ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެއަށް ބަދަލުކުރަން ނިންމެވީ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގަތުމުން ގައުމުގެ މަސްލަހަތު އިސްކޮށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި ކަމަށް، މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު މުއިއްޒު ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސް ޞާލިޙާ ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގެ ކުރިން، ޔާމީން ގެއަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ކަރެކްޝަންސްއިން ވަނީ ހާމަކޮށްފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލު ކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

ރައީސާ ބައްދަލުކުރެއްވުމަށްފަހު މުއިއްޒު ވަޑައިގެންނެވީ ޔާމީނަށް މަރުހަބާ ވިދާޅުވުމަށް، އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހި ކައިރިއަށެވެ. އެތަނުގައި ހުންނަވައިގެން މީޑިއާތަކާ ވާހަކަދައްކަވަމުން މުއިއްޒު ވަނީ ރައީސާ ދެއްކެވި ވާހަކަފުޅުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ޔާމީން ގެޔަށް ބަދަލުކުރަން ރައީސް ނިންމެވި ސަބަބާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަދެއްކެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގައުމުގެ ރައްޔިތުން ބަސް އިއްވެވީމާ އެ ގޮތް ނިންމެވީކަމަށް ރައީސް ޞާލިޙު ވިދާޅުވީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިވަގުތަކީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމު އިސްކުރަންވީ ވަގުތު ކަމަށެވެ. އަދި ގައުމުގެ މައްސަލަހަތައް ހައްލުކުރުމަށް ޓަކައި ރައީސް ޔާމީނުގެ ލަފާފުޅާއި އެމަނިކުފާނުގެ ޚިޔާލު ހޯއްދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ގައުމުގެ މައްސަލަތު މިވަގުތު ހުރިގޮތުން އެކަންކަން ހައްލުކުރުމަށް އެމަނިކުފާނުގެ ކިބައިން ލިބޭ ލަފާފުޅުތައް ވަރަށް ވެލިއުބަލްވާނެ،" މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީން މިހާރު ވަނީ ގެކޮޅަށް ވަޑައިގެންފައެވެ. އެ މަނިކުފާނަށް މަރުހަބާ ދެންނެވި ބޭފުޅުންގެ ތެރޭގައި މުއިއްޒުގެ އިތުރުން އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕް ހިމެނެއެވެ.

މީގެ އިތުރުން އެތައް ސަތޭކަ ސަޕޯޓަރުން ވެސް ދޫވެހި ކައިރިއަށް އެއްވެފައި ތިއްބެވެ. ޔާމީން ގެކޮޅަށް ވަދެވަޑައިގަތުމުގެ ކުރިން ކުޑަ ވަގުތުކޮޅަކަށް މުއިއްޒާ ވާހަކަދައްކަވައި، ސަޕޯޓަރުންނާ ވެސް ސަލާން ކުރެއްވިއެވެ.

ފަތުރުވެރިކަމަށް އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދެ ދައުވާ ވެސް ސާބިތުވެ، މިދިޔަ ޑިސެމްބަރު 25ގައި ކްރިމިނަލް ކޯޓުން ވަނީ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 108،735 ވޯޓެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މުއިއްޒު 54 އިންސައްތަ ވޯޓު ހޯއްދެވިއެވެ. އެއީ، 126،499 ވޯޓެވެ.

އިއްޔެގެ އިންތިޚާބުން ނާކާމިޔާބުވުމަށް ފަހު، ރައީސް ޞާލިޙް ވަނީ ބަލި ގަބޫލުކުރައްވައި، މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.

ރާއްޖޭގެ އަށްވަނަ ރައީސަކަށް އިންތިޚާބުވި މުއިއްޒު ހުވާ ކުރެއްވުން އޮންނާނީ ނޮވެމްބަރު 17 ގައެވެ.