ކުރުމަށްޓަކައި. އެމްޑީޕީ ވަރުގަދަ އޮޕޮޒިޝަނަކަށް ހެދުމަށްޓަކައި،" އެ މަނިކުފާނު ވިދާޅުވި.

    11:23

    ރައީސް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާނެކަން މީގެ ކުރިން ވެސް ވިދާޅުވެފައިވާނެ ކަމަށް. އަދި، ދެމިހުންނަވާނީ ވެސް އެ ސްޓޭންޑުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި.

    އެ މަނިކުފާނު ވިދާޅުވީ، ނިޒާމާ ގުޅޭ ކަންކަން ނިންމަވަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް.

    11:21

    އެ މަނިކުފާނު ވިދާޅުވީ މިހާރު ފޯކަސް ކުރައްވަނީ އެމްޑީޕީއަކީ ޒިންމާދާރު ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހެދުމުގެ މަސައްކަތް ކަމަށް.

    "އަޅުގަނޑުގެ ފަސް އަހަރުގެ ކާމިޔާބީގެ ލިސްޓު އަދި އަވަސް ކަންނޭނގެ ތަރުތީބު ކޮށްލަން. އެކަމަކު، އަޅުގަނޑަށް ފާހަގަވީ އެއް ކަމަކީ ހެޔޮ ވެރިކަމެއް އަޅުގަނޑަށް ކުރެވުންކަން. ހަމަޖެހުން ގާއިމް ކޮށްދެވުނުކަން،" ރައީސް ވިދާޅުވި.

    ރައީސް ޞާލިޙް ވިދާޅުވީ، ކޮވިޑުން އަރައިގަތުމާއި ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމާއި ކޮވިޑުން އަރައިގަތުމަކީ އެ މަނިކުފާނުގެ ކާމިޔާބީއެއް ކަމަށް.

    11:19

    ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގަންނަވަމުން ވައުދުވެލެއްވި ގޮތަށް ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސަށް ހުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް.

    އެގޮތުން، ނޮވެމްބަރު 11 ގައި ހުވާ ކުރުމަށް ހުރި ގާނޫނީ ހުރަސްތަކާ މެދު މިހާރު ދިރާސާ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި

    11:17

    ރައީސް ޞާލިޙް ވަނީ ކެމްޕޭންގެ ކަންކަމާއި ވެރިކަމުގައި ހޭދަކުރެއްވި ފަސް އަހަރު އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ބޭބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާފައި.

    އެ މަނިކުފާނު ވަނީ ވެރިކަން ކުރެއްވުމަށް ފަސް އަހަރު ދުވަސް ދެއްވި ކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައި.

    11:15

    ރައީސް ވިދާޅުވީ އިއްޔެ އިންތިޚާބީ ރައީސް މުއިއްޒާ ބައްދަލުކުރެއްވީ ޓްރާންސިޝަނަލް މަސައްކަތްތައް ވީހާ ވެސް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ކަމަށް.

    އެ މަނިކުފާނު ވިދާޅުވީ، ދެ ބޭފުޅުން ބައްދަލުކުރެއްވުމަށް ފަހު، ޓްރާންސިޝަނަލް މަސައްކަތްތައް ކުރަން ކޮމިޓީއެއް އެކުލަވައިލަން ނިންމާފައިވާ ކަމަށް. އެހެންވެ، އެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި.

    11:15

    ރައީސް ނޫސްވެރިންގެ ބައްދަލުވުން ފައްޓަވައިފި

    10:59

    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށިގެން ދާނެ