ކުރިން ބޮލީވުޑްގައި ޙަރަކާތްތެރިވި ބަތަލާ ސަނާ ޚާން އާއި ފިރިމީހާ އަނަސް ސަޢީދު އަލަތު ދަރިފުޅާއެކު ކުރި ފުރަތަމަ ޢުމްރާ ދަތުރުގެ އިހުސާސްތައް ސޯޝަލް މީޑިއާއަށް ބަންޑުން ކޮށްލައިފިއެވެ.

އަލަތު ދަރިފުޅު ތޯރިޤު ޖަމާލް އާއެކު މައްކާގެ ޙަރަމްފުޅުގައި ނެގި ފޮޓޯ އެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ސަނާ ޚާން ބުނީ، އެ މާތް ބިމަށް ދަރިފުޅާ އެކު ދިޔުމަކީ އެތައް ދުވަހެއް ކުރިން ދުށް ހުވަފެނެއް ކަމަށެވެ.

މާތް ވެގެންވާ ކަޢުބަތުﷲ ގެފުޅު ކުރިމަތީ ތުއްތު ދަރިފުޅާ އެކު އާއިލީ ފޮޓޯ އެއް ނެގުމަކީ އޭނާ އެތައް އަހަރު ތަކެއް ވަންދެން ކުރި ދުޢާއެއް ކަމަށާއި އެ ދުޢާ އިޖާބަކޮށް ދެއްވީތީ މާތްﷲ އަށް ޝުކުރުވެރިވާ ކަމަށް ސަނާ ވަނީ ބުނެފައެވެ.

ސަނާ ބޭނުން ވަނީ ތުއްތު ދަރިފުޅު ތޯރިޤު ޖަމާލު ވެސް ބޮޑު ވެގެން ފިރިމީހާ އަނަސް ސަޢީދު ފަދަ އިސްލާމީ މަތިވެރި ހިދާޔަތުގެ ދަށުން ބޮޑުވާ ކުއްޖަކަށް ވުމަށެވެ. ސަނާގެ އިންސްޓަގްރާމް ޕޯސްޓު ލިޔަމުން ދިޔައިރު ވެސް ލޮލުން ކަރުނަ ނުހިފެހެއްޓޭ ކަމަށާއި ހެޔޮ ހިތުން މާތްﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވާ އަޅެއްގެ ދުޢާ އެކަލާނގެ އިޖާބަ ކުރައްވާކަން މިހާރު ޔަޤީންވާ ކަމަށެވެ. ފިލްމީ ދާއިރާގެ އިތުރުން ސަނާ އަކީ ރިއަލިޓީ ޝޯވް ބިގް ބޮސް އަދި ޚަތުރީކީ ކިލާޅީ ގައިވެސް ބައިވެރިވެ އާއްމުންގެ މެދުގައި މަގުބޫލުވި ބަތަލާ އެކެވެ.

ފިލްމީ ދާއިރާ ދޫކޮށްލުމަށް ފަހު ސަނާ އިސްލާމީ ދިރިއުޅުމަށް ރުޖޫޢަވިތާ މާ ގިނަ ދުވަހެއް ނުވެ ފިރިމީހާ އަނަސް ސަޢީދުއާ ބައްދަލުވިއެވެ. ދެ މީހުންގެ ކައިވެނި ކުރެވުނީ 2020 ވަނަ އަހަރުއެވެ. ދަރިފުޅަށް ބަލިވެ އިނުމުގެ ކުރިންވެސް ސަނާގެ ދެމަފިރިން ވަނީ މައްކާ އާއި މަދީނާގައި ޢުމްރާގެ އަޅުކަން ފުރިހަމަ ކޮށްފައެވެ. ސަނާ މިހާރު ބޮޑަށް މަސައްކަތް ކުރަމުން ދަނީ އިސްލާމް ދީނަށް ޢާއްމުން ހޭލުންތެރި ކުރުވުމުގައެވެ.