01 Oct 2023, 23:37
ދައުލަތުގެ ހިންގުން, ނިޒާމީ ގޮތެއްގައި ބައްޓަން ކުރެވިފައިވާ ގޮތާ މެދު ހިތްހަމަނުޖެހުމަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބާތިލް ވޯޓު ގިނަވި ސަބަބުތަކުގެ ތެރެއިން އެއް ސަބަބަށް ވުން އެކަށީގެންވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބުނެފިއެވެ.
އެޗްއާރުސީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގް ވިދާޅުވީ، ނިޒާމަށް އިތުބާރު ނުކުރާ މީހުން ވެސް ބާތިލް ވޯޓު ލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
"ވޯޓު ބާތިލްވުމުގެ ވަރަށް ބައިވަރު ސަބަބުތަކެއް އެބަހުރި. މިސާލަކަށް އެ ސިސްޓަމާ ދޭތެރޭ، ނޫނީ ނިޒާމާ ދޭތެރޭގަ އިތުބާރު ނެތުން މީހުންގެ." ޝިފާއަތު ވިދާޅުވިއެވެ.
"އިލެކްޓެޑް ކޮންމެ މަގާމަކަށް މީހަކު އައްޔަން ކުރި ކަމުގައި ވިޔަސް، މާބޮޑު ބަދަލުތަކެއް ނިޒާމަށް ނާންނާނެ ކަމުގެ ގަބޫލުކުރުންތައް އޮތްކަމަށް ވަންޏާވެސް ބާތިލް ވޯޓު ލުމުގެ ފުރުސަތު އެބަ އޮތް."
އޭނާ ވިދާޅުވީ، ރާއްޖޭގެ ނިޒާމު އޮންނަ ގޮތުން އިންތިޚާބަށް ކުރިމަތިލާ އެއްވެސް މީހަކަށް ތާއީދު ނުކުރާނަމަ އެކަން ހާމަކޮށް ފާހަގަ ޖަހާނެ ގޮޅިއެއް ނޯވެއެވެ.
އެހެންކަމުން އެއްވެސް ކެންޑިޑޭޓަކަށް އަދި ނިޒާމަށް ވެސް ތާއީދު ނުކުރާކަން ދައްކަން ބައެއް މީހުން ވޯޓު ކަރުދާހުގައި ވޯޓު ބާތިލް ކުރާ ސަބަބު ލިޔާކަމަށް ޝިފާއަތު ވިދާޅުވިއެވެ.
އެ ވާހަކަ އިތުރަށް ތަފްސީލްކޮށްދެމުން އެޗްއާރުސީއެމުން ވަނީ، މީހުން ހިތްހަމަނުޖެހެނީ، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ލިބިދޭ ޚިދުމަތްތަތަކާއި, ރައްކާތެރިކަމާއި, ހައްލުތަކަކީ އެންމެ އެކަށީގެންވާގޮތަށް އަދި އެންމެ ޒިންމާކުރުވަނިވި ގޮތެއްގައި ހިނގަމުންދާ ކަންކަންކަމުގައި ގަބޫލު ނުކުރެވޭތީ ކަމަށް ބުނެފައެވެ.
އޭނާ ވިދާޅުވީ، އެކިކަހަލަ ޝަކުވާތަކާ ގުޅިގެންނާއި ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައެޅުމުގެ އުސޫލު ބަދަލުކުރަން ޖެހުނު ކަމަށެވެ. މިއީ ވެސް ބާތިލް ވޯޓު ގިނަވި ސަބަބެއްކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.
"ވަގުތު ކުޑަތަންވެފައި އޮއްވާ މިފަދަ ބަދަލުތަކެއް ގެނެވުނީމަ އާންމު ރައްޔިތުން އެއްކަމަކަށް މިއާމެދު ހޭލުންތެރިކަން ކުޑަވުން އެކަށީގެންވޭ،" އޭނާ ވިދާޅުވިއެވެ.
ޝިފާއަތު ވިދާޅުވީ އީސީންނާއި ސަރުކާރުގެ އިދާރާތަކުން ވޯޓު ބާތިލް ވާނެ ހާލަތްތައް ވަރަށް ރަނގަޅަށް ރައްޔިތުންނަށް އޮޅުން ފިލުވައިދިން ކަމަށެވެ. ނަމަވެސް އެއަށްވުރެ ބޮޑު މަސައްކަތެއް ވޯޓު ބާތިލްވާނެ ހާލަތްތައް އަންގައިދިނުމަށް ކުރަން ޖެހޭކަމަށް އޭނަ ވިދާޅުވިއެވެ.

އެޗްއާރުސީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް
މީގެ އިތުރުން އޭނާ ވިދާޅުވީ، އިންތިޚާބުގެ ފުރަތަމަ ބުރުގައި ބާތިލް ވޯޓު ކަނޑައެޅުމުގައި އެކި ވެރިން އެކި ގޮތަށް ކަންތައް ކޮށްފައި އެބަ ހުރި ކަމަށެވެ.
"ދެވަނަ ބުރުގައި ވެސް މިކަހަލަ ކަންތައްތައް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ފުރަތަމަ ބުރާ އަޅާބަލާއިރު މަދު އަދަދަކަށް ނަމަވެސް،" ޝިފާއަތު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ބާތިލް ވޯޓުގެ އަދަދަކީ 7،456އެވެ.
އެއީ، ފުރަތަމަ ބުރާ އަޅާ ބަލާއިރު 2،621 ވޯޓުގެ އިތުރުވުމެކެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ ބުނާ ގޮތުން، އެ ބުރުގައި ވަނީ 4،835 ބާތިލު ވޯޓު ލައިފައެވެ.
ބާތިލު ވޯޓުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި ފަހުން މީސްމީޑިއާގައި ވަނީ "ޓީމް ބާތިލު"ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށައިފައެވެ.
އެ ކެމްޕޭންގައި ވަނީ ކަމުދާ އެއްވެސް ކެންޑިޑޭޓެއް ނެތް ކަމަށް ބުނެ، ގަސްތުގައި ބާތިލު ވޯޓެއް ލާން ގޮވާލައިފައެވެ. އެގޮތުން، މި ފަހަރުގެ އިންތިޚާބުގެ ވޯޓު ގުނަމުން ދިޔަ އިރުގައި ވެސް، ގަސްތުގައި ބާތިލު ކޮށްލާފައި ހުރި ވޯޓުތައް ފާހަގަވިއެވެ.