13 May 2012, 16:55
ލޮނުޒިޔާރަތްކޮޅު ސަރަހައްދުން އެމްޑީޕީ މީހުން ނެރެ، އެ ސަރަހައްދުގައިވާ ތަކެތި ފުލުހުންނާއި ސިފައިން ގެންދިޔުމާ ގުޅިގެން ސިވިލް ކޯޓަށް އެމްޑީޕީން ހުށާފައިވާ މައްސަލައިގައި ޕާޓީގެ ރައީސްގެ ހައިސިޔަތުން ޑރ. އިބްރާހިމް ދީދީ ސޮއިކުރައްވާފައިވީ ނަމަވެސް ޑީޑީ ޕާޓީގެ ރައީސް ކަމަށް އައްޔަންކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކޮށްފައިވާ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށް ބުނެ، އޭނާގެ ގާނޫނީ ހައިސިއްޔަތާ މެދު އެޓާނީ ޖެނެރަލްގެ އޮފީހުން ސުވާލު އުފައްދައިިފި އެވެ.
އުސްފަސްގަނޑު އަތުލި މައްސަލައާ ގުޅިގެން އެމްޑީޕީން ދެ ވަނަ ފަހަރަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު އޮތް ޝަރީއަތުގެ ދެ ވަނަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ނެންގެވި އިޖްރާއީ ނުކުތާގައި ބުނީ އެ މައްސަލަ ކޯޓަށް ހުށަހެޅި އިރު އެމްޑީޕީގެ ރައީސްގެ ހައިސިޔަތުން ޑރ. ޑީޑީ ސޮއިކުރައްވާފައިވީ ނަމަވެސް އޭނާ ޕާޓީގެ ރައީސް ކަމަށް އައްޔަންކޮށްފައި ވަނީ އިލެކްޝަންސްގައި އޮތް އަސާސީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށެވެ.
އޭޖީ އޮފީހުގެ ވަކީލު އަހްމަދު އުޝާމް ޝަރީއަތުގައި ވިދާޅުވީ އެމްޑީޕީން ކޯޓަށް މައްސަލަ ހުށަހެޅި އިރު އިލެކްޝަންސް ކޮމިޝަނުގައި އޮތީ 2006 ވަނަ އަހަރުގެ އަސާސީ ގަވާއިދު ކަމަށާއި އެ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރަން ޖެހޭނީ ޕާޓީގެ ކޮންގްރެސް އަކުން ކަމަށެވެ.
ނަމަވެސް ޑީޑީ އައްޔަންކޮށްފައި ވަނީ އެމްޑީޕީން ފަހުން އިސްލާހު ކޮށްފައިވާ އަސާސީ ގަވާއިދުގައިވާ ގޮތަށް މެންބަރުންގެ ވޯޓަކުން ކަމަށް ވާތީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ ކުރިން އެއީ އިޖްރާއީ މައްސަލައެއްގެ ގޮތުގައި ދޭކޭ ކަމަށް އުޝާމް ވިދާޅުވި އެވެ.
އެ އިޖްރާއީ ނުކުތާ އަށް ރައްދު ދެއްވަމުން އެމްޑީޕީގެ ގާނޫނީ ވަކީލާ ހިސާން ހަސަން ވިދާޅުވީ އެމްޑީޕީން 2010 ވަނަ އަހަރު ބޭއްވި ގޮންގްރެސް އިން ވަނީ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސްފައި ކަމަށާއި އެ ގަވާއިދުގައި ޕާޓީގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރަން ޖެހޭނީ މެންބަރުންގެ ވޯޓަކުން ކަމަށް ބުނެފައިވާ ކަމަށެވެ.
އަދި ކޮންގްރެސް އިން ފާސްކޮށްފައިވާ އަސާސީ ގަވާއިދު އިލެކްޝަންސް ކޮމިޝަނަށް އޭރު ހުށަނާޅާ އޮތުމަކީ ކޮންގެސްރެސް އިން ފާސްކޮފައިވާ ނިންމުން ބާތިލުވާނެ ނިންމުމެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ. އޭގެ އިތުރުން ޕާޓީގެ ރައީސް ޑރ.ޑީޑީ ޕާޓީގެ ރައީސް ކަމަށް އައްޔަން ކުރި ފަހުން ދައުލަތުން ވެސް އަދި އިލެކްޝަންސް ކޮމިޝަނުން ވެސް މިހާތަނަށް ޑީޑީއާ މުހާތަބު ކުރަނީ އެމްޑީޕީގެ ރައީސް ގޮތުގައި ކަމަށް ޝަރީއަތުގައި އެމްޑީޕީން ވަނީ ބުނެފަ އެވެ.
އަދި ޑރ. ޑީޑީ ޕާޓީގެ ރައީސް ކަމަށް އައްޔަންކޮށްފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވޭތޯ އެމްޑީޕީން ދައުލަތުގެ ވަކީލުންނާ ސުވާލު ކުރެއްވި އެވެ.
އެ މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ، ހާތިފް ހިލްމީ ޝަރީއަތް ނިންމަވާލެއްވީ ދައުލަތުން ހުށަހެޅި އިޖުރާއީ ނުކުތާއަށް މި ހަފްތާއި އިތުރު އަޑު އެހުމެއް ބޭއްވުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ލޮނުޒިޔާރަތް ކޮޅުގައި އެމްޑީޕީ އިން ޖެހި ކޭމްޕްތައް ރޫޅާލުމުން، ސިފައިންނާއި ފުލުހުންގެ މައްޗަށް އެމްޑީޕީން ހުށަހެޅި ދައުވާ ފުރަތަމަ އެ ޕާޓީން ހުށަހެޅީ ޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ސޮއި ކުރުމަށްފަހުގަ އެވެ. އެހެން ނަމަވެސް އެމްޑީޕީ އިން ދައުވާ ކުރާ މައްސަލަތަކުގެ ދައުވާ ފޯމްގައި ސޮއިކުރުމުގެ ބާރު ރީކޯ މޫސަ މަނިކަށް ލިބިފައިނުވާ ކަމަށް ކަނޑައަޅައި، ކޯޓުން އެ ފަހަރު އެ މައްސަލަ ބޭރުކޮށްލުމުން ޕާޓީގެ ރައީސް ޑީޑީ ސޮއިކުރައްވައި އަލުން މައްސަލަ ހުށަހެޅީ އެވެ.