02 Oct 2023, 10:36
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ކަންނާޑާ ފިލްމު "ކޭޖީއެފް"ގެ ތިން ވަނަ ބައި ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ 2025ވަނަ އަހަރު ކަމަށް ފިލްމު ގެނެސްދޭ ހޮމްބަލޭ ފިލްމްސްއިން ބުނެފިއެވެ.
ފިލްމުގެ ދެވަނަ ބައި "ކޭޖީއެފް: ޗެޕްޓަރ 2"އަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު މި ސީރީސްގެ ތިންވަނަ ބަޔަކަށް ބެލުންތެރިން އިންތިޒާރުކުރަނީ ކެތް މަދުވެ ތިބެގެންނެވެ.
ކަންނާޑާ ގިނަ ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ ޕްރަޝާންތު ނީލް ލިޔެ ތައްޔާރުކުރާ ސްކްރިޕްޓަކަށް އުފައްދާ "ކޭޖީއެފް3"ގެ ޕްރޮޑަކްޝަން މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހު ތެރޭ ފެށޭނަކަމަށް ހޮމްބަލޭ ފިލްމްސްގެ ސްޕޯކްސް ޕާސަން ވަނީ މީޑިއާގައި ބުނެފައެވެ.
"ކޭޖީއެފް" ވުޖޫދަށް އައިތާ ފަސް އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ފިލްމާ ބެހޭ އިތުރު ތަފްސީލުތައް އާއްމުންނާ ރަސްމީކޮށް ހިއްސާ ކުރާނެ ކަމަށް ހޮމްބަލޭ ކުންފުނިން ވަނީ ބުނެފައެވެ. އަދި ފިލްމުގެ ތިން ވަނަ ބައި ފެށޭނީ "ކޭޖީއެފް: ޗެޕްޓަރ2"ގެ ސީކުއަލްއެއް ގެނެސްދޭ ކަހަލަ ގޮތަކަށް ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ.
ފިލްމުގެ ލީޑް ރޯލް ކުޅެފައިވާ 'ރޮކީ' އެކްޓަރު ޔަޝް މި ފަހަރުގެ ބައިން ފެންނާނީވެސް ކުރީ ދެ ބަޔަށްވުރެ ތިން ގުނަ ބާރުގަދަ ފަރާތެއްގެ ގޮތުގައި ކަމަށް ފިލްމު އުފައްދާ ކުންފުނިން ވަނީ މީޑިއާ އަށް މައުލޫމާތު ދީފައެވެ. "ކޭޖީއެފް؛ ޗެޕްޓާ2" އިން ޔަޝްގެ އިތުރުން ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު އަދި ރަވީނާ ޓަންޑަން ވަރަށް ނުފޫޒު ގަދަ ރޯލްތަކުން ވަނީ ފެނިފައެވެ.
އިންޑިއާގެ އެންމެ މަޝްހޫރު އަދި ބޮޑު އާމްދަނީ ހޯދި ފިލްމުތަކުގެ ތެރޭ "ކޭޖީއެފް"ގެ ސީރީސްތައް ހިމެނޭއިރު ހޮމްބާލޭ ފިލްމްސްއިން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ ޕްރަބާސްގެ ތުރިލަރ ފިލްމު "ސަލާރު: ޕާޓް1-ސީޒްފަޔަ"އެވެ. ޕްރަޝާންތު ނީލްގެ މި ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު 22 ގައެވެ.