ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައެއް ކަންކަން ސާފުކުރުމަށް ފޮނުވާފައިވާ މައްސަލަ އެޖެންޑާކޮށް، މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުން ކުރަންޖެހުނު މަސައްކަތްތައް އަދި ނުނިމޭތީ އިލެކްޝަންސް ކޮމިޝަނުގެ އެދިވަޑައިގަތުމުގެ މަތީން މާދަމާ ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

ނަމަވެސް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް, ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓު ނެގުމަށް ގޮވާލައްވައި ހުށަހަޅުއްވާފައިވާ ގަރާރާ ގުޅިގެން އީސީން އެދިފައިވާ ކަންކަން ސާފުކުރުމަށްޓަކައި މާދަމާ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޖަލްސާގެ އެޖެންޑާގައި އެ މައްސަލައިގެ އިތުރުން މަޖިލީހުގެ މެންބަރުން އިތުރުކުރުން ހުއްޓުމަށް އިލްޔާސް ހުށަހެޅުއްވި ބިލާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލުގެ ބަހުސް ވެސް ހިމެނެއެވެ.

އަންނަ ނޮވެމްބަރު މަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހަށް ހުށަހެޅި ގަރާރު، މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އެކަން އީސީއަށް ހުށަހެޅީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

އެއަށްފަހު އީސީން ވަނީ ސާފުކުރަންޖެހޭ ބައެއް ކަންކަން ހުރުމާއެކު އަލުން އެކަންކަން ބަލައި ސާފުކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހަޅައިފައެވެ.

އެކަން ސާފުކުރުމަށް މަޖިލީހުން މިދިޔަ މަހުގެ 25 ވަނަ ދުވަހު އެޖެންޑާ ކުރި ޖަލްސާ ކޯރަމް ހަމަ ނުވުމުގެ ސަބަބުން ވަނީ ނުބޭއްވިފައެވެ. އެއަށްފަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކެމްޕޭން ކުރެއްވުމުގައި ގިނަ މެންބަރުންތަކެއް އުޅުއްވާތީ މަޖިލީހުގެ ޖަލްސާތައް ބޭއްވުން ވަނީ އިންތިޚާބަށް ފަހު ބާއްވަން ފަސްކޮށްފައެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެންމެ ބޮޑަށް ވަކާލާތުކުރަމުން ދާ ބޭފުޅަކީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

މީގެ ކުރިން 2007 ވަނަ އަހަރު ވަނީ ނިޒާމީ ވޯޓެއް ނަގައިފައެވެ. އެކަމަކު، އެ ފަހަރު ނިންމީ ރިޔާސީ ނިޒާމެއްގައި ކުރިއަށް ގެންދާށެވެ. އެ ވޯޓު ނެގިއިރު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ތާއިދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށެވެ.

ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ދެމެދު މައްސަލަ އުފެދި، ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އެމްޑީޕީގެ ތެރެއިން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދި މައިގަނޑު ސަބަބަކީ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކެވެ. ނަޝީދު ތާއަބަދު ގެންދަވަނީ ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.