ރޭގެ ވަގުތެއްގައި އޯކިޑް މަގުގައި ހުންނަ ހެބިޓެޓް ފިހާރައިގެ ޝޯރޫމް ފަޅާލައި ވައްކަން ކޮށްފި އެވެ.

ހެބިޓެޓް ކުންފުނީގެ ސޭލުސް އެންޑް މާކެޓިން އެގްޒެކެޓިވް އަހުމަދު ސަމާހު ވިދާޅުވީ ފިހާރަ އިން ވައްކަން ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ފިހާރައަށް ވަދެފައި ވަނީ ތަޅުހަލާކު ކޮށްލައިގެން ކަމަށެވެ.

"އަޅުގަނޑުމެން ރޭ 11 ޖެހިފަހުން ފިހާރަ ބައްދުކޮށްފައި ދިޔަ ފަހުން ވައްކަން ކޮށްފައި ވަނީ ސީދާ ކިހާއިރު ކަމެއް ބުނާކަށް ނޭނގޭ،" ސަމާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިހާރައިގައި ޗޭންޖުމަނީގެ ގޮތުގައި ބަހައްޓާފައިވާ 1300ރ. ވަގަށް ނަގާފައިވާ ކަމަށެވެ.

"ވަގުންވަދެ ވަނީ ފިހާރައިގެ ކޭސް ޑުރޯވާ ހަލާކު ކޮށްލާފައި. ގޮނޑިތައް ވެސް ހުރީ އުކާލާފައި،" ސަމާހު ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުނަށް ހުށައަޅާފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.