02 Oct 2023, 10:33
ބަތަލާ ސޯނަމް ކަޕޫރުގެ ކުރިޔަށް އޮތް ފިލްމަކީ، ކޮއްކޮ ރެއާ ކަޕޫރު ޕްރޮޑިއުސް ކުރާ ފިލްމެއް ކަމަށް ބަތަލާ ބުނެފިއެވެ.
"ބެޓްލް އޮފް ބިޓޯރާ"ގެ ނަމުގައި ލިޔުންތެރިޔާ އަނުޖް ޗޯހަން ލިޔެފައިވާ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމަކީ ފީޗަ ފިލްމެކެވެ. ސޯނަމްގެ ކޮއްކޮ ރެއާ ކަޕޫރުވަނީ 2010 ވަނަ އަހަރު ނެރުނު މި ފޮތުގެ ކޮޕީ ރައިޓްސް ވެސް މިހާރު ގަނެފައެވެ.
މީގެ ކުރިން ވެސް ސޯނަމް ވަނީ ރެއާ ކަޕޫރު ޕްރޮޑިއުސްކޮށް އާއިލާ ކުންފުނި އަނިލް ކަޕޫރު ފިލްމްސްއިން އުފައްދާފަވާ ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި، ފިލްމު "އައިޝާ" އަދި ބޮޑު މަޤުބޫލު ކަމެއް ލިބުނު ފިލްމު "ވީރޭ ދި ވެޑިންގް" ހިމެނެއެވެ.
"ބެޓްލް ފޯ ބިޓޯރާ" އަކީ ސޯނަމްގެ އުމުރުގެ ވަރަށް ގިނަ އަންހެން ކުދިންގެ މެދުގައި މަގުބޫލު ވާހަކަ އަކަށް ވެފައި މިހާރުގެ ޒުވާނުންނަށް މި ވާހަކަ ފިލްމެއްގެ ސިފައިގައި ގެނެސްދޭން ވަރަށް ޝައުގުވެރިވާ ކަމަށް ސޯނަމް ވަނީ ބުނެފައެވެ. މި ވާހަކައިގައި ސޯނަމް ކުޅެން ހަމަޖެހިފައިވާ ކެރެކްޓާއަކީ ވެސް ބަތަލާ ވަރަށް ލޯބި ކުރާ ކެރެކްޓާއެއް ކަމަށް ސޯނަމް ވަނީ ބުނެފައެވެ. މި ފިލްމުގައި ސޯނަމް ކުޅެނީ ބިޓޯރާ ނަމަކަށް ކިޔާ އަވަށެއްގައި ކުރިއަށްދާ އިންތިޚާބެއްގެ ތެރޭ ހިނގާ ހާދިސާތަކެކެވެ.
ފިލްމުގެ ލީޑް ރޯލް ސޯނަމް ކަޕޫރުއަށް ލިބިފައިވާކަން ކަށަވަރު ވެފައިވާއިރު ސޯނަމްއާ އެކު ފެންނާނީ ކޮން އެކްޓަރެއްކަން އަދި ކަށަވަރެއް ނުވެއެވެ.
ފިލްމު "ސާވަރިޔާ"އިން 2007ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފްވި ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ޖުލައި މަހު ޖިއޯ ސިނަމާއިން ސްޓްރީމް ކުރަން ފެށި ފިލްމު "ބްލައިންޑް" އިންނެވެ. ސޯނަމް ވަނީ ލިޔުންތެރިޔާ އަނުޖް ޗޯހަން "ދަ ޒޯޔާ ފެކްޓާ"ގެ ނަމުގައި ލިޔުނު ވާހަކައިގެ މައްޗަށް ބިނާކޮށްގެން އުފެއްދި ފިލްމުގެ ވެސް ލީޑް ރޯލް ކުޅެފައެވެ. އިންޑިއާގެ ޒުވާން ވިޔަފާރިވެރިޔާ އާނަންދު އަހޫޖާއާ ކައިވެނިކޮށް ކުއްޖަކު ވެސް ލިބިފައިވާ ބަތަލާ ކައިވެންޏަށް ފަހު ފިލްމުތަކުން ފެންނަ މިންވަރު ވަނީ ވަރަށް މަދުވެ ފައެވެ.