02 Oct 2023, 09:36
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް, އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައެއް ކަންކަން ސާފުކުރުމަށް ފޮނުވާފައިވާ މައްސަލަ އެޖެންޑާކޮށް، މިއަދަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ނިންމާލައިފިއެވެ.
ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން ކުރަންޖެހުނު މަސައްކަތްތައް އަދި ނުނިމޭތީ އިލެކްޝަންސް ކޮމިޝަނުގެ އެދިވަޑައިގަތުމުގެ މަތީން މިއަދަކީ ސަރުކާރު ބަންދު ދުވަހެކެވެ. ނަމަވެސް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް, ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓު ނެގުމަށް ގޮވާލައްވައި ހުށަހަޅުއްވާފައިވާ ގަރާރާ ގުޅިގެން އީސީން އެދިފައިވާ ކަންކަން ސާފުކުރުމަށްޓަކައި މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އިއްޔެ ނިންމީއެވެ.
ހެނދުނު 09:00 ގައި މަޖިލިސް ފެށިއިރު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުން އިރުކޮޅަކަށް މަޑުކޮށްލައްވައިފައެވެ. މަޖިލިސް ފެށިއިރު ތަޅުމަށް ހާޒިރުވެ ތިބީ އެންމެ 15 މެންބަރުންނެވެ.
ކޯރަމް ހަމަނުވުމުގެ ރަނގަބީލު ޖެއްސެވުމުން ވެސް މަޖިލީހުގެ ކޯރަމް ހަމަވެފައެއް ނުވެއެވެ.
"ބަލަންޖެހޭ ވަގުތަށް ވެސް ބަލާ ނިމިއްޖެ. އިއްޒަތްތެރި މެންބަރުން ވަޑައެއް ނުގަންނަވާ. އަޅުގަނޑަށް މަޖުބޫރުވެ މިދަނީ މިއަދުގެ މަޖިލީހުގެ ބައްދަލުވުން ނޯންނާނެކަން އަންގައި އިއުލާނުކުރުން،" ނަޝީދު ވިދާޅުވިއެވެ.
"މިއަދުގެ މަޖިލީހެއް ނޯންނާނެ،"
ނަޝީދު ވިދާޅުވީ މާދަމާ ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މެންބަރުން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އެއްގޮތަކަށް ވެސް ނުވިސްނޭ މިއަދު ވަޑައިނުގެންނެވި ސަބަބެއް،" ނަޝީދު ވިދާޅުވިއެވެ.
ޖަލްސާގެ އެޖެންޑާގައި އެ މައްސަލައިގެ އިތުރުން މަޖިލީހުގެ މެންބަރުން އިތުރުކުރުން ހުއްޓުމަށް އިލްޔާސް ހުށަހެޅުއްވި ބިލާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލުގެ ބަހުސް ވެސް ހިމެނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު, އެކަމާ ގުޅުން ހުރި ގާނޫނީ އިސްލާހެއް ގެންނަ ނަމަ އިތުރަށް ރައްޔިތުންގެ ހިޔާލު ހޯދަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ދަ ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މިދިޔަ ހޯމަ ދުވަހު ހުށަހަޅުއްވާ ބިލު ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.
އަންނަ ނޮވެމްބަރު މަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހަށް ހުށަހެޅި ގަރާރު، މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އެކަން އީސީއަށް ހުށަހެޅީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
އެކަން ސާފުކުރުމަށް މަޖިލީހުން މިދިޔަ މަހުގެ 25 ވަނަ ދުވަހު އެޖެންޑާ ކުރި ޖަލްސާ ވެސް ކޯރަމް ހަމަ ނުވުމުގެ ސަބަބުން ވަނީ ނުބޭއްވިފައެވެ. އެއަށްފަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކެމްޕޭން ކުރެއްވުމުގައި ގިނަ މެންބަރުންތަކެއް އުޅުއްވާތީ މަޖިލީހުގެ ޖަލްސާތައް ބޭއްވުން ވަނީ އިންތިޚާބަށް ފަހު ބާއްވަން ފަސްކޮށްފައެވެ.
ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެންމެ ބޮޑަށް ވަކާލާތުކުރަމުން ދާ ބޭފުޅަކީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
މީގެ ކުރިން 2007 ވަނަ އަހަރު ވަނީ ނިޒާމީ ވޯޓެއް ނަގައިފައެވެ. އެކަމަކު، އެ ފަހަރު ނިންމީ ރިޔާސީ ނިޒާމެއްގައި ކުރިއަށް ގެންދާށެވެ. އެ ވޯޓު ނެގިއިރު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ތާއިދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށެވެ.
ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ދެމެދު މައްސަލަ އުފެދި، ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އެމްޑީޕީގެ ތެރެއިން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދި މައިގަނޑު ސަބަބަކީ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކެވެ. ނަޝީދު ތާއަބަދު ގެންދަވަނީ ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.